ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް 2019

ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރުކުރަން. މި އުއްމަތުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައި ވަސައްލަމަ އަށް ޞަލަވާތް ލެއްވުން އެދި ދުޢާކުރަން. އަދި މި ދުޢާގައި އެ ކަލޭގެފާނުގެ އާލު އަސްޙާބުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަން.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު. ކެބިނެޓުގެ މެންބަރުން. ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ބޭރުގެ ސަފީރުން. ކ.މާފުށީ ކައުންސިލްގެ މެންބަރުން. މި ޖަލްސާގެ އެންމެހާ އިއްޒަތްތެރިން. ދުރާއި ގާތުން މި ޖަލްސާ ބައްލަވާ، އަޑު އައްސަވަމުން ގެންދަވާ އެންމެހާ ބޭފުޅުން. އައްސަލާމު ޢަލައިކުމް.

އާދެ! މި ރަސްމިއްޔާތަކީ ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވޭ ޚާއްޞަ ރަސްމިއްޔާތެއް. އެހެން ކަމުން، ދުވަހުގެ ތަހުނިޔާއާއި މުބާރިކުބާދީ އެންމެހައި އަންހެނުންނަށް އަރިސްކުރަން.

ޝައްކެއް ވެސް ނެތް! މި ދުވަސް ބައިނަލްއަޤުވާމީ ފެންވަރެއްގައި ފާހަގަކުރެވޭ ވަރަށް ގިނަ ސަބަބުތަކެއް އެބަހުރި. އޭގެ ތެރޭގައި މުޖުތަމަޢުއެއްގައި އަންހެނުންގެ ދައުރު އަގުވަޒަންކުރުމާއި، އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތައް ސަމާލުކަމަށް ގެނެސް، އެ ކަން ކަމަށް ޙައްލު ހޯދުމަށް މަސައްކަތްކުރުމާއި، މިންތީގެ ހަމަހަމަ ކަމަށް ބާރު އެޅުން ހިމެނޭ.

އަޅުގަނޑުމެން ޤަބޫލުކުރަން ޖެހޭ ހަޤީޤަތަކީ، މިންތީގެ ހަމަހަމަކަމާ ގުޅޭ މައްސަލަތަކާއި ފަރަގުތައް ނައްތާލެވޭނީ، އެ ކަމުގައި ދެ ޖިންސުގެ ބައިވެރިވުން އޭގެ އެންމެ ފުރިހަމައަށް ލިބިގެންކަން.

އާދެ! ހަމަހަމަ ކަމާއި އަންހެނުންގެ ޙައްޤުތަކުގެ ވާހަކައަކީ އިއްޔެ އަދި މިއަދު ދެކެވެން ފެށި ވާހަކައެއް ނޫން. މި ވާހަކައަކީ އެކި ޒަމާންތަކުގައި ދެކެވި، އަދި ދުނިޔޭގެ ބައެއް ޙަޟާރަތްތަކުގައި ފުރިހަމައަށް ތަންފީޛުކުރެވިފައިވާ ކަމެއް. އެ ކަމުގެ އެންމެ ފުރިހަމަ މިސާލަކީ އިސްލާމީ ޙަޟާރަތް.

އިސްލާމީ ޙަޟާރަތުގެ ރަންޒަމާނުގައި، އަންހެނުން ވެފައިވަނީ ތަރައްޤީއާއި ތަމައްދުނުގެ ބިންގާ ކަމުގައި. ދުނިޔޭގެ އެންމެ ފުރަތަމަ ޔުނިވަސިޓީ ބިނާކުރެވުނީ މޮރޮކޯގައި، އެ ލަޤަބު ލިބިގެންގޮސްފައި ވަނީ މޮރޮކޯގެ މުސްލިމް އަންހެނެއް ކަމުގައިވާ ފާޠިމާ އަލް ފިހްރީއަށް. މީގެ އިތުރުން، ދީނީ ޢިލްމާއި، ބޭސްވެރިކަމާއި، ސިޔާސީ މައިދާނުގެ އިތުރުން އަސްކަރިއްޔާގައި އަންހެނުން ވެފައިވަނީ ފާހަގަކުރެވޭ ބައެއް ކަމުގައި.

