ކ. ގުރައިދޫގައި ހުންނަ ޙާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބޭ މީހުން އަދި މުވައްޒަފުންގެ ތެރެއިން ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވުމާއި ގުޅޭ

ކ. ގުރައިދޫގައި ހުންނަ ޙާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ މުވައްޒަފުންނާއި ބަލިމީހުންގެ ތެރެއިން ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން، އެމަރުކަޒު ލޮކްޑައުންކުރަން ނިންމައި، 23 އޮކްޓޯބަރ 2021 ހޮނިހިރުދުވަހުގެ އިރުއޮއްސި 6 ން ފެށިގެން، މަރުކަޒަށް މީހުން ވަދެ ނިކުމެއުޅުން ވަނީ ކޮންޓްރޯލް ކޮށްފައެވެ.

މީގެ އިތުރުން މަރުކަޒުގައި ތިބި ޕޮޒިޓިވް ވެފައިވާ ފަރާތްތަކާއި އަދި މަރުކަޒުގައި ތިބޭ އެހެން މީހުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް، މަރުކަޒުގެ ސިއްހީ ޚިދުމަތްތެރިންގެ ޓީމުން ގެންދަނީ ގުރައިދޫ ސިއްހީ މަރުކަޒުގެ އިރުޝާދާއި ލަފާގެ މަތީން ފިޔަވަޅުތައް އަޅާ، އެޗް.ޕީ.އޭ ގެ ގަވާއިދާއި އެއްގޮތް ވާގޮތުގެ މަތީން ކުރަންޖެހޭ ކަންކަން ކުރަމުންނެވެ.

މަރުކަޒުގައި ތިބޭ ހުރިހާ މީހުންނާއި މުވައްޒަފުންވަނީ ކޮވިޑަށް ޓެސްޓް ކުރެވިފައެވެ. އަދި ގަވާއިދުން ސިއްހީ ހާލަތު މޮނިޓަރކޮށް އިތުރު ފަރުވާ ލިބެންޖެހޭނެ އެންމެންނަށް ވެސް ދަނީ ފަރުވާ ދެވެމުންނެވެ. ޕޮޒިޓިވް ވެފައިވާ ބަލިމީހުން ވަނީ ކޮވިޑް ފެސިލިޓީއަށް ބަދަލުކޮށްފައެވެ. އަދި އެނޫން ފަރާތްތައް ވަނީ މަރުކަޒުގައި އައިސޮލޭޓް ކުރެވިފައެވެ.

ގުރައިދޫ މަރުކަޒުގެ ކޮވިޑްގެ ހާލަތު އާންމު ހާލަކަތަކަށް އަބުރާ ގެނައުމަށް ކުރަމުން ގެންދާ މަސައްކަތް ކުރިއަށްދާގޮތާ ބެހޭގޮތުން، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއިޝަތު މުހައްމަދު ދީދީ ވަނީ އިއްޔެ ހެނދުނު މަރުކަޒުގެ އިސްވެރިންނާއި އަދި ގުރައިދޫ ކައުންސިލްގެ ރައީސް އާއި، ހެލްތް ސެންޓަރުގެ އިސްވެރިޔާއާއި ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައެވެ.

އަދި މިވަގުތު އޮތް ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި ގުޅިގެން ސިއްހީ މަރުކަޒާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ބޭނުންވާ މެޑިކަލް އިކްއިޕްމަންޓާއި ކޮންޒިއުމަބްލްސް އަދި އެނޫންވެސް ވަސީލަތްތައް ގުރައިދޫއަށް ޖަމާކުރުމުގެ މަސައްކަތް އިންތިޒާމު ކުރެވެމުންދާ ގޮތުގެ މައުލޫމާތު ހޯއްދަވާ، އިތުރަށް ބޭނުންވާ ކަންކަން ހަމަޖެއްސުމުގެ ކަންކަން ކުރިއަށް ގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން، ކާބޯތަކެއްޗަށް ދަތިނުވާނޭ ގޮތަށް މިހާރު ވާނީ މަރުކަޒުގައި ކާބޯތަކެތި ރައްކާކުރެވިފައެވެ.

މަރުކަޒުގެ މުވައްޒަފުން ލޮކްޑައުންގެ މުއްދަތުގައި މަރުކަޒުގެ ތެރޭގައި ތިބުމަށް ބޭނުންވާ ހުރިހާ އެއްޗެއް މިހާރު ވަނީ މަރުކަޒަށް ގެންގޮސްފައެވެ. އަދި ރައްކާތެރިކަމަށް ކުރިއަށް އޮތްތަނަށް ބޭނުންވާނޭ ޕީޕީއީ ކިޓާއި އެނޫންވެސް ސާމާނު ވަނީ ގެންގޮސް ނިމިފައެވެ. އިތުރަށް ބޭނުންވާ މެޑިކަލް ސަޕްލައިސް އާއި ކޮންޒިއުމަބަލްސް މިއަދު މަރުކަޒަށް ގެންދެވޭނެއެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވުމާއި ގުޅިގެން ރަށުގެ ސިއްހީ މަރުކަޒާއި ހާއްސައެހީއަށްބޭނުންވާ މީހުން ތިބޭ މަރުކަޒަށް ބޭނުންވާ އިތުރު ސިއްހީ ޚިދުމަތްތެރިން ގުރައިދުއަށް ދިއުމުގެ އިންތިޒާމު މިހާރު ގެންދަނީ ހަމަޖައްސަމުންނެވެ.

މަރުކަޒުގައި ތިބި ބަލި މީހުންނަށް ދޭން ޖެހޭ ސޯސަލް ސަޕޯޓުދިނުމަށް މިކަމުގެ ތަމްރީނު ލިބިފައިވާ ދެ ސޯޝަލްވާކަރުން ލޮކްޑައުންގެ މުއްދަތުގައި މަރުކަޒުގައި ހަރަކާތްތެރިވާނެ އެވެ.

މީގެ އިތުރުން ދިވެހި ރެޑް ކްރެސެންޓް ގެ ފަރާތުން ލޮކްޑައުންގައި ތިބި ފަރާތްތަކާއި މިހާލަތުން އަސަރު ކޮށްފައިވާ ރަށުގެ އެކި ފަރާތްތަކަށް އޮންލައިން ސައިކޮލޮޖިކަލް ފަސްޓް އެއިޑް ސެޝަންތައް ނަގައިދޭނެއެވެ. އަދި ކޮވިޑް ފެސިލިޓީގައި ތިބި ބަލިމީހުންނަށް، ކޮންމެ ދުވަހަކު އެއް ފަހަރު މިނިސްޓްރީގެ ޓީމެއްވެސް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. ބަލިމީހުންނާއި ބެހޭ ތަފާސް ހިސާބުތައް ދެއްވާނީ އެޗް.ޕީ.އޭ އިންނާއި ގުރައިދޫގެ ސިއްހީ މަރުކަޒުންނެވެ.

18 ރަބީޢުލްއައްވަލް 1443

24  އޮކްޓޫބަރު   2021

Leave a Reply

Your email address will not be published. Required fields are marked *