2023 ވަނަ އަހަރުގެ ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލައިފި

2014ވަނަ އަހަރުން ފެށިގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ކޮންމެ އަހަރަކު ދެމުން އަންނަ “ރެހެންދި އެވޯޑު”އަށް ނަން ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވައިލެވިފައެވެ. މި އެވޯޑުގެ މަޤްޞަދަކީ ޤައުމީ ހިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށާއި މުޖުތަމަޢު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރާއި، މުޖުތަމަޢުގައި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި، އަންހެނުންގެ ކުރިއެރުމަށް ވަކި ފަރުދުންނާއި މުއައްސަސާތަކާއި، ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގު، ޤައުމީ ފެންވަރެއްގައި ވަޒަން ކުރުމެވެ. މި އެވޯޑަށް މި އަހަރު ކުރިމަތިލެވޭނެ ދާއިރާތަކަކީ:

  1. ވަކި ވަކި އަންހެނުންނަށާއި ޖަމުޢިއްޔާ/ ޖަމާޢަތްތަކަށް އެވޯޑަށް ހުށަހެޅޭ ދާއިރާ
    • ލީޑަޝިޕް އަދި ގަވަރނަންސް
    • އިޤްތިޞާދީގޮތުން ބާރުވެރިކުރުން
    • އިޖުތިމާޢީގޮތުން ބާރުވެރިކުރުން
    • އަންހެނުން ޢާންމުކޮށް ކޮށްނޫޅޭ މަސައްކަތްތައް ނުވަތަ “ނޮން-ޓްރެޑިޝަނަލް ރޯލްސް”
  2. އިންސްޓިޓިއުޝަނަލް ޖެންޑަރ މެއިންސްޓްރީމިންގ – ވަޒީފާ ދޭ ފަރާތްތައް/ މުއައްސަސާތަކުން އެވޯޑަށް ހުށަހެޅޭ ދާއިރާ
  3. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އެވޯޑަށް ހުށަހެޅޭ ދާއިރާ

މި އެވޯޑަށް ކުރިމަތިލާނެ ގޮތުގެ އިތުރު މަޢުލޫމާތު، އެވޯޑަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމު އަދި އުސޫލު މިނިސްޓްރީގެ ވެބްސައިޓު www.gender.gov.mv މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ. އަދި ދިވެހި ސަރުކާރުގެ ގެޒެޓު މެދުވެރިކޮށް ލިބެން ހުންނާނެއެވެ. މި އެވޯޑަށް އެދި ނަން ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ 13 ފެބުރުއަރީ 2023 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00އެވެ.

22 ޖުމާދަލްއާޚިރު 1444

15 ޖަނަވަރީ 2023

Leave a Reply

Your email address will not be published. Required fields are marked *