އަޅުގަނޑަކީ ތަރީޚީ ޢިލްމުވެރިއެއް ނޫން. އެހެން ނަމަވެސް، އަންހެނެއްގެ ހައިސިއްޔަތުން، މި ހިނގާ 21 ޤަރުނުގައި އަންހެނުންގެ ޙައްޤުތައް ހޯދުމަށް ވަކާލާތުކުރާ އިރު، ތަރީޚުގެ ތެރެއިން ފާހަގަކުރެވޭ ބައެއް މިސާލުތައް ބަޔާންކުރުމަކީ މުހިންމު ކަމެއްކަމަށް އަޅުގަނޑު ދެކެން.

އާދެ! ދިވެހިރާއްޖެއަކީ ވެސް ވަރަށް ފުރިހަމަ، އަދި މުއްސަނދި ޒަމާންވީ ތާރީޚެއް އޮތް ޤައުމެއް. ދިވެހި ތާރީޚް ހެކިދޭ ގޮތުގައި، ދިވެހި އަންހެނުންނަށް އިޖުތިމާޢީ އަދި ސިޔާސީ މައިދާނުގައި ހަމަހަމަ ކަމާއެކު ފުރުޞަތު ޒަމާންތަކެއް ކުރިން ލިބިދީފައިވޭ. އެހެނީ ސިޔާސީ އަދި އިޖުތިމާޢީ ދާއިރާގައި ދިވެހި އަންހެނުން މުހިންމު ދައުރެއް އަދާކޮށްފައިވާކަން ތާރީޚުގެ ފަތްފުށްތަކުން ފެންނަން އެބަހުރި. ނަމަވެސް، އަންހެނުންގެ ޙައްޤުތައް އަލުން ހޯދުމަށް މިއަދު އަލުން ނުކުންނަން ޖެހުމަކީ އެކަމާ މެދު އަޅުގަނޑުމެން ފުންކޮށް ވިސްނަންޖެހޭ ކަމެއް.

ރާއްޖޭގައި ވެރިކަންކުރި އެކި ރަސްރަސްކަލުންގެ ޒިކުރާ ތަފާތު އެކި ގޮތްގޮތަށް މިއަދު އަޅުގަނޑުމެން ހަނދާކުރަމުންދާ އިރު، ދިވެހި ދައުލަތަށް މުހިންމު ޚިދުމަތްތަކެއް ކުރެއްވި އަންހެނުންގެ ނަންތައް ހަނދާން ނައްތާލާފައި އޮތުމަކީ ވަރަށް ހިތާމަހުރި ކަމެއް. ތާރީޚަކީ އަމާނާތެއް ކަމުގައިވާ އިރު، ވަކި ޖިންސަކަށްވީތީ، އެ ޒިކުރާ އަދާ ނުކޮށް އޮތްއޮތުމަކީ ހިތާމަކުރަން ޖެހޭ ކަމެއް. ޤައުމުގައި މިއަދު މި ބިނާ ކުރެވޭ މާސިންގާ ބިނާތަކާއި، އުސް އިމާރާތްތަކަށް ނަން ކިޔުމުގައި މި ތަފާތު ވަނީ އަޅުގަނޑުމެންގެ ޢަމަލުން ދައްކުވައިދީފައި. އަޅުގަނޑު ޤަބޫލުކުރާގޮތުގައި މިއީ ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި އެ ފަދަ އަންހެނުންނަށް ވެވޭ ބޭއިންސާފަކަށް ނޫނީ ނުވާނެ.

