ޤައުމީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އިން ނެރޭ ބަޔާން

މިއަދަކީ ޤައުމީ ކުޑަކުދިންގެ ދުވަސްކަމުން ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ކުޑަކުދިންނަށާއި އެކުދިންގެ މައިންބަފައިންނާއި ބެލެނިވެރިންނަށް ދުވަހުގެ އިހްލާސްތެރި ހެޔޮ އެދުމާއި، ތަހުނިޔާ މިނިސްޓަރ އޮފް ޖެންޑަރ، ފެމެލީ، އެންޑް ސޯޝަލް ސަރވިސަސްގެ ނަމުގައި ދަންނަވަމެވެ. ކުޑަކުދިންގެ ދުވަހެއް ފާހަގަ ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ބޮޑެތިވަމުން އަންނަ ކުދިންނަށް ބޭނުންވާ ރަގަޅު ތަޢުލީމާއި، ހެޔޮ ތަރުބިއްޔަތާއި، އަމާން ވެއްޓެއް ގާއިމް ކޮށްދިނުމަށް މަގުފަހިކޮށް އެކަންކަމުގައި މަސްއޫލުވާ އެންމެހާ ފަރާތްތަކުގެ ޒިންމާ ހަނދާންކޮށްދިނުމެވެ. އަދި މިދެންނެވި ކަންކަން ކުދިންނަށް ފުރިހަމައަށް ފޯރުކޮށްދިނުމުގައި ހުރި ހުރަސްތަކާއި، ގޮންޖެހުންތަކާއި މެދު އާއްމުން ހޭލުންތެރިކުރުވުމެވެ.

ކުޑަކުދިންނަކީ ޝައްކެއްވެސް ނެތްގޮތުގައި ޤައުމުގެ އެންމެ އަގުބޮޑު އެއް ރައުސްމާލުކަން އަޅުގަޑުމެން އެންމެންވެސް ޤަބޫލުކުރަންޖެހެއެވެ. ޤައުމުގެ މުސްތަގުބަލް ބަނަވުން ނުވަތަ އުޖާލާވުން ބިނާވެގެންދާނީ އެކުދިންނަށް ދެވޭ ތައުލީމަކާއި ތަރުބިއްޔަތެއްގެ އިތުރުން ހޯދައިދެވޭ ރައްކާތެރިކަމުގެ މިންވަރުގެ މައްޗަށެވެ. މިއިން އެއްވެސް ކަމަކީ އަޅުގަނޑުމެން އެކަކަށްވެސް އިހުމާލުވެވެން ނެތް ކަންތައްތަކެއް ކަން މިފުރުސަތުގައި ފާހަގަކުރަމެވެ. މިދެންނެވި ކަންކަން ފުރިހަމަ ގޮތުގައި ކުދިންނަށް ފޯރުކޮށްދިނުމަކީ ވަކި ބައެއްގެ ޒިންމާއެއްގެ ގޮތުގައި ބަލައިގެން މިއަދު އަޅުގަނޑުމެނަށް ތިބެވޭކަށެއް ނެތެވެ. ކުދިންނަށް ރަގަޅު ތައުލީމަކާއި، ހެޔޮ ތަރުބިއްޔަތެއް ހޯދައިދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ ބަޔަކީ ޔަގީނުންވެސް ކުދިންގެ މައިންބަފައިންނާއި މުދައްރިސުންނެވެ. ހަމައެކާއެކު ކުޑަކުދިންނަށް ރައްކާތެރިކަން ހޯދައިދިނުމުގައި އެންމެންގެވެސް ހިއްޞާއެއް އެބައޮތްކަން ޤަބޫލުކުރަންޖެހެއެވެ. ކޮންމެ މީހަކަށްވެސް އަދާކުރެވިދާނެ ޒިންމާއެއް އޮންނާނެއެވެ.

