ފިޔަވަތި މަރުކަޒުގައި ދިރިއުޅޭ ކުދިންނަށް ލައިބްރަރީއެއް ޤާއިމްކޮށްފި

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން ހުޅުމާލޭގައި ހިންގާ ކުޑަކުދިން ބަލަހައްޓާ މަރުކަޒު، ފިޔަވަތީގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް. އޭ. ސީ. އެލް.)ގެ އާންމު އިޖްތިމާޢީ ޒިންމާގެ ދަށުން ލައިބްރަރީއެއް ވަނީ ޤާއިމްކޮށްފައެވެ. މިލައިބްރަރީ ހުޅުވާދެއްވާފައިވަނީ މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދް ޒަކީ އަދި އެމް. އޭ. ސީ. އެލް.ގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އާދިލް މޫސާއެވެ.

މިއަދު ފިޔަވަތި މަރުކަޒުގައި ލައިބްރަރީ ހުޅުވުމަށް ބޭއްވި ހާއްސަ ހަފްލާގައި ވާހަކަފުޅުދައްކަވަމުން،  ފިޔަވަތީގެ ކުދިން ބިނާ ކުރުމަށާއި އެކުދިންނަށް، މުޖުތަމައުގައި އެހެން ކުދިންނެކޭ އެއްފަދައިން ގިނަ ފުރުސަތުތަކެއް ހޯދާދިނުމަކީ ސަރުކާރުން އަހަމިއްޔަތުކަންދޭ ކަމެއްކަމަށާއި، ފިޔަވަތީގެ ކުދިން ފޮތް ކިޔުމަށް ޝައުޤުވެރިކަން އުފެއްދުމަށާއި، އެކުދިންގެ ތަޢުލީމީ ފެންވަރު މިހާރަށްވުރެން ރަނގަޅުކުރުމަށް މިފަދަ ލައިބްރަރީއެއް ޤާއިމްކުރުމަކީ ވަރަށް މުހިއްމުކަމެއްކަމުގައި ފާހަގަކުރެއްވިއެވެ. އަދި، މިކަމަށްޓަކައި އެމް. އޭ. ސީ. އެލް.އަށް މިނިސްޓަރ ޒެނީޝާ ޝުކުރު އަދާކުރައްވާފައިވެއެވެ.

ދަޢުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިންނަށް އަމާޒުކޮށް ތަފާތު ހަރަކާތްތައް ކުރިއަށްގެންދިއުމަށްޓަކައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން ދަނީ ކުންފުނިތަކާއި މަދަނީ ޖަމިއްޔާތަކާއި އަމިއްލަ ފަރާތްތަކާ ގުޅިގެން ޕާރޓްނަރޝިޕް އުޞޫލުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ފިޔަވަތިއަކީ އެކި ސަބަބުތަކަށްޓަކައި ދަޢުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ 10 އަހަރުން ދަށުގެ ކުދިންނަށް ހާއްސަކޮށް 2016ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި ސަރުކާރުން ހުޅުވާފައިވާ މަރުކަޒެކެވެ. މިމަރުކަޒުގައި މިވަގުތު 99 ކުދިން ދިރިއުޅެމުންދެއެވެ.

25 މެއި 2017

Leave a Reply

Your email address will not be published. Required fields are marked *