ރެހެންދި އެވޯޑް 2017

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެގޮތުން ޤައުމީ ތަރައްޤީގައި ފާހަގަކުރެވޭ ޙިއްސާއެއް އޮވެ، ޤައުމާއި މުޖުތަމަޢުއަށް ބޮޑެތި ލާބަ އާއި މަންފާ ލިބޭ ޙިދުމަތްކޮށްދީފައިވާ އަންހެނުންގެ އަގުވަޒަންކުރުމަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން 4 ބޭފުޅަކަށް ރެހެންދި އެވޯޑް ދެއްވައިފިއެވެ. ދަރުބާރުގޭގެ ރަންނަބަންޑޭރި މާލަމުގައި މިއަދު ހެނދުނު ބޭއްވި ޙާއްސަ ހަފްލާ ޝަރަފުވެރިކޮށްދެއްވާ އެކަނބަލުންނަށް ރެހެންދި އެވޯޑް ހަވާލުކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމެވެ. އަދި އެވޯޑް ހާސިލްކުރައްވާފައިވާ ފަރާތްތަކަށް ޝަރަފުގެ ބްރޫޗެއް ހަވާލުކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހީމެވެ.

މިއަހަރު އެވޯޑް ދީފައިވަނީ ޖުމްލަ 3 ދާއިރާއަކުން 4 ބޭފުޅުންނަށެވެ. މިއީ:

  • ސިޔާސީ އަދި އާއްމު ހިދުމަތުގެ ދާއިރާ އަލްފާޟިލާ ނަޒީރާ އިބްރާހިމް މަނިކު (ދިއްގާމާގެ، ނ. ވެލިދޫ)
  • އިޤްތިޞާދީ ދާއިރާއިން، އަލްފާޟިލާ އާމިނަތު މަޖީދާ (އަމާޒު، ހދ. ކުޅުދުއްފުށި)
  • އިޖްތިމާޢީ ދާއިރާއިން އަލްއުސްތާޛާ ސާމިޔާ ޒަކަރިއްޔާ (ސީސަމް، ކ. މާފުށި)
  • އިޖްތިމާޢީ ދާއިރާއިން އަލްފާޟިލާ އިފްހާމް ޙުސައިން (މ. ޖަވާހިރުވާދީ)

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްފާޟިލް ޢަބްދުﷲ ޖިހާދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުﷲ މަސީޙް މުޙައްމަދު، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް ޢަބްދުﷲ ސަޢީދު، އަދި ސަރުކާރުގެ ވަޒީރުންނާއި ވުޒާރާތަކުގެ އިސްވެރިންނާއި އެކި ދާއިރާތަކުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ގިނަ އަދަދެއްގެ އަންހެން ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ތަފާތު އެކި ދާއިރާތަކުން ޤައުމީ ތަރައްގީއަށް މަސައްކަތްކުރައްވަމުން ގެންދަވާ އަންހެން ބޭފުޅުންގެ ދައުރު ފާހަގަކުރެއްވުމުގެ އިތުރުން، ގޭގަ ތިއްބަވައިގެން އާމްދަނީ ހޯދަން އަދި އާއިލާ ބިނާކުރަން އަންހެން ބޭފުޅުން ކުރައްވާ ބުރަ މަސައްކަތްތަކަށްވެސް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ ތަޢުރީފުކުރެއްވިއެވެ. އަދި، ވަޒީފާގެ މާހައުލުގައި ކުރިއެރުންތައް ހޯދުމަށާއު ކަންކަން ނިންމާ ފެންވަރުގެ މަގާމުތަކާ ހަމަޔަށް ވާސިލްވުމަށްޓަކައި އަންހެނުން އަމިއްލައަށްކުރާ މަސައްކަތުގައި ފިރިހެން ބޭފުޅުންގެ އިތުރުން ޢާއިލާގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާކަން ފާހަގަކުރައްވާފައިވެއެވެ.

ރެހެންދި އެވޯޑަކީ 2014 ވަނަ އަހަރުން ފެށިގެން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން އާދަޔާ ޙިލާފު ހިދުމަތްތައް ކޮށްދެއްވާ އަންހެނުންގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ ޙާއްސަ އެވޯޑެކެވެ.

08 މާރިޗު 2017

Leave a Reply

Your email address will not be published. Required fields are marked *