ދިވެހިރާއްޖެ ހިމެނޭ ސަރަހައްދުގެ އެހެން ޤައުމުތަކާއި އަޅާ ބަލާއިރު އަޅުގަޑުމެންގެ ކުދިންނަށް ބޭނުންވާ ތަޢުލީމު ހޯދައިދިނުމާއި، ކުޅެލަން ދިއުމާއި، ސިއްޙީކަންކަން ކަށަވަރުކުރުމާއި ފަގީރު ހާލަތުން ރައްކާތެރިކުރުމުގެ މަގުތައް ފަހިކޮށްދެވިފައިވުމީ އުފަލާއެކު ފާހަގަކުރާ ކަމެކެވެ. އެހެންނަމަވެސް، އަޅުގަޑުމެންގެ ލޮބުވެތި ކުޑަކުދިންނަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ އެކުދިންނަށް ލިބޭ އެކިބާވަތުގެ އަނިޔާއެވެ. ވަކިން ޚާއްޞަކޮށް ކުޑަކުދިންނަށް ކުރާ އަނިޔާއާ އެކުދިންނާއި މެދު ކުރެވޭ ނޭދެވޭ އަމަލުތަކުގެ މިންވަރު މަދުކުރެވޭނީ ޖަމާއަތުގެ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގެ އިތުރުން އެފަދަ ކަންކަމުގައި އެކުދިންގެ ރައްކާތެރިކުރުމުގައި ފަރުދީގޮތުން އަދާކުރަންޖެހޭ ޒިންމާވެސް ފުރިހަމައަށް އަދާކޮށްގެންނެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކަށް ބަލާއިރު މިދިޔަ 2020 ވަނަ އަހަރު އެކަނިވެސް ކުޑަކުދިންނަށް ކުރާ އަނިޔާގެ 1283 މައްސަލަ މި މިނިސްޓްރީއަށާއި މިނިސްޓްރީގެ ދަށުން އަތޮޅުތަކުގައި ގާއިމުކޮށްފައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކަށް ހުށަހަޅައިފައިވެއެވެ. އޭގެ ތެރެއިންވެސް ކުޑަކުދިންނަށް ކުރާ ޖިންސީ ހާނިއްކައިގެ މައްސަލަތަށް  ނިސްބަތުން ވަރަށް ގިނަކަން ފާހަގަވެއެވެ. ޖިންސީ އަނިޔާ އަކީ އޭގެ ސަބަބުން އަނިޔާގެ ޝިކާރައަކަށްވާ ކުއްޖެއްގެ މުޅި ހަޔާތް ވީރާނާ ވެގެން ހިގައިދާނެ ފަދަ ހިތާމަވެރި އަދި ނުރައްކާތެރި އަނިޔާއެކެވެ. މި އަނިޔާއާއި ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރުމަށް ތަފާތު އެތައް މަސައްކަތްތަކެއް އެކި ފަރާތްތަކުން ކެނޑިނޭޅި އެތަށް އަހަރުތަކެއްގައި ކުރަމުން އައިނަމަވެސް ހިތާމައާއިއެކު ފާހަގަކޮށްލަންޖެހޭ މުހިއްމު ކަމެއް އެބައޮތެވެ. އެގޮތުން ގޭތެރޭގައި ނުވަތަ އާއިލާއާއި ގާތް ގުޅުމެއް އޮންނަ މީހެއްގެ ފަރާތުން ހިނގާ ޖިންސީ އަނިޔާގެ މައްސަލަތައް ސިއްރުކުރަން އަދިވެސް ބައެއް ފަރާތްތަކުން މަސައްކަތްކުރަމުންދިއުމެވެ. ކުއްޖާގެ މުސްތަގްބަލަށްވުރެ އަނިޔާ ކުރި މީހާގެ އަބުރާ އިއްޒަތް ބައެއް ފަރާތްތަކަށް އަދިވެސް މުހިއްމުވާކަމެކެވެ. އެފަދަ ފަރާތްތަކުން އަރައިގަންނަނީ ޤާނޫނީ ބޮޑު ކުށަކަށެވެ.

ކުޑަކުދިންނަށް ޚާއްޞަ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމެއް ގާއިމްކޮށް ހިންގުމުގެ ތާރީޚެއް ދިވެހިރާއްޖޭގައި އޮތްނަމަވެސް، ކުޑަކުދިންނާއި ޅަފުރައިގެ ކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި އަދިވެސް ގިނަ މައްސަލަތަކާއި ގޮންޖެހުންތައް ހުރިކަން އަޅުގަނޑު ފާހަގަކުރަމެވެ.

