ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި 3 ފަރާތަކަށް ރެހެންދި އެވޯޑު ދެއްވައިފި

މި އަހަރުގެ ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް އަންހެނުން ޙިއްޞާކުރާ އަގުހުރި މަސައްކަތްތަކާއި އަންހެނުން ހާސިލުކޮށްފައިވާ ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަންކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން 3 ފަރާތަކަށް ރެހެންދި އެވޯޑު ދެއްވައިފިއެވެ.

މި އަހަރު އެވޯޑް ދީފައި ވަނީ ޖުމުލަ 2 ދާއިރާއަކުން 3 ބޭފުޅުންނަށެވެ. އެއީ:

އަދާކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތުގެ ދާއިރާއިން

  • ފާޠިމަތު ނަޝްވާ/ ސީސައިޑް/ ޅ.ނައިފަރު
  • އާމިނަތު ވަޙީދާ/ ހ.މާހާ/ މާލެ

އަންހެނުން ޢާންމުކޮށް ކޮށްނޫޅޭ މަސައްކަތްތައް ނުވަތަ “ނޮން-ޓްރެޑިޝަނަލް ރޯލްސް”ގެ ދާއިރާއިން

  • ޒޫނާ ނަސީމް/ ލަކީކޯނަރ/ ނ.ކުޑަފަރި

ދަރުބާރުގެ ރަންނަބަނޑޭރި މާލަމުގައި މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރެހެންދި އެވޯޑާއި ބުރޫޗް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދެވެ.

މި ޙަފްލާގައި ޖެންޑަރ އިކުއަލިޓީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2016/18) ގެ ދަށުން ވަޒީފާ ދޭ ފަރާތްތަކުން ގާއިމުކުރަންޖެހޭ “ޝަކުވާ ހުށަހެޅުމާއި ބަލައިގަތުމުގެ ނިޒާމު” މިހާތަނަށް ގާއިމުކޮށްފައިވާ 33 ފަރާތަކަށް، އެ ކަމުގެ އަގު ވަޒަންކޮށް ހަނދާނީ ލިޔުމެއް ވެސް އަރުވައިފައިވެއެވެ.

ރެހެންދި އެވޯޑަކީ މުޖުތަމަޢުއާއި ޤައުމުގެ ތަރައްޤީއަށް ލާބައާއި މަންފާ ލިބޭ ފަދަ އަގުހުރި ޚިދުމަތްތައް ކޮށްދީފައިވާ އަންހެނުންނަށް، 2014 ވަނަ އަހަރުން ފެށިގެން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ދެމުން އަންނަ ޚާއްޞަ އެވޯޑެކެވެ.

20 ޖުމާދަލްއާޚިރާ 1439

08    މާރިޗު   2018

Leave a Reply

Your email address will not be published. Required fields are marked *