އޭޖްޑް ކެއަރ މޯލްޑިވްސް ގެ ފަރާތުން ތައްޔާރުކުރި، ކ.ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ އެސެސްމަންޓް ރިޕޯޓާ ގުޅޭގޮތުން

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ގެ އެދުމުގެ މަތިން، އޭޖްޑް ކެއަރ މޯލްޑިވްސް ގެ ފަރާތުން، ކ.ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު (އެޗް.ޕީ.އެސް.އެން) ގެ އެސެސްމަންޓެއް ހައްދަވާ، ހުށަހެޅުއްވި ރިޕޯޓާ ގުޅޭގޮތުން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ އާއި އޭޖްޑް ކެއަރ މޯލްޑިވްސްގެ ފައުންޑަރ ޑރ. އައިމިނަތު ޖަމީލު ބައްދަލުކުރައްވާ މަޝްވަރާ ކުރައްވައިފިއެވެ.

މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީ އާއި ޑރ. އައިމިނަތު ޖަމީލުގެ މި ބައްދަލުވުމުގައި، އޭޖްޑް ކެއަރ މޯލްޑިވްސް އިން ހުށަހެޅުއްވި އެސެސްމަންޓް ރިޕޯޓުގައި ލަފާދެއްވާފައިވާ ކަންކަމުގެ ތެރެއިން، މަރުކަޒުގައި މަސައްކަތްކުރާ ކެއަރވާރކަރުންގެ ދާއިރާއާއިގުޅޭ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ހުނަރު ވަކިފެންވަރެއްގައި ބެހެއްޓުމަށްޓަކާ ސަރޓިފިކޭޝަން ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމެވިއެވެ. އަދި އެޗް.ޕީ.އެސް.އެން އަކީ ތަފާތު ބަލިތައް ތަޙައްމަލު ކުރާ މީހުން ތިބޭ ތަނަކަށް ވުމާއެކު، ޑައިޓްރީޝަނެއްގެ ލަފާގެ ދަށުން މިހާރު ހަދާފައިވާ ނިއުޓްރިޝަން އެސެސްމަންޓް އާއި ބެހޭގޮތުން މަޝްވަރާކޮށް، އެކަން ތަންފީޒުކުރުމަށް ވަނީ ނިންމަވާފައެވެ.

އޭޖްޑް ކެއަރ ގެ އެސެސްމަންޓް ރިޕޯޓުގައި ފާހަގަ ކުރައްވާފައިވާ ކަންކަމުގެ ތެރެއިން ޕޭޝަންޓްކެއަރ އާއި ގުޅޭގޮތުން ހުރިކަންކަން މިހާރު ގޮސްފައިވާ ހިސާބު މިބައްދަލުވުގައި މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީ ހިއްސާކުރެއްވިއެވެ. އެގޮތުން މިވަގުތު އެޗް.ޕީ.އެސް.އެން ގައި މެޑިކަލް ޑޮކްޓަރަކާއި، ތިން ނަރުހުން އަދި ފިޒިއޮތެރަޕިސްޓެއް މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަ ކުރެއްވިއެވެ. އަދި އިތުރު ފަސް ނަރުހުންނާއި މެޑިކަލް އޮފިސަރަކު ރެކްރޫޓްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަން ވެސް ފާހަގަ ކުރެއްވިއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއި އޭޖްޑް ކެއަރ މޯލްޑިވްސް ގުޅިގެން، އެޗް.ޕީ.އެސް.އެން ގެ ބަލިމީހުންގެ ޙާލަތާއި އެމީހުން ކުރާ ތަޖުރިބާ ހަރުދަނާކުރުމުގެ ގޮތުން މަސައްކަތް ކުރުމުގެ އެއްބަސްވުމެއް އެކުލަވާލުމަށް މިބައްދަލުވުމުގައި ނިންމަވާފައިވެއެވެ.

22 ރަބީޢުލްއައްވަލް 1443

28  އޮކްޓޫބަރު   2021

Leave a Reply

Your email address will not be published. Required fields are marked *