ކުޑަކުދިންނަށް އެކިބާވަތުގެ އަނިޔާކޮށްގެން ރިޕޯޓްކުރެވޭ މައްސަލަތަކުގެ ތެރެއިން، އަނިޔާލިބުނުފަރާތަށް އިންސާފު ލިބެނީ މަދު މައްސަލައެއްގައިކަމާއި، ނިޒާމީގޮތުން ލިބެންވާ ފަރުވާ ނުލިބުމުގެ ސަބަބުން ގިނަ ކުދިން އަލުން އަނިޔާވެރިކަމަށް ހުށަހެޅެމުންދިޔަކަން ފާހަގަކުރެވުނެވެ. މިގޮތުން، ހެކި ހޯދުމުގައި ލަސްވުމާއި، ކުޑަކުދިންނަށް ގޯނާކުރުމުގެ މައްސަލަތަކަކީ ޒާތީ މައްސަލަތަކެއް ކަމުގައި އިޖްތިމާޢީގޮތުން ދުށުމާއި ނުވަތަ ގިނަފަހަރަށް މިފަދަ މައްސަލަތަކުގައި ޝާމިލްވާ ފަރާތްތަކަކީ އާއިލާގައި ހިމެނޭ އަދި މާލީގޮތުން އެހީތެރިވާ މީހަކަށްވާތީ، އާއިލާގެ ކަރާމާތްތެރިކަން ރައްކާތެރިކުރުމުގެ ގޮތުން މައްސަލައިގައި އަނިޔާ ލިބިފައިވާ ފަރާތުން ކޯޓްގައި ހެކިބަސް ދޮގުކުރުންފަދަ ކަންކަން ހިނގަމުންދާކަން ބަލައިގަންނަން ޖެހެއެވެ. އަދި މީގެ އިތުރުން، އަނިޔާލިބޭ ފަރާތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޤާއިމްކޮށްފައިވާ ނިޒާމްގައި ހުރި އިސްލާޙުކުރަންޖެހޭ ކަންކަން ގިނަވުމާއި އެކަށީގެންވާ ވަޞީލަތްތައް ލިބެން ނެތުމާއި، ޤާބިލްކަމާއި ވިލަރެސްކުރުމުގެ ބަލިކަށިކަމުގެ ސަބަބުން މިނިޒާމް ޖުމުލަކޮށް މަސައްކަތްކުރާ މިންވަރު ދާދި ފަހަކާ ޖެހެންދެންވެސް އޮތީ ބަލިކަށިކޮށްކަން ފާހަގަކުރަން ޖެހެއެވެ. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ގާނޫނު ތަޞްދީޤުކުރެވި ނިޒާމް ހަރުދަނާ ކުރުމުގެ ގޮތުން ކުރެވުނު މަސައްކަތުގެ ތެރެއިން މިފަދަ މައްސަލަތަކުގައި ތަހްޤީޤު މަރުހަލާ ނިމި ދައުވާކުރެވޭ މިންވަރު އިތުރު ވަމުން އަންނަކަން ފާހަގަކުރަމެވެ. އެގޮތުން 2019 އަހަރަށްވުރެ 2020 ވަނަ އަހަރު މިފަދަ މައްސަލަތަކުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދައުވާ ކުރެވުނު މީހުންގެ ޢަދަދު %65 އަށް އިތުރުވެ ދަޢުވާތަކުގެ ޢަދަދު %63 އަށް އިތުރުވިކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ތަފާސް ހިސާބުތަކުން ހާމަވެއެވެ. މިކަން މިގޮތަށް ކުރެވެނީ މިކަމަށް ކަމާބެހޭ އިދާރަތަކުން ދޭ ސަމާލުކަން އިތުރުވެ ވިލަރެސްކުރެވިފައިވާ ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރަން ފެށުމުންނެވެ.

