ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެގޮތުން ދޭ ރެހެންދި އެވޯޑް ހަވާލުކުރުމުގެ ހަފްލާ ބާއްވައިފި

ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ދޭ ރެހެންދި އެވޯޑް ދިނުމުގެ ހަފްލާ ބާއްވައިފިއެވެ. އުމަރު ޒާހިރު އޮފީސް ޢިމާރާތުގައި މާރޗް 20 ވަނަ ދުވަހު ބޭއްވި މި ހަފްލާ ޝަރަފުވެރިކޮށްދެއްވައި އެވޯޑް ޙާޞިލުކޮށްފައިވާ ފަރާތްތަކަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ. މި ހަފްލާގައި އެވޯޑް ލިބުނު ފަރާތްތަކަށް ބުރޫޗް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު އެވެ.

މި ހަފްލާގައި 4 ދާއިރާއަކުން 7 ފަރާތަކަށް ވަނީ ރެހެންދި އެވޯޑް ދީފައެވެ. އެގޮތުން ލީޑަރޝިޕް އަދި ގަވަރނަންސްގެ ކެޓަގަރީ އިން އެވޯޑް ހާސިލްކޮށްފައިވަނީ ރުޤިއްޔާ އިބްރާހިމް، މ.ނަލަރީތިގެ ، ކ.މާލެ އެވެ. އިޖްތިމާއީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާއިން 4 ފަރާތަކަށް ވަނީ ރެހެންދި އެވޯޑް ދީފައެވެ. މި އެވޯޑް ލިބުނު ފަރާތްތަކުގެ ތެރޭގައި ހުސްނާ ފަހުމީ، މ.އަފްޒާ، އައިމިނަތު އިބްރާހިމް ހުޅުމާލެ ހިޔާ ފްލެޓް H-11-16-12، ޒީނާ ޒާހިރު، އަތިރީގެ / ގދ. ގައްދޫ އަދި ރަޝީދާ އިބްރާހިމް، ރިޔާ / ސ.މީދޫ ހިމެނެއެވެ. އަންހެނުން އާއްމުކޮށް ކޮށް ނޫޅޭ މަސައްކަތްތައް ނުވަތަ ނޮން ޓްރެޑިޝަނަލް ރޯލް ކެޓަގަރީ އިން އެވޯޑް ލިބިފައި ވަނީ ޢާއިޝަތު ޝިމާނީ، ހ. ތިޔަރަފަތް އަށެވެ. މީގެ އިތުރުން އިންސްޓިޓިއުޝަނަލް ޖެންޑަރ މެއިންސްޓްރީމިންގ – ވަޒީފާދޭ މުއައްސަސާ އަކަށް ހޮވިފައި ވަނީ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އެވެ.

އަންހެނުން ބާރުވެރި ކުރުވުމަށާއި ދިވެހިރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް އަންހެނުން ޙިއްޞާކުރާ އަގުހުރި މަސައްކަތްތަކާއި އަންހެނުން ހާސިލުކޮށްފައިވާ ކާމިޔާބީތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ދެމުން ގެންދާ ރެހެންދި އެވޯޑަކީ މުޖުތަމަޢުއާއި ޤައުމުގެ ތަރައްޤީގެ ލާބައާއި މަންފާ ލިބޭ ފަދަ އަގުހުރި ޚިދުމަތްތައް ކޮށްދީފައިވާ އަންހެނުންނަށް، 2014 ވަނަ އަހަރުން ފެށިގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ދެމުން އަންނަ ޚާއްޞަ އެވޯޑެކެވެ.

 

މި ހަފްލާގައި ވަނީ  ގެވެށި އަނިޔާ އަދި ވަކި މިންތިއަކަށް ވީތީ ކުރާ އަނިޔާއާ ގުޅޭ މައްސަލަތަކުގައި އެހީތެރިކަން ހޯދަން ބޭނުންވާ މީހުންނަށް އެ އެހީތެރިކަން ހޯދޭނެ މަގު ފަހިކޮށްދިނުމަށް ޔޫއެންއެފްޕީއޭ އާ ގުޅިގެން  ތަޢާރަފް ކުރެވުނު “މަދަދުގާރު” މޮބައިލް އެޕް އިފްތިތާޙްކޮށްފައެވެ. މީގެ އިތުރުން މި ހަފްލާގައި އުމުރުން 10 އަހަރާއި 14 އަހަރާ ދެމެދު ކުދިންނަށް އަމާޒުކޮށްގެން  ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ ސައްޙަ މައުލޫމާތު ޑިޖިޓަލް މީޑިއާ މެދުވެރިކޮށް ކުދިންނަށް ފޯރުކޮށްދިނުމަށް ޔޫއެންއެފްޕީއޭ ގުޅިގެން ފެށުމަށް ހަމަޖެހިފައިވާ 06 އެޕިސޯޑުގެ މައްޗަށް އެކުލެވޭ “އެމޭޒް” ވިޑިއޯ ސީރީސްގެ ފުރަތަމަ ވިޑިއޯ ވަނީ ޢާންމުކޮށްފައެވެ. “މަދަދުގާރު” މޯބައިލް އެޕްލިކޭޝަން އިފްތިތާޙްކޮށް އާންމުކޮށް ދެއްވައިފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްއެވެ.

 

 

28 ޝައުބާން 1444

20  މާރިޗު 2023

Leave a Reply

Your email address will not be published. Required fields are marked *