ދޮށީ އުމުރުގެ މީހުންގެ ބައިވެރިވުން މުޖުތަމަޢުގައި އިތުރުކުރަންޖެހޭ

އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން “ރަންވޭލާ” ކެމްޕެއިންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތަކެއް ލ.އަތޮޅު ގަން އަދި ފޮނަދޫގައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން  ހިންގައިފިއެވެ. މުޖުތަމަޢުގައި އުމުރުންދުވަސްވީ މީހުންގެ ބައިވެރިވުން އިތުރުކުރުމާއި، އެމީހުންނަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ލިބޭނެ ގޮތްތައް މަގުފަހިކޮށްދިނުމާއި، އެމީހުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަކެޔޮކަން އިތުރުކުރުމުގެ މުހިއްމުކަމަށް އަލިއަޅުވާލުމުގެ ގޮތުން ބޭއްވުން މިސެކްޝަންތަކުގައި 100 އަށް ވުރެން ގިނަ ދޮށީ އުމުރުގެ މީހުން ވަނީ ބައިވެރިވެފައެވެ.

ލ.އަތޮޅުގައި މިނިސްޓްރީއިން ކުރިއަށްގެންދިޔަ “ރަންވެލާ” ކެމްޕެއިންގެ ހަރަކާތްތަކުގެ ތެރެއިން މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ ވަނީ ދޮށީ އުމުރުގެ މީހުންނާ ބައްދަލްކުރައްވާ އެމީހުންގެ ޝުޢޫރުތައް އަޑުއައްސަވާފައެވެ. އަދި، ދޮށީ އުމުރުގެ މީހުންގެ އަގުވަޒަންކުރުމަށާއި އެމީހުންގެ ބައިވެރިވުން އިތުރުކުމަށް މުޖްތަމަޢު އަދި އާއިލާތަކުން އިތުރަށް މަސައްކަތްކުރަން ޖެހޭކަމަށް މިނިސްތަރ ޒެނީޝާ ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައި އަދި ޤައުމީ ފެންވަރުގައި ދޮށީ އުމުރުގެ މީހުން ކޮށްދެއްވާފައިވާ މަސައްކަތްތައް ފާހަގަކުރުމުގެ ގޮތުން ‘އަގުވަޒަންކުރުން” މިނަމުގައި މިނިސްޓްރީއިން މިއަހަރު އިފްތިތާޙުކޮށްގެން ކުރިއަށްގެންދާ ސޯޝަލް މިޑިޔާ ކެމްޕެއިންގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް މިނިސްޓަރ ޒެނީޝާ އެދިވަޑައިގެންނެވިއެވެ.

މިނިސްޓަރ ޒެނީޝާގެ މިދަތުރުފުޅުގައި ލ.އަތޮޅު ހުންނަ ފެމިލީ އެންޑް ޗިލްޑްރަންސް ސާރވިސް ސެންޓަރުގެ މުވައްޒަފުންނާއި ބައްދަލްކުރައްވާ މިހާރު އެސެންޓަރުން ދެމުންގެނދާ ޚިދްމަތްތައް އިތުރަށް ހަރުދަނާކުރުމާއި ބެހޭގޮތުންވަނީ މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން ލ. އަތުޅުގެ އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތައް، ޕޮލިސް ސްޓޭޝަން، ހޮސްޕިޓަލާއި ހެލްތް ސެންޓަރތައް، އަމިއްލަ ޖަމިއްޔާތައް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިސްވެރީންނާއި ބައްދަލްކުރައްވާ މިނިސްޓްރީގެ މަސައްކަތްތަކާއިގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރައްވައި އެ މުއައްސަސާތަކާ ގުޅިގެން ކުރެވޭނެ މަސައްކަތްތަކާބެހޭ ގޮތުން މަޝްވަރާ ކުރައްވާފަވެއެވެ.

‘ރަންވެލާ” ކެމްޕޭން އަކީ 14 އޯގަސްޓް 2016 ވަނަ ދުވަހު އުމުރުން ދުވަސްވީ މީހުންނަށް އަޅާލާ، އޯގާތެރި އަދި ރައްކާތެރި ވެއްޓެއް ބިނާކުރުމަށާއި، ދޮށީއުމުރުގެ މީހުންގެ ބައިވެރިވުން މުޖްތަމަޢުގައި އިތުރުކޮށް، އެމީހުންނަށް މިނިވަންކަމާއި އުފާވެރިކަމާއެކު އުޅެވޭނެ މަގު ތަނަވަސްކޮށްދިނުމަށް މަސައްކަތްކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންދަރ އެންޑް ފެމިލީއިން އިފްތިތާޙުކޮށްފައިވާ ކެމްޕެއިނެކެވެ. މިކެމްޕެއިންގެ ދަށުން، އުމުރުން ދުވަސްވީ މީހުންނަށް ހިންގާ ހޭލުންތެރިކަން އިތުރުކުރުމުގެ  ސެޝަންތަކުގެ އިތުރުން ސޯޝަލް ސާރވިސް ވަރކަރުންނާއި ހެލްތް އޮފިސަރުންނަށް އަމާޒުކޮށްގެން ތަމްރީން ޕްރޮޤްރާމްތަކާއި އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ ހެލްތް ސްކްރީނިންގ ޕްރޮޤްރާމްތަކެއްވެސް މިނިސްޓްރީއިން ދަނީ މާލެ އާއި އަތޮޅުތަކުގައި ކުރިއަށްގެންދަމުންނެވެ.

                                      28 ނޮވެމްބަރ 2016

Leave a Reply

Your email address will not be published. Required fields are marked *