2019 ވަނަ އަހަރު ނޮވެމްބަރު މަހު ތަސްދީޤު ކުރެވުނު ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަކީ އިސްވެ ދެންނެވުނު ކަންކަން ހައްލުކޮށް ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުޑަކުދިންގެ ޙައްޤުތައް ހިމާޔަށްކޮށް ރައްކާތެރިކުރުމަށް ކުރަމުން ގެންދާ މަސައްކަތުގައި އެޅިގެން ދިޔަ މުހިއްމު ބިންގަލެކެވެ. މިޤާނޫނުގެ ދަށުން ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ޢާއިލާއާއި، މައިންބަފައިންނާއި ބެލެނިވެރިންނާއި މުޖުތަމަޢުއާއި  ދައުލަތާއި އެހެނިހެން ފަރާތްތަކުގެ ޒިންމާތަށް ވަނީ ކަނޑައެޅިފައިވެއެވެ. ކުޑަކުދިންނަށް އަޅާނުލާ ފަރާތްތަކާއި އެކުދިންނާމެދު އިހްމާލުވާ ފަރާތްތަކާއި އެކުދިންނަށް އިހާނެތިކޮށް ހިތާ ފަރާތްތަކާއި އެކުދިންނަށް ގޯނާކޮށް އެކުދިންގެ ކިބައިން ނާޖާއިޒް ފައިދާ ހޯދާ ފަރާތްކަމެދު މި ގާނޫނުގެ ދަށުން ކުށް ކަނޑައަޅައި ފިޔަވަޅު އެޅޭނެއެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އެހީތެރިކަމަށް ބޭނުންވެފައިވާ ކުދިންގެ މަސްލަޙަތު ހިމާޔަތްކޮށް ކުރިއަރުވައި އިޖްތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސްގެ ނަމުގައި ވަކި އިދާރާއެއް ވަނީ އުފައްދާފައެވެ. އެހެންކަމުން ކުޑަކުދިންނަށް ކުރާ އަނިޔާގެ ޝިކާރައަކަށްވާ ކުދިންނަށް އެހީތެރިވެދީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމް ހަރުދަނާވެ ކުދިންނަށް ބޭނުންވާ ޚިދުމަށް ދިނުމުގައި އިތުރު ފަސޭހަތަކެއް ވެގެންދާނެއެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގައި ލާމަރުކަޒީ ނިޒާމުގެ ތެރެއިން އެ ޤާނޫނު ތަންފީޒުކުރުމަށް އަހަންމިއްޔަތުކަމެއް ދީފައިވެއެވެ. މި ޤާނޫނުގައި ހިމެނޭ މަސްއޫލިއްޔަތުތަށް އަތޮޅު އަދި ރަށު ފެންވަރުގައި ތަންފީޒުކުރުމުގައި ކައުންސިލްތަކުގެ ބައިވެރިވުން ހިމަނައި ބޭނުންވާ ފަންނީ ގާބިލްކަން އިތުރުކޮށް ކައުންސިލްގެ ބައިވެރިވުމާއެކު މި މަސައްކަތް ތަންފީޒުކުރެވޭނެއެވެ.