ކުރިން ވެސް ފާހަގަކުރި ފަދައިން، އަޅުގަނޑަކީ ތާރީޚީ ޢިލްމުވެރިއެއް ނޫން. އެހެން ނަމަވެސް، އަޅުގަނޑު ޤަބޫލުކުރަނީ މި ފަދަ ތާރީޚީ ހާދިސާތަކުން އިބުރަތް ހާސިލުކޮށް، ފިލާވަޅު ލިބިގަތުމަކީ، މިއަދު އަޅުގަނޑުމެން ކުރަމުންމިގެންދާ މަސައްކަތްތަކަށް ލިބޭނެ ކުރިއެރުމެއް، އަދި މި ރޮނގުގައި ވަކާލާތުކުރަމުންދާ އަންހެނުންނަށް ލިބޭނެ އިތުރު ހިތްވަރެއް.

އާދެ! ކުރިން ދަންނަވާލެނު މިސާލުތަކަށް ބަލާއިރު، ތާރީޚީ ހާދިސާތައް އަދުގެ ޖީލުތަކާ ހަމައަށް ގެނައުމުގައި ނުވަތަ ކިޔައި ދިނުމުގައި ވެސް އަންހެނަކަށްވީތީ ތަފާތުކުރުންތައް ގެންގުޅެފައިވާ ކަން އެނގި ހާމަވެގެންދޭ. ދިވެހިރާއްޖޭގައި ރަސްކަމާއި ރަނިކަމުގެ ކޮއިލުގައި ހިތާމަވެރި އަދި ޤަބޫލުކުރަން ފަސޭހަ ނޫން އެތައް ހާދިސާތަކެއް ހިނގާފައިވާކަން ތާރީޚު ހެކިދޭ. އޭގެ ތެރޭގައި ވެރިކަމާ ދެކޮޅަށް ތެދުވުމާއި، ހަނގުރާމައާއި މަރުގެ ހާދިސާތައް ވެސް ހިމެނޭ. މީގެ ތެރެއިން ކޮންމެ ހާދިސާއެއްގައި، ވަރަށް ގިނަ ސިއްރުތަކާއި އިބުރަތްތަކެއް ވާނެކަން ކަށަވަރު. އެ ގޮތުން، ތާރީޚުގެ ފަތްފުށްތަކުގައި ލިޔެފައިވާ މި ފަދަ އެކި ހާދިސާތަކުގައި ބައެއް ރަސްރަސްކަލުންނާއި ރަނިންގެ ދައުރު ގެނެސް ދިނުމުގައި މިންތީގެ ތަފާތުކުރުން ގެންގުޅެފައިވާކަން އެ ފަދަ ލިޔުންތަކުން ފެންނަންއޮތްކަމީ ޙަޤީޤަތެއް.

