ކުޑަކުދިން ރައްކާތެރި ކުރުމުގެ ނިޒާމް ނުވަތަ ޗައިލްޑް ޕްރޮޓެކްޝަން ސިސްޓަމް ކިޔަނީ ކޮންކަމަކަށް؟

ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމަށާއި ކުޑަކުދިންގެ ހައްޤުތައް ހިމާޔަތްކުރުމުގެ ވާހަކަ ދެކެވޭ ކޮންމެ ފަހަރަކުމެ އެންމެ ބޮޑަށް އަޑުއިވިގެންދާ ބަހަކީ ޗައިލްޑް ޕްރޮޓެކްޝަން ސިސްޓަމް ނުވަތަ ކުޑަކުދިން ރައްކާތެރިކުރުމުގެ ނިޒާމް ހަރުދަނާކުރުމުގެ ވާހަކައެވެ. 2019 ވަނަ އަހަރުގެ ނޮވެންބަރ މަހުގެ 20 ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރެއްވި ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު (2019/19) ގައިވެސް ބާރު އެޅިފައިވާ މި ސިސްޓަމްއަކީ ކޮބައިކަން މިއަދު ދަނެގަންނަން އެބަޖެހެއެވެ. މި ސިސްޓަމްއަކީ ދަޢުލަތްބާއެވެ؟ މީހެއްބާއެވެ؟ ނުވަތަ ކަމާއި ގުޅުން ހުރި މުއައްސަސާތަކަށް ކިޔާ ނަމެއް ބާއެވެ؟. މިއީ އަޅުގަނޑުމެން ބަލާލަން ރަނގަޅު މައުޟޫއެކެވެ.

ބައިނަލްއަޤްވާމީ ގޮތުން ދިވެހިރާއްޖެ ބައިވެރިވެފައިވާ މުއާހަދާއެއްކަމަށްވާ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޗިލްޑްރަން އަދި ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު (2019/19) ގައި ކުޑަކުދިންގެ ރައްކާތެރިކުމުގެ ނިޒާމްގެ ވާހަކަ ވަކިގޮތަކަށް ބަޔާންކޮށްފައި ނުވަތަ މާނަކޮށްފައިނުވިކަމުގައިވިއަސް، މި ނިޒާމުގައި ހިމެނޭ ފަރާތްތަކާއި އެފަރާތްތަކުގެ ޒިންމަތަކާއި މަސްއޫލިއްޔަތްތައް ވަރަށް ފުރިހަމައަށް ބަޔާންކޮށްފައިވެއެވެ. މިގޮތުން ޤާނޫނުގެ މަޤްޞަދުގެ ތެރޭގައިވެސް “ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ޢާއިލާއާއި، މައިންބަފައިންނާއި، ބެލެނިވެރިންނާއި، މުޖުތަމަޢާއި، ދައުލަތާއި އެހެނިހެން ފަރާތްތަކުގެ ޒިންމާ ކަނޑައެޅުން ހިމެނިގެންވެއެވެ. އެހެންކަމުން ކުޑަކުދިން ރައްކާތެރިކުރުމުގެ ނިޒާމުގައި ކުޑަކުދިން، އެކުދިންގެ ބެލެނިވެރިންނާއި ބަލަދުވެރިން، އަދި ދަޢުލަތުގެ މުއައްސަސާތައް ހިމެނެއެވެ.

ކުޑަކުދިން

ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 4 ވަނަ މާއްދާގައި ކުޑަކުދިން މާނަކޮށްފައިވަނީ މައިމީހާގެ ބަނޑުގައި ގަރުބަގަތީއްސުރެ ދުނިޔެއަށް އުފަންވުމާ ދެމެދުގައިވާ ޙާލަތުގައިވާ ކުދިންނާއި، ދުނިޔެއަށް އުފަންވުމަށްފަހު، މީލާދީގޮތުން ( 18 އަށާރަ) އަހަރު ފުރިހަމަނުވާ ކުދިންނަށެވެ. އަދި ޤާނޫނުގެ 5 ވަނަ މާއްދާއިން 35 ވަނަ މާއްދާއަށް ކުޑަކުދިންގެ ހައްޤުތައް ބަޔާންކޮށްފައިވާހިނދު، ޤާނޫނުގެ 36 ވަނަ މާއްދާގައި ކުދިންގެ ޒިންމާތައް ބަޔާންކޮށްފައިވެއެވެ. ކުޑަކުދިންނަށް ލިބިގެންވާ ހައްޤުތަކުގެ ތެރޭގައި، ތަޢުލީމް އުނގެނުމުގެ ހައްޤު، ސިއްޚީ ޚިދުމަތް ލިބިގަތުމުގެ ހައްޤު، ތަފާތުކުރުމެއް ނެތި ސަޤާފީ، އިޖުތިމާޢީ ކަންކަމުގައި ބައިވެރިވުމުގެ ހައްޤު ލިބިގެންވާ ހިނދު ކުދިންގެ ޒިންމާތަކުގެ ތެރޭގައި، އިސްލާމީ ރަނގަޅު ތަރުބިއްޔަތު ލިބިގަތުމާއި، އަމިއްލަ ނަފްސަށް ގެއްލުން ނުދިނުމާއި، ލިބިފައިވާ ފުރުޞަތުތަކުގެ ބޭނުން ރަނގަޅުގޮތުގައި ހިފުން ފާހަގަކޮށްފައިވެއެވެ. ކުޑަކުދިން ރައްކާތެރިކުރުމުގެ ނިޒާމުގައި ކުދިންނަކީ އެންމެ މުހިއްމު އެއް އަސާސެވެ. އެހެންކަމުން ކުދިންގެ އުމުރާއި ގުޅޭގޮތުން އެކުދިން ހެދި ބޮޑުވުމުގެ ފުރުޞަތު ހޯދައިދިނުމާއި ކުދިންގެ ނުރައްކާތަކުން ސަލާމަތްކުރުމަށް އެކުދިންނަށް އެކަށޭނެ މަޢުލޫމާތު ފޯރުކޮށްދިނުމަކީ މުޙިއްމުކަމެކެވެ. އަދި މިފަދަ ކަމެއް ކުދިންނަށް ދިމާވާއިރު ކުދިންނަށް އެކުދިންގެ އަޑުއަހާނެ ފަރާތްތަކެއް ތިބިކަން ހިތްވަރުލައިދިނުމަކީ އެކުދިންނަށް ލިބޭ އަނިޔާއިން ރައްކާތެރިކުރުމަށް އެޅިގެންވާ މުޙިއްމު ފިޔަވަޅެކެވެ.

