ފާއިތުވެ ދިޔަ އަހަރުތަކުގައި ދިވެހިރާއްޖޭގެ އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތައް ބިނާކުރެވިފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމަޢުގައި ދިރިއުޅޭ ކަން ރިޢާޔަތްކުރެވިގެނެއް ނޫން – މިނިސްޓަރ ޝިދާތާ

ފާއިތުވެ ދިޔަ އަހަރުތަކުގައި ދިވެހިރާއްޖޭގެ އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތައް ބިނާކުރެވިފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުޑަކުދިން މުޖުތަމަޢުގައި ދިރިއުޅޭ ކަން ރިޢާޔަތްކުރެވިގެނެއް ނޫން ކަން އެ ފަދަ ޕްރޮޖެކްޓްތަކުގެ ނަތީޖާއިން ފެންނަން އެބަ އޮތް ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ރިވެލި އެވޯޑު 2019 ދިނުމުގެ ގޮތުން އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝިދާތާ ވިދާޅުވީ ފާއިތުވެ ދިޔަ އަހަރުތަކުގައި ޢާންމު ޚިދުމަތްދޭ ތަންތަން ބިނާކުރުމުގައި އެ ފަރާތްތަކުގެ ނުކުޅެދުންތެރިކަމަށް ރިޢާޔަތްކުރެވިފައިނުވާ ކަމަށެވެ. އޭގެ ބަދަލުގައި ފެނިގެންދިޔައީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމަޢުގެ ތެރެއިން ގަސްދުގައި ހަވާސާކޮށް، އެ ފަރާތްތަކުގެ ސިޔާސީ ނާޖާއިޒު ފައިދާތައް ނެގި މަންޒަރު ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

މިނިސްޓަރ ޝިދާތާ ފާހަގަކުރެއްވި ގޮތުގައި ޒަމާންވީ 2020ގެ ތަޞައްވުރަށް ދިވެހިރާއްޖެ މަރުޙަބާ ކިޔަން ތައްޔާރުވާ އިރު، ނުކުޅެދުންތެރިކަން ހުންނަ މީހަކަށް އެހެން ފަރާތެއްގެ އެހީތެރިކަމެއް ނެތި ހިނގާބިނގާވެ އުޅުމާއި، ދަތުރުފަތުރުކުރުމާއި، އިމާރާތްތަކަށް ވާސިލުވެވޭނޭ މިންވަރަށް އިންތިޒާމުތައް ހަމަޖެއްސިފައި ނެތް ކަމީ ލަދުގަންނަން ޖެހޭ ކަމެކެވެ. އަދި ތަހުޒީބަކީ އިންސާނާގެ ވިސްނުމާއި ފިކުރަށް އަންނަ ކުރިއެރުމެއް ކަމުގައިވާ ނަމަ، އެ ކަން މުޅި މުޖުތަމަޢުގެ ތެރެއިން ފެންނަން ޖެހޭ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ. އެ ގޮތުން މުޖުތަމަޢުގައި “އިންކްލޫސިވިޓީ” އަދި “އެކްސެސިބިލިޓީ” ނެތް ކަމުގައި ވަނީ ނަމަ އެއީ ތަހުޒީބުވެފައިވާ މުޖުތަމަޢުއެކޭ ނުދެންނެވޭނެ ކަމަށް ވެސް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.

މިނިސްޓަރ ޝިދާތާގެ ވާހަކަފުޅުގައި އަދުގެ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން މި ކަންކަން އިޞްލާޙުކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ. އެއީ ރިޔާސީ އިންތިޚާބުގެ ތެރެއިން ރައްޔިތުންނަށް ވެފައިވާ ވަޢުދެއް ކަން ފާހަގަކުރައްވައި، އެ ވަޢުދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ފުއްދަވައިދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާ ކަމަށް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ. އެ ގޮތުން މި ދައުރު ހަމަވެގެންދާ އިރު، ސަރުކާރުން ގެނެސްދޭ ތަރައްޤީގެ ނަތީޖާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުމުން ފެނިގެންދާނެ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

މިނިސްޓަރ ޝިދާތާ އިތުރަށް ވިދާޅުވި ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތެއް ކާމިޔާބީއާ ހަމައަށް ވާސިލުވެވެނީ، އެ ނޫން މީހަކު އެ ފަދަ ކާމިޔާބީއެއް ހޯދުމަށް ވާ ޤުރުބާނީއަށް ވުރެ އެތައް ގުނަ ބޮޑު ޤުރުބާނީތަކެއް ވެގެންނެވެ. އެ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ގިނަ ފަރާތްތައް އެންމެ ފުރަތަމަ ކަޑައްތުކުރާ ހުރަހަކީ ޢާއިލާގެ ތެރޭގައި އެ ފަރާތްތަކުގެ ޤާބިލުކަމާ މެދު އޮންނަ ވިސްނުން ކަމަށާއި، އެއަށް ފަހު، މުޖުތަމަޢުގެ ތެރެއިން ކުރިމަތިވާ ގޮންޖެހުންތައް ކަމަށް އެ ކަމަނާ ވިދާޅުވިއެވެ. މި ހުރިހާ މަރުޙަލާތަކެއް ކަޑައްތުކުރުމަށް ފަހު ކާމިޔާބީއާ ހަމައަށް ވާސިލުވެވެނީ ކެތްތެރިކަމާއެކު ކުރެވޭ ދިގު އިންތިޒާރާއި މިންނެއް މަސައްކަތުން ހޯދޭ ހަނި ފުރުޞަތެއްގެ ތެރެއިން ކަމަށް ވެސް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.

05 ޛުލްޤަޢިދާ 1440

08  ޖުލައި  2019

Leave a Reply

Your email address will not be published. Required fields are marked *