މ. މުލަކަށް މިނިސްޓަރ ޒެނީޝާ ރަސްމީ ދަތުރުފުޅެއް ކުރައްވައިފި

މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ރަސްމީ ދަތުރުފުޅެއްގައި މ. މުލަކަށް ވަޑައިގެން، މ.މުލަކުގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރަށް ޒިޔާރަތްކުރައްވައިފިއެވެ. މި ޒިޔާރަތުގައި، އެ ސެންޓަރުން ދެމުންގެންދާ ޚިދުމަތްތަކާއި ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާމެދު ސެންޓަރުގެ މުވައްޒަފުންނާ ވަނީ މަޝްވަރާކުރައްވާފައެވެ.

މިނިސްޓަރ ޒެނީޝާގެ މިދަތުރުފުޅުގައި، މުލަކު ކައުންސިލް އިދާރާ އާއި، ފުލުހުންނާއި، މުލަކު ސިއްހީ މަރުކަޒު އާއި، ސްކޫލަށް ޒިޔާރަތްކުރައްްވާ އެމުއައްސަސާތަކުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި މިނިސްޓްރީގެ މަސައްކަތްތަކާއި ބެހޭގޮތުން މައުލޫމާތު ހިއްސާކުރެއްވިއެވެ. މީގެ އިތުރުން، މިނިސްޓްރީ އާއި އެމުއައްސަސާތަކާއި ގުޅިގެން ކުރިއަށް ގެންދެވޭނެ ހަރަކާތްތަކާއި ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި، މި ބައްދަލުވުންތަކުގައި އިޖްތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރެއްވުމަށްޓަކައި ކަމާބެހޭ ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން މިނިސްޓަރ ޒެނީޝާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

އަނިޔާއާ ދެކޮޅަށް ކުޑަކުދިން ބާރުވެރިކުރުމަށްޓަކައި ޖެންޑަރ މިނިސްޓްރީއާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން މިމަހުގެ 6 އިން 10އަކަށް މ. އަތޮޅުގެ ހުރިހާ ރަށެއްގައި ކުރިއަށްގެންދާ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން މުލަކު ސްކޫލްގައި މިއަދު ކުރިއަށް ގެންދިޔަ ސެޝަންތަކުގައިިވެސް މިނިސްޓަރ ޒެނީޝާ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މި ސެޝަންތަކުގައި ބައިވެރިވި ކުދިންނާއި ބައްދަލުކުރައްވައި ކުދިންގެ ބައެއް ވާހަކަތައް އެކަމަނާއާ ހިއްސާކުރުމުގެ ފުރުސަތު ދެއްވިއެވެ. މިނިސްޓަރ ޒެނީޝާ މުލަކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހަވީރު ވަނީ މާލެ ވަޑައިގެންފައެވެ.

 

8 އޯގަސްޓް 2016

 

 

 

Leave a Reply

Your email address will not be published. Required fields are marked *