މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ، މިލަދުންމަޑުލު އުތުރުބުރީ ކައުންސިލްގެ މެމްބަރުންނާއި ބައްދަލުކުރެއްވުން

މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ޢާއިޝަތު މުޙައްމަދުދީދީ، މިލަދުންމަޑުލު އުތުރުބުރީ ކައުންސިލްގެ މެމްބަރުންނާއި ބައްދަލުކުރައްވައިފިއެވެ.

މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގައި ބުދަ ދުވަހު ބޭއްވި މިބައްދަލުވުމުގައި ލާމަރުކަޒީ ޤާނޫނުން ކައުންސިލަށް ލިބިދީފައިވާ ބާރުތައް ލިބުމުގައި ހުރިހުރަސްތައް ކުޑަކުރުމާއި ކައުންސިލްގެ ތަރައްޤީގެ ޕްލޭންގެ ލަނޑުދަނޑިތަކަށް ވާސިލްވުމަށް ހުރި ގޮންޖެހުންތައް ކުޑަކޮށް، އަތޮޅު ތަރައްޤީއަށް މަގުފަހި ކުރުމާއި، 2022 ވަނަ އަހަރަށް ކައުންސިލުން ފާސްކޮށްފައިވާ އަހަރީ މަސައްކަތުގެ ތާވަލުގައި ހިމެނޭ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ކަންތައް ފަހިކުރުމާއި، އަތޮޅާއި ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިއްމު މަޝްރޫޢުތަކާއި، ފެށިފައިވާ މަޝްރޫޢުތައް ހަލުއިކުރުމަށް ކަމާއި ގުޅުން ހުރި މުވައްސަސާތަކާއިއެކު ޕޮލިސީ ލެވެލްގައި މަޝްވަރާކޮށް އަތޮޅު ތަރައްޤީގެ އެންމެހާ ކަންކަމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. މިބައްދަލުވުމުގައި މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ޢާއިޝަތު މުޙައްމަދުދީދީ، ދެއްކެވި ވާހަކަފުޅުގައި މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭ ކަންކަމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މިނިސްޓްރީން މިހާރު އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދާ އިޖްތިމާޢީ ބަދަހި މަދަދުވެރިން “އިބަމަ”އިގެ މަސައްކަތުގައި ށ.އަތޮޅު ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށް ވިދާޅުވެ، އެއަތޮޅުގައި އިބަމަ ތަޢާރަފްކުރުމަށް ކައުންސިލުން ދެއްވަމުން ގެންދަވާ އެހީތެރިކަން ވަނީ ފާހަގަކުރައްވާފައެވެ. އިބަމަ ތަޢާރަފްވުމުން މިކަމުން މުޖުތަމަޢުތައް ކުރާނެ ފާއިދާތަކާއި އިބަމައިގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާވަނީ ވާހަކަދައްކަވާފައެވެ. މީގެ އިތުރުން މިބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރުންވަނީ، މިނިސްޓްރީން މިވަގުތު ކުރިއަށްގެންދާ އެކި އެކި ކެމްޕެއިންތަކާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އެގޮތުން “ގެވެށި ގުޅުން” އަދި “ރަންވޭލާ” ފަދަ ކެމްޕެއިންތަކާއި ބެހޭ މަޢުލޫމާތާއި، ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭންއާއި ބެހޭ މަޢުލޫމާތުވެސް ވަނީ ހިއްސާކޮށްފައެވެ.

މިބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރ، ޒިފްލީނާ ޙަސަން، ސްޓޭޓް މިނިސްޓަރ ފަޒްނާ ޝާކިރު، ސްޓޭޓް މިނިސްޓަރ މުޙައްމަދު ޝިހާބު، ޕާރމަނަންޓް ސެކްރެޓަރީ ޟައުފިޝާން އަބްދުﷲ ކަމާލުއްދީންއާއި މިނިސްޓްރީގެ އެކި އެކި ޑިޕާރޓްމަންޓްތަކުގެ އިސްވެރިންވަނީ ބައިވެރިވެވަޑައިގެންފައެވެ.

22 ރަޖަބް 1443

23 ފެބުރުއަރީ 2022

Leave a Reply

Your email address will not be published. Required fields are marked *