މައިންބަފައިންނާއި ބެލެނިވެރިން

ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 36 ވަނަ މާއްދާއިން 45 ވަނަ މާއްދާއަށް ބެލެނިވެރިންގެ ޒިންމާ ބަޔާންކޮށްފައިވެއެވެ. މި ޒިންމާތަކުގެ ތެރޭގައި ކުދިން އުފަންވުމުން އެކުދިން ރަޖިސްޓަރ ކުރުމުން ފެށިގެން، އެކުދިންގެ ހައްޤުތައް ރައްކާތެރިކުރުމާއި ކުރިއެރުވުމުގެ އިތުރުން، ކުދިންގެ މަސްލަހަތު އިސްކޮށް ކަންކަން ނިންމުންމަށް ބާރުއަޅާފައިވެއެވެ. މިގޮތުން ކުދިންގެ ރައުޔު އަޑުއެކުމަށާއި ކުދިންގެ ހެދިބޮޑުވުމަށް އެންމެ އެކަށޭނެ ކަންކަން ރާވާ ފުރުޞަތު ހޯދައިދިނުން ހިމެނެއެވެ. އެހެންކަމުން ކުދިންނަށް އަނިޔާ ލިބޭ ހިނދު، އެކަން ސިއްރުނުކޮށް ކަމާއި ގުޅުންހުރި އިދާރާތަކާއި ހިއްސާކޮށް ކުއްޖާ އަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އިސް ދައުރެއް ބެލެނިވެރިން އަދާކުރެއެވެ.

ދަޢުލަތް

ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގައި ދަޢުލަތް މާނަކުރުމުގައި ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށް މަސައްކަތްކުރާ އެންމެހާ މުއައްސަސާތައް ހިމެނެއެވެ. މިގޮތުން، އިޖްތިމާޢީ ދާއިރާ، ތަޢުލީމީ ދާއިރާ، ސިއްޚީ ދާއިރާގެ އިތުރުން ރަށުކައުންސިލްތަކާއި ކުދިންނާއި ގުޅުންހުރި މަސައްކަތްކުރާ އެންމެހާ އިދާރާތައް އަދި ދައުލަތުގެ އެންމެހާ މުއައްސަސާތައް ހިމެނެއެވެ. ދަޢުލަތުގެ ޒިންމާ ކަނޑައެޅުމުގައި ކުޑަކުދިންގެ ހައްޤުތައް ރައްކާތެރުކުރުމުގެ ޤާނޫނުގެ 46 ވަނަ މާއްދާއިން ފެށިގެން 50 ވަނަ މާއްދާއަށް ކަންތައްތައް ކަނޑައެޅިފައިވެއެވެ. އަދި މި ޒިންމާތަކުގައި ބެލެނިވެރިން ޒިންމާކުރުމާއި، އެކު އެކީ މަސައްކަތްކުރުމުގެ މުހިއްމުކަން ފާހަގަކޮށްފައިވެއެވެ.

އަމިއްލަ ފަރާތްތައް

ކުޑަކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމާއި އެކުދިންގެ ހައްޤުތައް ރައްކާތެރިކުރުމާއި ކުރިއެރުވުމަށް މަސައްކަތްކުރުމަކީ އެންމެހާ ފަރުދުންގެ ޒިންމާއެކެވެ. މިގޮތުން މައްސަލަ ރިޕޯޓުކުރުމާއި އަދި ކުދިންނާއި ގުޅުންހުރި މަޢުލޫމާތު ތައް އެކުދިންގެ ކަރާމާތް ގެއްލޭގޮތަށް ބޭނުން ނުކުރުމަށް އިސްކަންދިނުން މުހިއްމެވެ.

ކުޑަކުދިން ރައްކާތެރިކުރުމުގެ ނިޒާމަކީ ކުދިންގެ އިތުރުން އެކުދިން ވަށައިގެންވާ އެންމެހާ ފަރާތްތަކުން އެކުއެކީ މަސައްކަތްކުރަންޖެހޭކަމެކެވެ. އަދި ކުދިން ރައްކާތެރިކުރުމުގައި އެންމެ އިސް ދައުރެއް ބެލެނިވެރިން އަދާކުރުމުން ދާއިރު އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމުގައި ދައުލަތުގެ އެންމެހާ މުއައްސަސާތަކުން އެއްބާރުލުން ދިނުމަކީ މުހިއްމުކަމެކެވެ.

Leave a Reply

Your email address will not be published. Required fields are marked *