30 ދުވަހުގެ ތެރޭގައި ހާސިލުކުރުމަށް ކަނޑައަޅައިފައިވާ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ތެރަޕިއުޓިކް ޚިދުމަތްތައް ހިލޭ ފޯރުކޮށްދިނުމުގެ ޕްރޮގްރާމް އިފުތިތާހުކޮށްފި

ސަރުކާރުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ހާސިލުކުރުމަށް ކަނޑައަޅައިފައިވާ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް ޚިދުމަތްތައް ހިލޭ ފޯރުކޮށްދިނުމުގެ ޕްރޮގްރާމް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފް މިއަދު އިފުތިތާހުކޮށްދެއްވައިފިއެވެ.

މި ޕްރޮގްރާމް އިފުތިތާހުކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައި މިއަދު ކުރިއަށް ދިޔަ ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝިދާތާ ވިދާޅުވީ ތެރަޕިއުޓިކް ޚިދުމަތްތަކަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެ ފަރާތްތަކުގެ ޢާއިލާތަކުން މާލީގޮތުން ބޮޑު ހޭދައެއް ކުރަން ޖެހިފައިވާ ކަމަށާއި، ސަރުކާރުން ވަޢުދުވި ގޮތަށް މިއަދުން ފެށިގެން އެ ކަމަށް ޙައްލު ލިބިގެން ދާނެ ކަމަށެވެ. އަދި މި ފަދަ ޚިދުމަތްތަކަކީ ދައުލަތުން ބޮޑު ހޭދައެއް ކުރަން ޖެހޭ ޚިދުމަތްތަކެއް ކަމަށާއި، އެހެން ނަމަވެސް ސަރުކާރުން އިސްކަން ދެނީ ރައްޔިތުންގެ ދުޅަހެޔޮކަމާއި، ޚާއްޞަ ރައްކައުތެރިކަމާއި އަޅައިލުން ބޭނުންވާ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކުރުމަށް ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އެ ފަރާތްތަކުގެ ޢާއިލާތަކާއި، ތެރަޕިއުޓިކް ޚިދުމަތްތައް ފޯރުކޮށްދޭ ހޮސްޕިޓަލް، ކްލިނިކް އަދި ޖަމުޢިއްޔާ ޖަމާޢަތްތަކުން ބައިވެރިވެ، ޚިޔާލު ހުށަހަޅައިފައިވެއެވެ.

ތެރަޕިއުޓިކް ޚިދުމަތްތައް ހިލޭ ފޯރުކޮށްދިނުމުގެ ޕްރޮގްރާމް އިފުތިތާހުކުރެވުމުން އާސަންދަ ސްކީމް މެދުވެރިކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދެމުންނުދާ ތެރަޕިއުޓިކް ޚިދުމަތްތައް މި ޕްރޮގްރާމްގެ ދަށުން ލިބިގެންދާނެއެވެ. މި ޕްރޮގްރާމް ފަރުމާކުރެވިފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ތެރަޕިއުޓިކް ފަރުވާ ބޭނުންވާ ފަރާތްތަކަށް ކަމުގައިވާތީ، އެހީ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ “ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކައުތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު”ގެ ދަށުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. ތެރަޕިއުޓިކް ޚިދުމަތް ބޭނުންވާ ފަރާތްތަކުން، ތެރަޕިއުޓިކް ފަރުވާ ބޭނުންވާކަން އަންގައިދޭ ކަމާގުޅޭ ޚާއްޞަ ޑޮކްޓަރެއްގެ ލިޔުމާއި، އެ ފަދަ ތެރަޕިއުޓިކް ޚިދުމަތް ފޯރުކޮށްދޭ މަރުކަޒެއްގެ ކޯޓޭޝަންގެ އިތުރުން އެހީއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށް ފަހު އެ އެޖެންސީއަށް ހުށަހެޅުއްވުމުން، އެހީ ހަމަޖެހިގެންދާނެއެވެ.

20 ރަބީޢުލްއާޚިރު 1440

27 ޑިސެންބަރު  2018

Leave a Reply

Your email address will not be published. Required fields are marked *