ޖަޕާން ސަރުކާރުގެ ފަރާތުން، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ މެޑިކަލް ވޯޑު މަރާމާތުކޮށް މެޑިކަލް ވޯޑަށް ބޭނުންވާ ވަސީލަތްތަކާއެކު ހަވާލުކޮށްފި

ކ.ގުރައިދޫގައި ޤާއިމުކުރެވިފައިވާ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ މެޑިކަލް ވޯޑު މަރާމާތުކުރުމަށްފަހު އެވޯޑަށް ބޭނުންވާ ވަސީލަތްތަކާއެކު މިއަދު ހަވާލުކޮށްފިއެވެ.

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މިއަދު ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ޖަޕާން ސަރުކާރުގެ ފަރާތުން އެހީ ހަވާލުކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު، ހަރ އެކްސެލެންސީ މިސިޒް ޓަކެއޫޗީ މިދޯރީއެވެ. މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން ޙަވާލުވެވަޑައިގެންނެވީ މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީއެވެ.

ކ.ގުރައިދޫގައި ޤާއިމުކުރެވިފައިވާ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ މެޑިކަލް ވޯޑު މަރާމާތްކުރުމަށާއި މެޑިކަލް ވޯޑަށް ބޭނުންވާ ވަސީލަތްތަކަށް ޖަޕާން ސަރުކާރުން 86,961 އެމެރިކާ ޑޮލަރު (1.3 މިލިއަން ދިވެހި ރުފިޔާ) ވަނީ ހޭދަކޮށްފައެވެ.

މިއެހީ ދިނުމުގެ އެއްބަސްވުމުގައި 9 ޖަނަވަރީ 2020 ގައި ސޮއިކުރެވިފައިވީ ނަމަވެސް، ކޮވިޑް19ގެ ފުރަބަންދުގެ ސަބަބުން މި މަސައްކަތްކުރުމުގައި ދަތިތަކެއް ދިމާވެފައެވެ.

މި މަޝްރޫޢުގެ ސަބަބުން މި މަރުކަޒުގައި ބަލަހައްޓަމުންދާ ފަރާތްތަކަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެން ދާނެއެވެ. މިގޮތުން، މި މަރުކަޒުގެ މެޑިކަލް ވޯޑު މަރާމާތު ކުރުމުން ޖާގައިގެ ތަނަވަސްކަން އިތުރުވެ، އިމަޖަންސީ ނުވަތަ ކުއްލި ޙާލަތްތަކުގައި މަރުކަޒުގައި ދިރިއުޅޭ ފަރާތްތަކަށް އަވަސް ފަރުވާދެވޭނެ އިންތިޒާމު ފަހިވެގެން ދާނެއެވެ. މި މަރުކަޒުގައި މި ވަގުތު ޚާއްޞަ ރައްކާތެރިކަމާއި އަޅައިލުން ބޭނުންވާ 191 މީހުން ބަލަހައްޓަމުންދެއެވެ.

20 މުޙައްރަމު 1444

18 އޮގަސްޓް 2022

Leave a Reply

Your email address will not be published. Required fields are marked *