ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުން ގެންދާ ކުދިންނާއެކު މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ މިއަހަރުގެ ފިތުރު ޢީދު ދުވަސް ފާހަގަކުރައްވައިފި

އެކި ސަބަބުތަކާހުރެ އަޅާލާނެ ފަރާތެއް ނެތުމުން، ދައުލަތުގެ ބެލުމުގެ ދަށަށް ނަގައި، ހުޅުމާލޭގެ ފިޔަވަތީގައި ބަލަހައްޓަމުން ގެންދާ ކުދިންގެ ތެރެއިން އުމުރުން 3 އަހަރުން ފެށިގެން 9 އަހަރާ ދެމެދު އުމުރުފުރައިގެ ކުދިންނާއެކު މިއަހަރުގެ ފިތުރު ޢީދު ދުވަސް ފާހަގަކުރުމުގެ ގޮތުން، ކުޑަކުދިންގެ ކާރޓޫން ފިލްމެއްގެ ޚާއްސަ ޝޯ އެއް ޝްވެކް ސިނަމާގައި ބޭއްވުމުގެ އިންތިޒާމް ހަމަޖައްސަވައިދެއްވައި، މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ ވަނީ އެ ކުދިންނާއެކު މިއަދު އެ ޝޯ ބައްލަވައިލައްވާފައެވެ. މި ހަރަކާތުގައި، ފިޔަވަތީގައި ދިރިއުޅެމުންދާ ކުދިންގެ ތެރެއިން ޖުމްލަ 67 ކުދިންނާއި ފިޔަވަތީގައި މަސައްކަތްކުރާ ކުދިން ބަލަހައްޓާ މުވައްޒަފުންގެ އިތުރުން މިނިސްޓްރީގެ ބައެއް މުވައްޒަފުންނާއި އެ މުވައްޒަފުންގެ އާއިލާތައް ވަނީ ބައިވެރިވެފައެވެ.

ފިޔަވަތީގައި ތިބި ކުދިންނަށް ފިލްމްގެ ހާއްސަ ސްކްރީނިންގ ހަމަޖައްސަވައިދެއްވި ފަރާތްކަމަށްވާ ޝްވެކް ސިނެމާ އާއި ކުދިންގެ ދަތުރުފަތުރުގެ އިންތިޒާމް ހަމަޖައްސަވައިދެއްވި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކުންފުނީގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ފަރާތުން ޚާއްސަ ޝުކުރެއް އަރިސްކުރަމެވެ.

މި އަހަރުގެ ފިތުރު ޢީދުގެ މުނާސަބުގައި، ހުޅުމާލޭގެ ފިޔަވަތި އިތުރުން، ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ދިރިއުޅެމުންދާ ކުދިންނަށް އަމާޒުކޮށްގެން މިނިސްޓްރީ އިން ޚާއްސަ ހަރަކާތެއް މާދަމާ ބޭއްވުމަށްވެސް ވަނީ ޤަސްދުކޮށްފައެވެ.

އެކި ސަބަބުތަކާހުރެ ސަރުކާރުގެ ބެލުމުގެ ދަށުގައި މިވަގުތު ޖުމްލަ 153 ކުދިން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ އާއި އަމާން ހިޔާ އަދި ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި ދަނީ ބަލަހައްޓަމުންނެވެ.

 

6 ޖުލައި 2016

Leave a Reply

Your email address will not be published. Required fields are marked *