ސެޕްޓެމްބަރ 2017ގައި މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ މައްސަލަތައް

ސެޕްޓެމްބަރ 2017ގައި ޖުމްލަ 213 މައްސަލައެއް ވަނީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ

  • ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 104 މައްސަލަ ސެޕްޓެމްބަރ މަހު ވަނީ ރިޕޯޓުކޮށްފައެވެ. މިއީ ސެޕްޓެމްބަރ 2017ގައި ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ 49 އިންސައްތައެވެ.
  • މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިންސީ ހާނީއްކައިގެ މައްސަލަތަކެވެ. މި ގޮތުން މި ބާވަތުގެ ޖުމްލަ 43 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.
  • މި ބާވަތުގެ މައްސަލަތަކުގެ އިތުރުން ކުޑަކުދިންނަށްކުރާ ޖިސްމާނީ ހާނީއްކައިގެ 24 މައްސަލަ، ނަފްސާނީ ހާނީއްކައިގެ 17 މައްސަލަ، އިހުމާލުވުމުގެ 8 މައްސަލަ، ކުދިން ދޫކޮށްލާފައި ދިޔުމުގެ 4 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށް ވުމުގެ 4 މައްސަލަ އަދި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 4 މައްސަލަ ހިމެނެއެވެ.

ކުށް ކުރާ ކުޑަކުދިން

  • އެކި ބާވަތުގެ ކުށް ކުރާ ކުޑަކުދިންގެ 10 މައްސަލަ މިނިސްޓްރީއަށް މިދިޔަ މަހު ވަނީ ހުށަހަޅައިފައެވެ.
  • މި ފަދަ މައްސަލަތަކުގެ ތެރޭގައި ތަންތަނަށާއި ތަކެއްޗަށް ގަސްދުގައި ގެއްލުންދިނުމުގެ 2 މައްސަލަ، ވައްކަންކުރުމުގެ 1 މައްސަލަ އަދި މަސްތުވާތަކެތި ބޭނުންކުރުމުގެ 1 މައްސަލަ ހިމެނެއެވެ.

ކުޑަކުދިންގެ އަޚުލާޤީ މައްސަލަތައް

  • ކުޑަކުދިންގެ އަޚުލާޤީ މައްސަލަތަކުގެ 10 މައްސަލައެއް މިދިޔަ މަހު ވަނީ ހުށަހަޅައިފައެވެ.
  • މި ފަދަ މައްސަލަތަކުގެ ތެރޭގައި ސްކޫލަށް ދާން ބޭނުން ނުވުމުގެ 4 މައްސަލަ، ރުޅި އިސްކުރުން ނުވަތަ ރުޅިގަދަވެގެން އުޅުމުގެ 3 މައްސަލަ އަދި ގެއިން ނިކުމެގެން ދިޔުމުގެ 3 މައްސަލަ ހިމެނެއެވެ.

ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުން  

  • ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ ޖުމްލަ 8 މައްސަލައެއް މިދިޔަ މަހު ވަނީ ހުށަހަޅައިފައެވެ.
  • މި ފަދަ މައްސަލަތަކުގެ ތެރޭގައި ތަޢުލީމަށް ހުރަސް އެޅުމުގެ 4 މައްސަލަ އަދި ޞިއްޙީ ފަރުވާއަށް ހުރަސްއެޅުން ނުވަތަ ނުދިނުމުގެ 4 މައްސަލަ ހިމެނެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާ

  • ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 32 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. މިއީ ސެޕްޓެމްބަރ 2017ގައި ރިޕޯޓްކޮށްފައިވާ މައްސަލަތަކުގެ ޖުމްލަ 15 އިންސައްތައެވެ.
  • މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތަކެވެ. މި ގޮތުން ޖިސްމާނީ އަނިޔާކުރުމުގެ 14 މައްސަލައެއް މި މުއްދަތުގެ ތެރޭގައި ރިޕޯޓުކޮށްފައިވެއެވެ.
  • މީގެ އިތުރުން މި ބާވަތުގެ މައްސަލަތަކުގެ ތެރޭގައި ބިރު ދެއްކުމަށް ކުރާ އެކިކަންކަމުގެ 7 މައްސަލަ، ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުންކުރެވޭ އަނިޔާގެ 6 މައްސަލަ، ގަދަކަމުން ޖިންސީ ގޯނާ ކުރުމުގެ 1 މައްސަލަ، އިހުމާލުވުމުގެ 1 މައްސަލަ، ހިފެހެއްޓުމުގެ އަމަލު ހިންމުގުމުގެ 1 މައްސަލަ، ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 1 މައްސަލަ އަދި މާލީ ނުވަތަ އިޤުތިޞާދީ ފުދުންތެރިކަން ފޯރުކޮށްދިނުމުގައި ހުރަސްއެޅުމުގެ 1 މައްސަލަ ހިމެނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅާލުމާއި އެހީތެރިކަން

  • މި ފަދަ މައްސަލަތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 14 މައްސަލައެއް ހިމެނެއެވެ. އަދި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 5 މައްސަލައެއް ހުށަހަޅައިފައިވެއެވެ.

އަމިއްލަ ނަފްސަށް ގެއްލުން ދިނުން

  • އަމިއްލަ ނަފްސަށް ގެއްލުންދިނުމާ ގުޅޭ ޖުމްލަ 12 މައްސަލައެއް ސެޕްޓެމްބަރ މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.

28 މުޙައްރަމް 1439

18 އޮކްޓޫބަރު 2017

Leave a Reply

Your email address will not be published. Required fields are marked *