ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތަކަށް ގިނަ ބަޔަކު ވަކާލާތުކުރި ކަމުގައިވިޔަސް، އެ ކަންކަމަށް ޢަމަލީ ސިފަ ގެނައުމަށް މަސައްކަތްކުރާ ފަރާތްތައް އަދި ވެސް މަދު – މިނިސްޓަރ ޒެނީޝާ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ކުރިއަރުވައި، އެ ފަރާތްތައް ބާރުވެރިކުރުވުމަށް ގިނަ ބަޔަކު މިއަދު ވަކާލާތުކުރަމުން އަންނަކަމަށާއި، އެހެން ނަމަވެސް އެ ކަންކަމަށް ޢަމަލީ ސިފަ ގެނައުމުގެ މަސްއޫލިއްޔަތު އުފުލުމުގައި ހަރަކާތްތެރިވާ ފަރާތްތައް އަދި ވެސް މަދުކަމަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެއެވެ.

އެވިޑް ކޮލެޖްގެ “މާސްޓަރ އޮފް ޓީޗިންގ އިން އިންކްލޫސިވް އެންޑް ސްޕެޝަލް އެޑިއުކޭޝަން” ޕްރޮގްރާމް އިފުތިތާހުކުރުމުގެ ގޮތުން މިރޭ ސޯލްޓް ކެފޭ އެންޑް ރެސްޓޯރެންޓްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޒެނީޝާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކޮންމެ ކުއްޖަކު ވެސް ދުޅަހެޔޮކަމާއި އުފަލުގައި ހެދިބޮޑުވުމަށް މަގުފަހި ކޮށްދިނުމަކީ މުޖުތަމަޢުގެ އެންމެންގެ ކޮނޑުގައި އެޅިފައިވާ ފަރުދީ ޒިންމާއެއްކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއެކު މަސައްކަތްކުރާ ފަންނީ މީހުން ބިނާކޮށް، މި ދާއިރާގައި ޚިދުމަތްކުރާ ދިވެހިންގެ ދައުރު އިތުރަށް ފުޅާވެގެން ދިޔުމަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންގެ ޢާއިލާތަކަށާއި، ޤައުމަށް ނުހަނު ބޭނުންތެރިވެފައިވާ ކަމެއްކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހަމަހަމަ ފުރުޞަތުތައް ތަނަވަސްކޮށްދީ، އެ ފަރާތްތަކުގެ ބައިވެރިވުން އިތުރުކޮށް، އިޤްތިޞާދީ ގޮތުން ބާރުވެރި ބަޔަކަށް ހެދުމަށްޓަކައި ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ ޒެނީޝާ ވިދާޅުވިއެވެ. އެ ގޮތުން، ސަރުކާރުގެ އިސްނެންގެވުމުގެ މަތިން ނުކުޅެދުންތެރިކަން ހުންނަ 270އަށް ވުރެ ގިނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސްކޮށް ދެވިފައިވާކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޒެނީޝާގެ ވާހަކަފުޅުގައި ވަޒީފާގެ މާޙައުލުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެ ކަންކަން ޙައްލުކުރުމަށް މިނިސްޓްރީން ތަފާތު ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ. މި ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ދީފައިވާ ކުންފުނިތަކުގެ މެނޭޖްމަންޓާއި މުވައްޒަފުންގެ ތެރެއިން 500 އެއްހާ މީހުނަށް “ޑިސްއެބިލިޓީ ސެންސިޓައިޒޭޝަން” ޕްރޮގްރާމްތަކެއް ހޭލުންތެރިކުރުމުގެ ގޮތުން ކުރިއަށް ގެންދެވުނުކަމަށާއި، ސަރުކާރުގެ އަމާޒަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެކި ދާއިރާތަކުން ތަފާތު ފުރުޞަތުތައް ތަނަވަސްކޮށްދިނުން ކަމަށް މިނިސްޓަރ ޒެނީޝާ ވިދާޅުވިއެވެ.

27 ޝައްވާލް 1439 

11  ޖުލައި  2018

Leave a Reply

Your email address will not be published. Required fields are marked *