މި ޤާނޫގެ ދަށުން ކުޑަކުދިންގެ  ޙައްޤުތައް ރައްކާތެރިކުރުމުގެ ގޮތުންނާއި ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ސިޔާސަތު ކަނޑައެޅުމުގައި ލަފާދިނުމަށްޓަކައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ކައުންސިލްއެއް ރައީސުލްޖުމްހޫރިއްޔާ ވަނީ އުފައްދަވާފައެވެ. ކަމާގުޅޭ ދާއިރާތަކާއި މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުމާއެކު އެކުލަވާލެވުނު މިކައުންސިލް އުފެދުމާއެކު ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޤައުމީ ނިޒާމްގައި ހިމެނޭ ކަންކަން ތަންފީޒުކޮށް ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގައި ކައުންސިލްގެ ފަންނީ ލަފަޔާއި އިރުޝާދު ހޯދައި އޭގެ އަލީގައި ކަންކަން އިސްލާޙުކުރުމަށް މަގުފަހިވެގެންދާނެއެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހާ ގަވާއިދުތަށް ހެދި އެޔަށް އަމަލުކުރަން ވަނީ ފެށިފައެވެ. އެގޮތުން ކުޑަކުދިންނާ ގުޅޭ މައްސަލަ ބެލުމުގެ އުޞޫލުތައް ކަނޑައެޅުމުގެ ގަވާޢިދާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޢާންމު ގަވާއިދާއި އޯލްޓަނޭޓިވް ކެއަރ ޚިދުމަތާބެހޭ އުޞޫލުތައް ކަނޑައެޅުމުގެ ގަވާއިދު އެކުލަވާލައި ގެޒެޓްކުރެވި އެ ގަވާއިދުތަކަށް އަމަލުކުރަން ވަނީ ފެށިފައެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ޢާއިލީ ވެއްޓެއްގައި ހެދިބޮޑުވުމުގެ ފުރުޞަތު ފަހިކުރުމަށްޓަކައި ފޮސްޓަރިން އަދި ރީ-އިންޓެގްރޭޝަން ނިޒާމް އިތުރަށް ހަރުދަނާކޮށް ދައުލަތުގެ ބެލުމު ދަށަށް ގެނެވޭ ކުދިން ރީ-އިންޓެގްރޭޓް ކުރުމަށް ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ގަވާއިދެއް އެކުލަވާލައި އެއަށް އަމަލުކުރުމަށް މުހިންމު މަސައްކަތްތަކެއް ވަނީ ފެށިފައެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނޫ ތަންފީޒުވަމުން ދާ މިންވަރު ބަލައި ޤާނޫނުގައި ކަމާބެހޭ މުއައްސަސާތަކަށް ކަނޑައެޅިފައިވާ މަސްއޫލިއްޔަތުތަކާއި ޒިންމާތަކަށް ފާރަވެރިވެ އެ ޒިންމާތަށް ތަންފީޒުކުރާ މިންވަރު މޮނިޓަރކުރުމަށް ޗިލްޑްރަންސް އޮމްބަޑްސްޕަރސަންއެއް މިޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައެވެ. ޗިލްޑްރަން އޮމްބަޑްސްޕަރސަންއެއް ކަނޑައެޅިގެން ދިއުމަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ މަސައްކަތް ނިޒާމީ ގޮތެއްގައި ތަންފީޒުކުރުމަށް ލިބިގެން ދިޔަ އިތުރު ބާރެކެވެ.

ކޯވިޑް-19 ގެ ޙާލަތާއި ގުޅިގެން ބަލި ކޮންޓްރޯލް ކުރުމުގައި އެޅުނު ފިޔަވަޅުތަކުގެ އަސަރު އެންމެ ބޮޑަށް ކުރި އެއްބަޔަކީ ކުޑަކުދިންނެވެ. ސްކޫލަށްގޮސް އުނގެނުމާއި އެހެނިހެން ހަރަކާތްތަކުގައި ޝާމިލްވުމުގެ ފުރުޞަތު ހަނިވެގެން ދިޔަކަމުގައި ވިޔަސް އެކުދިންގެ މައިނބަފައިން، ޓީޗަރުން އަދިވެސް އެކުދިންނަށް އެކި ގޮތްގޮތައް އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހާ ފަރާތަތް ކުރައްވަމުންގެންދާ މަސައްކަތާއި ދައްކަވާ ހިތްވަރު މިފުރުސަތުގައި ފާހަގަކޮށް އެފަރާތްތަކަށް އިޚްލާސްތެރިކަމާއެކު ޝުކުރުދަންނަވަމެވެ. ކޯވިޑް-19 ގެ މިހާރުގެ ހާލަތަށް ބަލާއިރު ކުޑަކުދިން ބައްޔަށް ފައްސިވަމުންދާ އަދަދު އިތުރުވަމުން އަންނަކަން ތަފާސްހިސާބުތަކުން ދައްކާއިރު މިއީ ކުޑަކުދިން މި ބަލިން ރައްކާތެރި ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އަޅުގަނޑުމެން އެންމެން ސަމާލުކަން ދޭންވީ ވަޤުތެވެ.

އަޅުގަނޑުމެންގެ ދުޢާ އަކީ ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ގެ ބަލިމަޑުކަމުން ކުޑަކުދިން ރައްކާތެރިކޮށްދެއްވާ، ދުޅަހެޔޮ، އުފާ ފާގަތި، އަމާން ރައްކާތެރި މުސްތަޤުބަލެއް އަޅުގަޑުމެންގެ ކުދިންނަށް މާތް ﷲ މިންވަރުކޮށްދެއްވުމެވެ.

 

28 ރަމަޟާން 1442

10 މެއި 2021

Leave a Reply

Your email address will not be published. Required fields are marked *