ޤައުމީ މާމާ، ކާފަ ދުވަސް ކަނޑައަޅައި ދޮށީ އުމުރުގެ މީހުންނާ ބެހޭ ޤައުމީ އެކްޝަން ޕްލޭން އިފުތިތާހުކޮށްފި

ކޮންމެ އަހަރެއްގެ ސެޕްޓެންބަރު މަހުގެ 1ވަނަ ދުވަހަކީ ޤައުމީ މާމާ، ކާފަ ދުވަހުގެ ގޮތުގައި ކަނޑައަޅައި ދޮށީ އުމުރުގެ މީހުންނާ ބެހޭ ޤައުމީ އެކްޝަން ޕްލޭން މިއަދު އިފުތިތާހު ކުރެވިއްޖެއެވެ.

ޤައުމީ މާމާ، ކާފަ ދުވަސް އިޢުލާނުކޮށްދެއްވީ ހޮޓެލް ޖެންގައި މިއަދު ހެނދުނު އިންތިޒާމުކުރެވުނު ޚާއްޞަ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފްއެވެ. އަދި ދޮށީ އުމުރުގެ މީހުންނާ ބެހޭ ޤައުމީ އެކްޝަން ޕްލޭން އިފުތިތާހުކޮށްދެއްވީ ހަމަ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަލްފާޟިލާ ފަޒްނާ އަޙްމަދުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝިދާތާ ވިދާޅުވީ މި ފަދަ އެކްޝަން ޕްލޭނެއް އެކުލަވައިލައި، ޤައުމީ ފެންވަރެއްގައި މާމަ، ކާފަ ދުވަހެއް ފާހަގަކުރެވިގެން ދާކަމީ އަޅުގަނޑުމެން އެންމެ އުފާކުރަންޖެހޭކަމެއް ކަމަށެވެ. އަދި ދުނިޔޭގެ އެކިއެކި ޤައުމުތަކުގައި މި ފަދަ ދުވަސްތައް ޚާއްޞަ އިސްކަމެއްދީގެން ފާހަގަކުރާކަމަށް ވިދާޅުވެ، ކުރިއަށް އޮތް ތަނުގައި ދިވެހިރާއްޖޭގައި ސެޕްޓެމްބަރު މަހުގެ 1ވަނަ ދުވަސް ކުލަގަދަކޮށް ފާހަގަކުރެވޭކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

ޤައުމީ ފެންވަރެއްގައި މާމާ، ކާފަ ދުވަސް ފާހަގަކުރުމުގެ މަޤްޞަދަކީ އުމުރުން ދުވަސްވީ މީހުން ޤައުމަށް ކޮށްދީފައިވާ ޚިދުމަތްތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމާއި، އެ މީހުންގެ ތަޖުރިބާއާއި މަޢުލޫމާތު ޙިއްޞާކުރުމަކީ މުހިންމުކަމެއްކަން ހާމަކޮށްދިނުމާއި، ސްކޫލްތަކާއި ހިންގޭ އެހެނިހެން ޕްރޮގްރާމްތަކުގައި ވެސް މި ކަމަށް އަހަންމިއްޔަތުކަން ދިނުމުގެ އިތުރުން މުޖުތަމަޢުގެ އެންމެންގެ ބައިވެރިވުން ހިމެނޭ ގޮތަށް މި ފަދަ ދުވަހެއް ފާހަގަކުރުމެވެ.

ދޮށީ އުމުރުގެ މީހުންނާ ބެހޭ ޤައުމީ އެކްޝަން ޕްލޭންގެ މަޤްޞަދަކީ ދިވެހިރާއްޖޭގައި ދޮށީ އުމުރުގެ މީހުންގެ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމުގައި ރިޢާޔަތްކުރާނެ ވަކި ސިޔާސަތެއް ކަނޑައެޅުމުގެ ގޮތުން، 2017ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 1ގައި އިފުތިތާހުކުރެވުނު “ދޮށީ އުމުރުގެ މީހުންނާ ބެހޭ ޤައުމީ ސިޔާސަތު”ގައި އިސްކަންދޭ ހަތަރު ދާއިރާގައިވާ ކަންކަން ހާސިލުކުރުމެވެ. އެ ހަތަރު ދާއިރާއަކީ އަޅައިލުމާއި ރައްކާތެރިކަން، މިނިވަންކަމާއި ބައިވެރިވުން، ޞިއްޙަތާއި ދުޅަހެޔޮކަން އަދި ދޮށީ އުމުރަށް ތައްޔާރުވުމެވެ. މި އެކްޝަން ޕްލޭންގައި 34 ޕްރައިއޯރިޓީ އެކްޝަނެއް ބަޔާންކުރެވިފައިވެއެވެ. މި އެކްޝަންތަކަކީ ކަމާ ބެހޭ އެންމެހައި ފަރާތްތަކާ ވިލަރެސްކޮށް، 2 އަހަރުގެ މުއްދަތެއްގެ ތެރޭގައި ފުރިހަމަކުރަންޖެހޭ މަސައްކަތްތަކެވެ.

21 ރަބީޢުލްއައްވަލް 1441

18  ނޮވެންބަރު   2019

Leave a Reply

Your email address will not be published. Required fields are marked *