އެ ގޮތުން، އެންމެ ބޮޑަށް ދޫދޫ މަތިން އިވޭ ތާރީޚީ އެއް ވާހަކައަކީ، ދިވެހި ވިރާޘީ ރަސްކަމެއްކުރެއްވި އައްސުލްޠާނާ ރެހެންދި ޚަދީޖާގެ ވާހަކަފުޅު. އެކި ޖަލްސާތަކުގައްޔާއި ސްކޫލްތަކުގައި އެކި ރަސްރަސްކަލުންގެ ހިތްވަރާއި، އަޒުމާއި، ޝަރަފުވެރިކަން ބަޔާންކުރާ އިރު، ރެހެންދި ޚަދިޖާގެ ހަޔާތްޕުޅު ސިފަކުރެވިފައި ވަނީ ދެ ފިރިކަލަކު އަވަހާރަކޮށްލެއްވި ނުފޫޒުގަދަ އަންހެނެއްގެ ގޮތުގައި. ތާރީޚީ ލިޔެކިޔުންތަކުގައި ކޮއްކޯފުޅަކާއި ދެ ފިރިކަލަކު އަވަހާރަކޮށްލެއްވިކަން ބަޔާންވެފައި އޮތް ނަމަވެސް، އެ ކަމުގައި އެ ކަމަނާ ޢަމަލުކުރެއްވި ގޮތާއި ސަބަބު ހާމަކޮށްފައި ނުވާކަން ފާހަގަކުރެވޭ. އަޅުގަނޑު ދެކޭ ގޮތުގައި ތާރީޚުގެ ފަތްފުށްތައް ދިރާސާކޮށް މިފަދަ ޙާދިސާތަކުގެ އެންމެ ފުރިހަމަ މަޢުލޫމާތު ހާމަކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް. އެގޮތުން، މިފަދަ ހާދިސާތައް ހިނގާފައިވާ ޒަމާންތަކުގައި، ރަސްކަން ވާރުތަވަމުން އައިސްފައިވާ ގޮތާއި، ރަސްކަމެއް ފޭރިގަތުމުން ނުވަތަ ބަޣާވާތެއްކުރުމުން ޤާނޫނުގެ ތެރެއިން ޢަމަލުކުރެވިގެންދާ ގޮތާއި، އަދި އެ ފަދަ ހާދިސާތައް ހިނގި އިރު، ކުށްވެރިވާ ފަރާތްތަކަށް ޝަރުޢީ ނިޒާމުގެ ތެރެއިން ކަނޑައެޅިފައިވާ އަދަބުތަކަށް ވެސް ރިޢާޔަތްކޮށް ކަމުގެ ފުރިހަމަ މަޢުލޫމާތު ހާމަކުރެވިފައި އޮތުމަކީ މުހިންމުކަމެއް.

ތާރީޚަށް ބަލާއިރު، ރެހެންދި ޚަދީޖާގެ ޒަޢާމަތުގައި ހިނގާފައިވާ ފަދަ ހާދިސާތައް ރަސްރަސްކަލުންގެ ވެރިކަންތަކުގައި ހިނގާފައިވާ އިރު، އެ ފަދަ ރަސްރަސްކަލުން ބަތަލުންގެ ގޮތުގައި ސިފަކުރެވިފައިވާކަން ފެންނަން އެބައޮތް. ނަމަވެސް، ދިވެހި ދައުލަތަށް ގިނަ ޒަމާންތަކެއް ވަންދެން ޚިދުމަތްކުރައްވައިފައިވާ ކަނބަލަކާ މެދު އޭގެ އެންމެ ނުބައި ތަޞައްވުރު އުފެދިގެންދާގޮތަށް އަދި އޭގެ އެންމެ ފުރިހަމަ މަޢުލޫމާތު ނުހިމެނޭ ގޮތަށް އެ ކަމަނާގެ ޝަޚްޞިއްޔަތު ސިފަކުރެވިފައި އޮތްއޮތުމަކީ އެންމެ އިންސާފުވެރި ގޮތްކަމަށް އަޅުގަނޑު ނުދެކެން.

އެހެން ކަމުން، ރެހެންދި ޚަދީޖާގެ ރަނިކަމުގައި ހިނގާފައިވާކަމަށް ބަޔާންކޮށްފައިވާ ހާދިސާތައް ހިނގަން މެދުވެރިވި ސަބަބުތައް އަލުން ދިރާސާކޮށް، އެ ކަމުގެ ހަޤީޤަތް ކުރިއަށް އޮތް ޖީލުތަކަށް ސާފުކޮށްދެއްވުމަށް ތާރީޚީ ޢިލްމުވެރިންނަށް މި ފުރުޞަތުގައި އަޅުގަނޑު ގޮވައިލަން. ހަމަ އެހެންމެ، ދިވެހިރާއްޖޭގައި ރަސްކަންކުރެއްވި އެ ކަމަނާގެ އަންހެން ދެ ކޮއްކޯފުޅުންނާ މެދު ކަން ހިނގާ ދިޔަ ގޮތް ވެސް ސާފުކޮށްދެއްވުމަށް ގޮވާލަން.

