މަސްތުވާތަކެތި ވިއްކުމާއި ބޭނުންކުރާ މީހުންގެ ސަބަބުން، އެ ކަމުގެ ނޭދެވޭ އަސަރު ކޮންމެ ފަރުދަކަށް ވެސް ފޯރާ – މިނިސްޓަރ ޝިދާތާ

މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސަލަތަކުގައި، ގިނަ ފަހަރަށް ޤަބޫލުކުރެވިފައި އޮންނަނީ، އެ ކަމުގެ ސަބަބުން އަސަރުކުރާނީ އެ ކަމުގެ ޝިކާރައަށްވެފައިވާ މީހާއަށް ނުވަތަ އެ ފަދަ މީހެއްގެ ޢާއިލާއަށް އެކަނި ކަމަށާއި، އެހެން ނަމަވެސް މަސްތުވާތަކެތި ވިއްކުމާއި ބޭނުންކުރާ މީހުންގެ ސަބަބުން، އެ ކަމުގެ ނޭދެވޭ އަސަރު ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ކޮންމެ ފަރުދަކަށް ވެސް ފޯރާ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ދުވަސް 2019 ފާހަގަކުރުމުގެ ގޮތުން ނޭޝަނަލް ޑްރަގް އޭޖެންސީން ބާއްވާ އޯޕަންޑޭ ހުޅުވުމުގެ ގޮތުން ސޯޝަލް ސެންޓަރގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝިދާތާ ވިދާޅުވީ މަސްތުވާތަކެތީގެ ސަބަބުން ދައުލަތުގެ އިޖުތިމާޢީ ރައްކައުތެރިކަމުގެ ނިޒާމުގެ ތެރެއިން ކުރެވޭ ޚަރަދު އިތުރުވުމާއި، އަމަންއަމާންކަން ބެލެހެއްޓުމާއި، ތަޙުޤީޤީ، ތަންފީޛީ އަދި ޝަރުޢީ ދާއިރާއަށް ކުރެވޭ ޚަރަދު އިތުރުވެގެން ދިއުމުގެ ސަބަބުން އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައްޔާއި ތަރައްޤީގެ މަޝްރޫޢަށް ކުރެވޭ ޚަރަދުތައް ވަރަށް ބޮޑަށް ކުޑަވެގެން ދާ ކަމަށެވެ. އަދި މަސްތުވާތަކެތީގެ ޝިކާރައަކަށް ވަމުންދާ ޒުވާނުންގެ ޢަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ އިރު، އެއީ ޤައުމު ބިނާކުރުމުގައި ދަތިތަކާއި ހުރަސްތައް ކުރިމަތިކުރުވާނެ ކަމެއްކަން ފާހަގަކުރައްވައި، ޤައުމު ބިނާކުރުމުގައި މާދަމާ ހަރަކާތްތެރިވާން އޮތް ޖީލު، ފަނާކުރަނިވި މި ނުރައްކަލުން ސަލާމަތްކުރުމަށް މަސައްކަތްކުރުމަކީ ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާއެއް ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ސަބަބުން ނުކުންނަ އިޤުތިޞާދީ މައްސަލަތަކުގެ ތެރޭގައި ދިވެހި އިޤުތިޞާދުގެ ތެރޭގައި ދައުރުވާ ގިނަ އަދަދެއްގެ ބޭރު ފައިސާ ރާއްޖޭން ބޭރަށް ދިޔުމާއި، ވަގު ވިޔަފާރިއާއި ކަޅު ބާޒާރު ދުވަހެއް ދުވަހަކަށް ފުޅާވުމާއި، ވަޒީފާގެ ބާޒާރަށް ބޭނުންވާ އިންސާނީ ވަސީލަތް އުފެއްދުމަށް ހުރަސް އެޅިގެން ދިއުން ހިމެނޭ ކަމަށް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ. އަދި އިޖުތިމާޢީ މައްސަލަތަކުގެ ތެރޭގައި، ތަފާތު އެކި ބާވަތުގެ ޖިނާއީ ކުށްތަކަށް އަރައިގަތުމާއި ޢާއިލީ މައްސަލަތައް އިތުރުވުން ފާހަގަކުރެވިފައިވާ ކަމަށް ވެސް އެ ކަމަނާ ވިދާޅުވިއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ތެދުވެ، މުޖުތަމަޢު ސަލާމަތްކުރުމުގެ ގޮތުން ދައުލަތާއި ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ޝާމިލުވުމާއެކު، މެދުކަނޑުމެއް ނެތި ކުރެވެމުންދާ މަސައްކަތްތަކާއެކު ވެސް މަސްތުވާތަކެތި ބޭނުންކުރުމާއި، މަސްތުވާތަކެތި ގެންގުޅުމާއި މަސްތުވާތަކެތި ވިއްކުމުގެ މުޢާމަލާތްތައް މުޖުތަމަޢުގައި ދެމިގެންދާ ކަމީ، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކުން އެ ވިޔަފާރިކުރުމުގައި ގެންގުޅޭ ވައްޓަފާޅި ބަދަލުކޮށް، އެ ވިޔަފާރިކުރުމަށް އައު ގޮތްތައް ހޯދަމުންދާ ކަމުގެ ހެއްކެއް ކަމަށް މިނިސްޓަރ ޝިދާތާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އަދި މި މައްސަލަ ޙައްލުކުރުމަށް ކުރާ މަސައްކަތުގައި ތަފާތު ވިސްނުމެއް ގެންގުޅެން ޖެހޭ ކަން ފާހަގަކުރައްވައި، އީޖާދުވަމުންދާ އައު ގޮތްތަކާ އެއްހަމައެއްގައި މަސައްކަތް ވެސް ކާމިޔާބުކުރުމަށް ޓަކައި އައު ތަޞައްވުރުތައް އެކުލަވައިލައި އައު ޕްލޭންތަކަށް މަސައްކަތްކުރަން ޖެހޭ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ކަމަކީ މަސްތުވާތަކެތީގެ ސަބަބުން ތިމާއަށާއި މުޅި މުޖުތަމަޢުއަށް ކުރާ އަސަރު އެންމެހައި ފަރުދުންނަށް ވިސްނޭނެ ގޮތަކަށް މަސައްކަތްތައް ބައްޓަންކުރުން ކަމަށް ވެސް އެ ކަމަނާ ވިދާޅުވިއެވެ.

15  މުޙައްރަމް  1441

14 ސެޕްޓެންބަރު 2019

Leave a Reply

Your email address will not be published. Required fields are marked *