ކުޑަކުދިންގެ ހިޔާގެ ކުދިންނަށް އިންޓާރންޝިޕް ފުރުސަތު ފަހިކޮށްދިނުމަށް އަނަންތާރާ ރިސޯޓާއެކު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން އެއްބަސްވުމެއްގައި ސޮއިކޮށްފި

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ދަށުން ހިންގާ ކުޑަކުދިންގެ ހިޔާގައި ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިންނަށް އިންޓަރންޝިޕް ފުރުސަތު ފަހިކޮށްދިނުމަށްޓަކައި އަނަންތާރާ ރިސޯޓާއެކު “މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ” (އެމް.އޯ.ޔޫ) އެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިއަދު ވަނީ ބާއްވާފައެވެ.

މި އެމް.އޯ.ޔޫ.ގެ ދަށުން ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންނަށް، އަނަންތާރާ ރިސޯޓްގައި އެއް އަހަރު ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރުމަށް ފުރުސަތު ލިބި، މި ދާއިރާއިން ވަޒީފާ ހޯދުމަށް މަގުފަހިވެގެންދާނެއެވެ.

މިއަދު މެންދުރު އަނަންތާރާ ރިސޯޓްގައި ބޭއްވި ހާއްސަ ހަފްލާގައި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ ދެއްކެވި ވާހަކަފުޅުގައި، “ވޭތުވެދިޔަ އަހަަރުތަކުގައި ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިންގެ އަދަދު އިތުރުވެފައިވީ ނަމަވެސް، އެއިން ކޮންމެ ކުއްޖަކީވެސް މުޖުތަމަޢުގައި ހަވާސާ ކުރެވިފައިވާ ކުދިންނަށް ނުހެދުމަށާއި، އެކުދިންނަށް އުޖާލާ މުސްތަޤްބަލެއް ހޯދާދިނުމަަށް މުޖުތަޢުގެ އެއްބާރުލުން ބޭނުންވާކަމަށް”ފާހަގަ ކުރެއްވިއެވެ.

އަދި މިކުދިން އެނބުރި މުޖްތަމައުއަށް ނުކުންނަން ތައްޔާރުކޮށްދިނުމަށްޓަކައި، ވޮކޭޝަނަލް ޓްރެއިނިންގ އާއި އިންޓަރންޝިޕްގެ ފުރުސަތުތައް ހޯދާދިނުމަށް މިނިސްޓްރީއިން ކުރަމުންދާ މަސައްކަތަށް މި އެއްބަސްވުމުގެ ދަށުން އިތުރު ކުރިއެރުމެއް ލިބިފައިވާކަން ފާހަގަކުރައްވާ، އަނަންތާރާ ރިސޯޓްގެ މެނޭޖްމަންޓަށް ޝުކުރުއަދާކުރެއްވިއެވެ.

މިނިސްޓްެރީގެ އުންމީދަކީ ކުރިމަގުގައިވެސް އެކި ރިސޯޓްތަކާއި ކުންފުނިތަކުން މިނިސްޓްރީއާއި ގުޅިގެން ޕާޓްނަރޝިޕް އުސޫލުން މިފަދަ ފުރުސަތުތަށް ހިޔާގައި ދިރިއުޅޭ ކުދިންނަށް އިތުރު ވެގެން ދިއުމެވެ.

21 ޖަނަވަރީ 2017

Leave a Reply

Your email address will not be published. Required fields are marked *