ޝައްކެއްވެސް ނެތް. ތާރީޚާއި ބަހުގެ ތެރެއިން މިންތީގެ ތަފާތުކުރުންތައް ފެނިގެން ދާ އިރު، މި ފަދަ ވިސްނުންތައް މިއަދު މި ވަނީ ބަދަލުކުރަން ޖެހިފައި. އެ ގޮތުން، އަޅުގަނޑަށް އެންމެ ބޮޑަށް ފާހަގަކުރެވޭ އެއް ކަމަކީ ދިވެހި ބަހުގެ ރަދީފްގައި އަންހެނުންނާއި ފިރިހެނުން މާނަކުރެވިފައިވާ ގޮތް.

އެ ގޮތުން އަންހެނުންގެ މާނައިގެ ގޮތުގައި ވަނީ “އިންސާނުންގެ ދަރިމައިވާ ބާވަތުގެ ގިނަމީހުންނަށް ކިޔާނަން.” މި ފަދައިން.

ފިރިހެނުންގެ މާނައިގެ ގޮތުގައި ވަނީ “އިންސާނުންގެ ތެރެއިން އަންހެން ޖިންސު ނޫން އަނެއް ޖިންސުގެ ތަޞައްރަފު ފުދިފައިވާ މީހުން. މަޖާޒު: ހިތްވަރުގަދަ މީހުން.”

ހިތްވަރުގަދަ ވުމަކީ ވަކި ޖިންސަކަށް ތަބީޢީ ގޮތުން ޚާއްޞަ ސިފައެއް ކަމުގައި ނުވާއިރު، އަދި އަންހެނުންނަކީ ވެސް ފިރިހެނުންނެކޭ އެއްގޮތަށް ހިތްވަރުގަދަ ބައެއް ކަމުގައިވާ އިރު، ޖިންސު ސިފަކޮށް ދިނުމުގައި މި ފަދަ ތަފާތުކުރުންތައް ގެންގުޅުމަކީ ރަނގަޅު ގޮތެއް ނޫންކަން ފާހަގަކުރަން. އަންހެނުންނަކީ ދަރިމައިވާ ބާވަތުގެ ގިނަމީހުންނަށް ކިޔާނަން ކަމުގައި މާނަކުރާ ނަމަ، ދަރިމައި ވުމަށް ފަހު ބަލިވެއިނުމާއި ވިހެއުމަކީ ނުހަނު ހިތްވަރު ހުރެގެން ނޫނީ ނުކުރެވޭނެ ކަމެއް ކަމާ މެދު އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކު ކުޑަ ވެސް ޝައްކެއް ނުކުރާނެކަން ޔަޤީން.

ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް މިއަދު ފާހަގަކުރެވޭ އިރު، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު މި ވަނީ ވަރަށް ގާތްވެފައި. ހިތާމައަކީ މި އިންތިޚާބަށް ކުރިމަތިލާފައިވާ އަންހެނުންގެ ޢަދަދު މަދުކަން. އަޅުގަނޑު ދެކޭގޮތުގައި މިއީ މި ކަން ވެގެންވާނެ ގޮތެއް ނޫން. ޤާނޫނު ހެދުމުގެ ބާރަކީ ޤައުމުގެ ތިން ބާރުގެ ތެރެއިން އެއް ބާރު ކަމުގައިވާ އިރު، ޤައުމުގެ އަންހެނުންގެ ނިސްބަތުން ޤާނޫނު ހަދާ މަޖިލީހުގައި އަންހެނުން ތަމްސީލުކުރެވޭ ގޮތަށް އުސޫލުތައް ޤާއިމްކުރެވެން ޖެހޭ.

