ބައިނަލްއަޤުވާމީ އަންހެންކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން “ގަރލްސް ލީޑް އިނީޝިއަޓިވް”ގެ ނަމުގައި ޕްރޮގްރާމެއް ހިންގައިފި

ބައިނަލްއަޤުވާމީ އަންހެންކުދިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން އިސްނަގައިގެން “ގަރލްސް ލީޑް އިނީޝިއޭޓިވް”ގެ ނަމުގައި ޚާއްޞަ ޕްރޮގްރާމެއް މި މަހުގެ 5އިން 11އަށް ކުރިއަށް ގެންގޮސްފިއެވެ.

އަންހެންކުދިންގެ ޙައްޤުތައް ކުރިއެރުވުމަށާއި، އަންހެން ކުއްޖަކަށް ވީތީ މުޖުތަމަޢުގައި ދިމާވާ ގޮންޖެހުންތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ފަރުމާކުރި ހަ ދުވަހުގެ މި ޕްރޮގްރާމްގެ ތެރޭގައި އަންހެން ކުދިންގެ ލީޑަރޝިޕް ހުނަރުތައް ތަރައްޤީކުރުމާއި، އަންހެން ކުދިންގެ ޞިއްޙަތާއި، ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމާއި، އަންހެނުންނާއި އަންހެން ކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމަށް އ.ދ.އިން އެކުލަވައިލައިފައިވާ މުޢާހަދާއަށް ހޭލުންތެރިކުރުވުމުގެ ސެޝަންތައް ހިންގުނެވެ. އަދި މި ޕްރޮގްރާމްގައި ސަރުކާރުގެ އެކި ވުޒާރާތަކާއި، އަމިއްލަ ކުންފުނިތަކާއި މަދަނީ ޖަމުޢިއްޔާތައް އަދި އެހެނިހެން މުއައްސަސާތަކުގެ އިސް މަޤާމުތަކުގައި ފާހަގަކޮށްލެވޭ ކަނބަލުންނާއެކު މަސައްކަތް ތަޖުރިބާކޮށްލުމުގެ ފުރުޞަތު ބައިވެރިންނަށް ލިބުނެވެ. މީގެ އިތުރުން ނޮން-ޓްރެޑިޝަނަލް ރޯލުތަކަށް އަންހެން ކުދިން ޝައުޤުވެރިކަން އުފެއްދުމަށްޓަކައި ހިންގާ ހަރަކާތްތަކާއި، އަންހެނުން މަދު ދާއިރާތަކުގައި ހަރަކާތްތެރިވާ ކަނބަލުންގެ ފަރާތުން ކެރިއަރ ގައިޑަންސް ދިނުން ވެސް ކުރިއަށް ގެންދެވިފައިވެއެވެ.

މި ޕްރޮގްރާމް ނިންމައިލުމުގެ ގޮތުން މިނިސްޓްރީގައި މިއަދު ބޭއްވި ޙަފުލާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ މި ޕްރޮގްރާމްގެ އަމާޒަކީ އަންހެން ކުދިން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކާއި އުންމީދުތަކަށް ވާސިލުވުމަށް ފުރުޞަތު ތަނަވަސްކޮށްދިނުމުގެ އިތުރުން، އެކި ދާއިރާތަކުގައި ނިންމުން ނިންމާ ފެންވަރުގެ ވަޒީފާތަކާ ހަމަޔަށް ދިޔުމަށް ހިތްވަރު ދިނުމެވެ.

ސްކޫލްތަކާއި ކޮލެޖްތަކުގައި ތަޢުލީމު ހާސިލުކުރަމުންގެންދާ 16 އަހަރާއި 18 އަހަރާ ދެމެދުގެ 23 ކުދިން ބައިވެރިވި މި ޕްރޮގްރާމް ކުރިއަށް ގެންދެވިފައިވަނީ މިނިސްޓްރީއާއި ޔުނިސެފް މޯލްޑިވްސް ގުޅިގެންނެވެ. އަދި މި ޕްރޮގްރާމް ފެސިލިޓޭޓްކުރުމުގައި ކުރުނބާ މޯލްޑިވްސް، ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން، އުރީދޫ، އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އަދި މޫދު ބުޅާ ޑައިވް ސެންޓަރ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

މި ޙަފުލާގައި ބައިވެރިންނަށް ހަނދާނީ ލިޔުމެއް އެރުވި، މި ޕްރޮގްރާމްގައި ކުދިންނަށް ކުރެވުނު ތަޖުރިބާ ދައްކުވައިދޭ ވީޑިއޯ ރިޕޯޓެއް ދައްކައިލައިފައިވެއެވެ.

މި ދުވަސް ފާހަގަކުރުމުގެ ގޮތުން، ވެއަތުވެ ދިޔަ 2 އަހަރު ވެސް ގަރލްސް ލީޑް އިނީޝިއަޓިވްގެ ނަމުގައި ޚާއްޞަ ޕްރޮގްރާމްތަކެއް މިނިސްޓްރީން ހިންގައިފައިވެއެވެ.

ބައިނަލްއަޤުވާމީ އަންހެންކުދިންގެ ދުވަހަކީ، އަންހެންކުދިންގެ ޙައްޤުތައް ކުރިއެރުވުމަށާއި އަންހެންކުއްޖަކަށްވީތީ މުޖުތަމަޢުގައި ދިމާވާ ގޮންޖެހުންތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އ.ދ.ގެ ޢާންމު މަޖިލީހުން ފާސްކުރައްވައި، 2011ވަނަ އަހަރުން ފެށިގެން ފާހަގަކުރަމުންދާ ދުވަހެކެވެ.

02 ޞަފަރު  1440

11 އޮކްޓޫބަރު 2018

Leave a Reply

Your email address will not be published. Required fields are marked *