ދ.ކުޑަހުވަދޫއަށް މިނިސްޓަރ ޒެނީޝާ ރަސްމީ ދަތުރުފުޅެއް ކުރައްވައިފި

މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ ދ.ކުޑަހުވަދޫއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފިއެވެ. ޖަނަވަރީ 28 އިން 29 އަށް ކުރެއްވި މި ދަތުރުފުޅުގައި، ދ.ކުޑަހުވަދޫގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރަށް ޒިޔާރަތްކުރައްވައި، އެ ސެންޓަރުން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން، ސެންޓަރުގެ މުވައްޒަފުންނާ މިނިސްޓަރ މަޝްވަރާކުރެއްވިއެވެ.

ދ.ކުޑަހުވަދޫއަށް ކުރެއްވި މި ދަތުރުފުޅުގައި، ދ.އަތޮޅު ކައުންސިލާއި، ދ.ކުޑަހުވަދޫ ކައުންސިލްގެ މެންބަރުންނާ ވެސް މިނިސްޓަރ ބައްދަލުކުރެއްވިއެވެ. އަދި އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދިނުމުގައި އެ މުއައްސަސާތަކާ ގުޅިގެން މިނިސްޓްރީން ކުރިއަށް ގެންދެވިދާނެ ހަރަކާތްތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރެއްވިއެވެ. އަދި، ދ.އަތޮޅުގައި ޤާއިމްކުރެވިފައިވާ ރީޖަނަލް ކޮމާންޑް ޕޮލިސް ސްޓޭޝަންގެ ބޭފުޅުންނާ ވެސް ބައްދަލުކުރައްވައި، ގުޅިގެން ކުރިއަށް ގެންދެވޭނެ ހަރަކާތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން، ދ.އަތޮޅު ހޮސްޕިޓަލަށް މިނިސްޓަރ ޒިޔާރަތްކުރައްވައި، އެ ހޮސްޕިޓަލްގެ މެނޭޖްމަންޓާއި، ދޮށީ އުމުރުގެ މީހުންނަށް އަމާޒުކޮށްގެން މިނިސްޓްރީން ކުރިއަށް ގެންދިޔަ ރަންވޭލާ ކެމްޕޭންގެ ހެލްތު ސްކްރީނިންގ ޕްރޮގްރާމްގެ ބައިވެރިންނާ ބައްދަލުކުރެއްވިއެވެ.

މިނިސްޓަރގެ މި ދަތުރުފުޅަކީ، ދޮށީ އުމުރުގެ މީހުންނަށް އަމާޒުކޮށްގެން މިނިސްޓްރީން ކުރިއަށް ގެންދާ ރަންވޭލާ ކެމްޕޭންގެ ތެރެއިން ދ.އަތޮޅާއި ތ.އަތޮޅުގައި މަސައްކަތްކުރާ ޞިއްޙީ އަދި އިޖްތިމާޢީ ޚިދުމަތްތެރިންނަށް ހިންގި ޚާއްޞަ ޓްރޭނިންގ ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށްޓަކައި ކުރެއްވި ދަތުރުފުޅެކެވެ.

13 ޖުމާދަލްއޫލާ 1439

30  ޖަނަވަރީ  2018

Leave a Reply

Your email address will not be published. Required fields are marked *