އަޅުގަނޑުގެ ވާހަކަ ނިންމާލުމުގެކުރިން މިންތީގެ ހަމަހަމަކަމާ ގުޅޭ ޤާނޫނީ ނިޒާމަށް ކޮންމެވެސް ވަރަކަށް ބަލައިލުމަކީ މުހިންމު ކަމެއް ކަމަށް ދެކެން. އާދެ! 2016ވަނަ އަހަރުން ފެށިގެން ޖެންޑަރ އިކުއަލިޓީގެ ޤާނޫނަށް ޢަމަލުކުރެވެމުން ދާ އިރު، އެ ޤާނޫނުގައި ބަޔާންކުރާ ކަންކަން މުޖުތަމަޢުގައި ތަންފީޛުވެފައިނުވާ ކަމީ، ނިޒާމުގެ ތެރޭގައި މައްސަލަތަކެއް ހުރިކަން ހާމަވާ ކަމެއް. އެ ޤާނޫނު ތަންފީޛު ކުރުމުގެ މަރުޙަލާގައި ހުރި އިހުމާލުތައް ދެނެގަނެ، އެ ކަންކަން ތަރުތީބުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން މި ދަނީ ކުރަމުން. އަޅުގަނޑުމެން ކުރަމުން މިދާ މަސައްކަތްތަކުން އަންނަމުން ދާ ބަދަލުތައް މުޖުތަމަޢުއިން ފެންނަން އަދި ވަގުތު ބޭނުންވާނެ. ޤާނޫނު އެކުލަވައިލާފައިވާ ގޮތުން، ތަންފީޛީ މުހިންމު ބާރުތައް އެންމެ ފުރިހަމައަށް ތަންފީޛީ އިދާރާތަކަށް ލިބިދީފައިވޭތޯ ވިސްނާ ފިކުރު ހިންގާލުމަކީ މުހިންމުކަމެއް. އަދި އެ ކަންކަން ފުރިހަމަ ނުވާ ނަމަ، ސިޔާސީ ޕާޓީތަކާއި ރައްޔިތުންގެ މަޖިލީސް ގުޅިގެން ޤާނޫނު ތަންފީޛުކުރެވޭނެގޮތަށް އިތުރު ވިސްނުންތަކެއް އިސްކުރުމަކީ މިހާރުން މިހާރަށް ވެސް ކުރަން ޖެހިފައިވާ ކަމެއް.

އާދެ! މި ފުރުޞަތުގައި ޝަރަފުވެރިކަމާއެކު، މިއަދު ރެހެންދި އެވޯޑު ލިބިވަޑައިގަންނަވާ އެންމެހައި ފަރާތްތަކަށް މަރުޙަބާ ދަންނަވަން. އަޅުގަނޑުގެ އުންމީދަކީ ތިޔަ ފަރާތްތަކުގެ ޚިދުމަތް މެދު ކެނޑުމެއްނެތި، ޤައުމަށް ލިބި، މިސާލުވެރި ބަޔަކު ކަމުގައި ވުން. އަދި އަޅުގަނޑުމެންގެ މުޖުތަމަޢަކީ މިންތީގެ ތަފާތުކުރުންތައް ނައްތާލައި، އަދި ހަމަހަމަ ކަމާއެކު ފަހި ފުރުޞަތުތަކެއް ދެ ޖިންސުގެ މީހުންނަށް ވެސް ލިބިގެންދާނޭހެން ނިޒާމު ބައްޓަންކުރެވިފައިވާ މުޖުތަމަޢަކަށް ވެގެން ދިއުން.

އަންހެނުންގެ އަގު ވަޒަންކުރައްވައި، މި ދާއިރާއަށް ޚާއްޞަ ޝައުޤުވެރިކަމެއް ދެއްވައި މި ރަސްމިއްޔާތަށް ވަޑައިގެންދެއްވި ކަމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ އުފާވެރި ހަޔާތެއް ވައަތުކުރުމުގެ ހެޔޮ ނަސީބު އެންމެހައި ފަރާތްތަކަށް ﷲ މިންވަރުކުރެއްވުން. ވައްސަލާމް ޢަލައިކުމް.

Leave a Reply

Your email address will not be published. Required fields are marked *