އަނިޔާއިން ކުޑަކުދިން ރައްކާތެރިކުރުމަށް ޤައުމީ އެކްޝަން ޕްލޭނެއް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން އިފްތިތާޙްކޮށްފި

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން އިސްނަގައިގެން ކަމާބެހޭ ދާއިރާތަކާއެކު، އަނިޔާއިން ކުޑަކުދިން ރައްކާތެރިކުރުމަށް އެކުލަވާލި ޤައުމީ އެކްޝަން ޕްލޭން އިފްތިތާޙްކޮށްފިއެވެ. މިއަދު ކުރުނބާ މޯލްޑިވްސްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، އެކްޝަން ޕްލޭން އިފްތިތާޙްކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާޠިމަތު އިބްރާހީމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒާކީ ވިދާޅުވީ “އަނިޔާއިން ކުޑަކުދިން ރައްކާތެރިކުރުމަށް ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގައި މިފަދަ ޕްލޭނެއް އެކުލަވާލުމަކީ ވަރަށް ބޮޑު ކުރިއެރުމެއްކަމަށާއި، މި ޕްލޭންގެ އެންމެ ބޮޑު ކާމިޔާބީއަކަށްވާނީ ތަންފީޛީ އިދާރާތަކުގެ މެދުގައި އޮންނަންޖެހޭ ކޯޑިނޭޝަން ވަރުގަދަވެ، ޚާއްޞަ ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ކުދިންނަށް ބޭނުންވާ ޚިދުމަތްތައް ލަސްނުވެ ލިބިގެންދިއުން” ކަމަށެވެ. އަދި، އަނިޔާގެ ސަބަބުން ކުދިންނަށް އަންނަ ބަދަލުތައް ނުވަތަ ކުޑަކުއްޖަކަށް އަނިޔާއެއް ލިބޭކަމުގެ ނިޝާންތައް ދެނެގަނެ އެފަދަ މައްސަލަތައް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ލަސްނުކޮށް ގެނެސްދެއްވުމަށްވެސް މިނިސްޓަރ ޒެނީޝާ އިލްތިމާސްކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ޔުނިސެފް އިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ރެޕްރެޒެންޓެޓިވް ޑރ. އެލިސް އަކުންގާގެ ވާހަކަފުޅުގައި، އ.ދ.ގެ ސާސްކަފުގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ދިވެހިރާއްޖެއިން ހޯދާފައިވާ ކުރިއެރުންތަކާއި، އެބޭފުޅާގެ 3 އަހަރު ދުވަހުގެ ޓެނުއަރގައި މިދާއިރާއިން ހޯދަމުންދާ ކާމިޔާބުތައް ފާހަގަކުރައްވައި، މިފަދަ މަސައްކަތްތައް ކުރިއަށް އޮތްތަނުގައިވެސް ހަލުވި ދުވެއްޔެއްގައި ކުރިޔަށްގެންދެވުމަށް ހިތްވަރުދެއްވަމުން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ރާއްޖޭގެ ކަމާބެހޭ ދާއިރާތަކާއެކު ޔުނިސެފުން އަބަދުވެސް މަސައްކަތްކުރަމުން ގެންދާނެކަމުގައި ވިދާޅުވިއެވެ.

ޤައުމީ މަހާސިންތާގެ ބައިވެރިންގެ ފަރާތުން ޝުކުރުދެންނެވުމުގެ ގޮތުން ވާހަކަފުޅުދައްކަވަމުން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ މުޝްރިފް ވާއިޟް އައްޝައިޚް ޢިއްޒުއްދީން އަދުނާން ވިދާޅުވީ ކުޑަކުދިން އިސްލާޙުކުރުމުގެ ގޮތުން އެކުދިންނަށް އަދަބު ދިނުމުގައި ނުވަތަ އެނޫންވެސް ގޮތެއްގައި، ކުޑަކުދިންނަށް އަނިޔާކުރުމަކީ އެއްވެސް ހާލަތެއްގައި އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫންކަމަށާއި، މިކަމާގުޅޭގޮތުން މުޖުތަމަޢުގައި އުފެދިފައިވާ ކުށްހީތައް ނައްތާލަންޖެހޭކަމަށެވެ.

އަނިޔާއިން ކުޑަކުދިން ރައްކާތެރިކުރުމަށް އެކުލަވާލި މި އެކްޝަން ޕްލޭނަކީ ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކާއި ދައުލަތުގެ މުއައްސަސާތަކާއި މަދަނީ ޖަމްޢިއްޔާތަކުގެ އިތުރުން ރާއްޖޭން ބޭރުގެ ފަރާތްތައް ހިމެނޭގޮތަށް 59 ބައިވެރިންނާއެކު، މިމަހު 15 އިން 17 އަށް ބޭއްވި ޤައުމީ މަހާސިންތާގައި މަޝްވަރާކުރުމަށްފަހު ކުރިއަށް އޮތް 2 އަހަރު ދުވަހަށް އެކުލަވާލެވިފައިވާ ޕްލޭނެކެވެ.

25 ޛުލްޤައިދާ 1438

17 އޮގަސްޓު 2017

Leave a Reply

Your email address will not be published. Required fields are marked *