ބައިނަލްއަޤުވާމީ އަންހެންކުދިންގެ ދުވަސް ފާހަގަކުރުމުގެގޮތުން މިނިސްޓްރީން އިންތިޒާމުކޮށްގެން “ގަރލްސް ލީޑް އިނީޝިއަޓިވް”ގެ ނަމުގައި ހަރަކާތެއް ހިންގައިފި

ބައިނަލްއަޤުވާމީ އަންހެންކުދިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން އިންތިޒާމުކޮށްގެން “ގަރލްސް ލީޑް އިނީޝިއޭޓިވް”ގެ ނަމުގައި ދިވެހިރާއްޖޭގެ އެކި ދާއިރާތަކުގައި ވަޒީފާ އަދާކުރައްވަމުން ގެންދަވާ ނަމޫނާ އަންހެން ބޭކަނބަލުންނާއެކު މަސައްކަތްކުރުމުގެ ފުރުޞަތު އަންހެންކުދިންނަށް ހޯދައިދީފިއެވެ.

އަންހެންކުދިން ބާރުވެރިކުރުވުމަށްޓަކައި ހިންގި މި ހަރަކާތުގައި އުމުރުން 16 އަހަރާއި 17 އަހަރުގެ ޖުމްލަ 34 ކުދިން ބައިވެރިވެފައިވެއެވެ. އެއް ދުވަހަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ސަރުކާރުގެ އެކި ވުޒާރާތަކާއި، އަމިއްލަ ކުންފުނިތަކާއި މަދަނީ ޖަމްޢިއްޔާތައް އަދި އެހެނިހެން މުއައްސަސާތަކުގެ އިސް މަޤާމުތަކުގައި މަސައްކަތްކުރައްވާ ފާހަގަކޮށްލެވޭ އަންހެން ބޭފުޅުންގެ އެއް ދުވަހުގެ މަސައްކަތް ތަޖުރިބާކޮށްލުމުގެ ފުރުޞަތު ބައިވެރިންނަށް ވަނީ ހޯދައިދީފައެވެ. މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ލަނޑުދަނޑިތަކާއި އުންމީދުތަކަށް ވާސިލުވުމަށް، އަދި ޚާއްޞަކޮށް އެކި ދާއިރާތަކުގައި ނިންމުން ނިންމާ ފެންވަރުގެ ވަޒީފާތަކާ ހަމަޔަށް ދިޔުމަށް އަންހެންކުދިންނަށް ހިތްވަރުދިނުމެވެ.

މި ހަރަކާތް ނިންމާލުމުގެގޮތުން ޗަންޕާ ސެންޓްރަލް ހޮޓަލުގައި ބޭއްވި ޚާއްޞަ ޙަފުލާއެއްގައި، މި ހަރަކާތުގައި ބައިވެރިވި އަންހެންކުދިންގެ މެދުގައި ތަޖުރިބާ ޙިއްޞާކުރުމުގެ ފުރުޞަތު ދިނުމުގެ އިތުރުން ބައިވެރިންނަށް ވަނީ ހަނދާނީ ލިޔުމެއްވެސް ދީފައެވެ.

މި ޙަފުލާގައި ވާހަކަފުޅުދައްކަވަމުން މި ހަރަކާތް މެދުވެރިކޮށް، އަންހެންކުއްޖަކަށްވީތީ ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް ތައްޔާރުވެ، ވަޒީފާގެ މައިދާނުގައި ކުރިއަށްދާނޭ ގޮތްތަކާމެދު ވިސްނުމަށާއި، ތަފާތު ދާއިރާތަކުގައި މަސައްކަތްކުރުމަށް ރާއްޖޭގައި ހުރި ފުރުޞަތުތަކާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުވެގެންދިޔަކަމަށް އުންމީދުކުރައްވާކަމަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވިއެވެ. އަދި، މި ހަރަކާތުގައި ބައިވެރިވި ކޮންމެ ކުއްޖަކީ ވެސް މަސައްކަތުގެ މައިދާނަށް ނިކުތުމުގައި ފަސްނުޖެހި، ކެރިގެން އިސް މަޤާމުތަކާ ކުރިމަތިލާނެ ކުއްޖަކަށް ވެގެންދާނެކަމަށް އުންމީދުކުރައްވާކަމުގައި ވެސް މިނިސްޓަރ ޒެނީޝާ ވިދާޅުވިއެވެ.

ބައިނަލްއަޤުވާމީ އަންހެންކުދިންގެ ދުވަހަކީ، އަންހެންކުދިންގެ ޙައްޤުތައް ކުރިއެރުވުމަށާއި އަންހެންކުއްޖަކަށްވީތީ މުޖުތަމަޢުގައި ދިމާވާ ގޮންޖެހުންތަކާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އ.ދ.ގެ ޢާންމު މަޖިލީހުން ފާސްކުރައްވައި، 2011 ވަނަ އަހަރުން ފެށިގެން ފާހަގަކުރަމުންދާ ދުވަހެކެވެ.

21 މުޙައްރަމް 1439

11 އޮކްޓޫބަރު 2017

Leave a Reply

Your email address will not be published. Required fields are marked *