މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން އިޖްތިމާޢީ ހިދުމަތްތެރީންގެ ހުނަރާއި ފަންނީ ޤާބިލްކަން އިތުރުކުރުމަށް ހިންގާ ތަމްރީނު ޕްރޮގްރާމްގެ ދެވަނަ ބެޗް ނިންމާލައިފި

ކުޑަކުދިންގެ ހައްޤުތައް ކުރިއަރުވައި، ރައްކާތެރިކުރުވުމުގައި ހަރަކާތްތެރިވާ އިޖްތިމާޢީ ހިދުމަތްތެރީންގެ ހުނަރާއި ޤާބިލްކަން އިތުރުކުރުމަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި ޔުނިސެފް ގުޅިގެން ހިންގަމުންދާ ތަމްރީނު ޕްރޮގްރާމްގެ ދެވަނަ ބެޗް މިއަދު ނިންމާލައިފިއެވެ. މި ތަމްރީނު ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކާއި، ގެވެށި އަނިޔާގެ މައްސަލަތަކުގައި އެހީތެރިކަން ފޯރުކޮށްދޭ އިޖްތިމާޢީ ހިދުމަތްތެރިން މެދުވެރިކޮށް މިނިސްޓްރީއިން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމާއި، އެފަދަ މައްސަލަތަކުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރުމެވެ.

5 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމްގައި ޖުމްލަ 26 މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. މިއީ، ރާއްޖޭގެ އަތޮޅުގައި ޤާއިމުކޮށްފައިވާ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ (އެފް.ސީ.އެސް.ސީ.) ތަކުގައި އަދި މިނިސްޓްރީގައި މަސައްކަތް ކުރައްވަމުންގެންދަވާ އިޖްތިމާއީ ހިދުމަތްތެރިންގެ އިތުރުން، މިނިސްޓްރީގެ ދަށުން ހިންގާ ކުޑަކުދިންގެ ހިޔާ އަދި ފިޔަވަތީގެ މުވައްޒަފުންނެވެ.

މިތަމްރީން ޕްރޮގްރާމް އިފްތިތާޙު ކޮށްދެއްވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ އެންޑް ފެމިލީ ޑރ. އަތައުﷲ އަހުމަދު ރަޝީދު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޖްތިމާޢީ ހާލަތު ރަނގަޅުކުރުމަށްޓަކައި އިޖްތިމާޢީ ހިދުމަތްތެރިން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތައް ފާހަގަކުރައްވާ، މިތަމްރީނުގެ ސަބަބުން މިމަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.

އިޖްތިމާޢީ ހިދުމަތްތެރިންގެ ފަންނީ ޤާބިލްކަން އިތުރުކުރުމަށް އަދި ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ޔުނިސެފުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް މިނިސްޓްރީއިން ޝުކުރު ދަންނަވަމެވެ. އަދި އިޖްތިމާޢީ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ ތަމްރީނު ޕްރޮގްރާމްތައް މުސްތަޤްބަލުގައިވެސް ކުރިއަށްގެންދިއުމަށް މިނިސްޓްރީއިން ރާވާފައިވެއެވެ.

15 މާރޗް 2017

Leave a Reply

Your email address will not be published. Required fields are marked *