މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ، ޒެނީޝާ ޝަހީދު ޒަކީ ހުޅުމާލޭގެ ކުޑަކުދިންގެ ހިޔާ ‘ފިޔަވަތި’ އަދި ވިލިމާލެ ކުޑަކުދިންގެ ހިޔާއަށް ޒިޔާރަތްކުރައްވައިފި

ދަޢުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުޑަކުދިންގެ ތެރެއިން، ޢުމުރުން 9 އަހަރުން ދަށުގެ ކުދިން ބެލެހެއްޓުމަށްޓަކައި، 2016 ފެބްރުއަރީ 17 ވަނަ ދުވަހު ހުޅުމާލޭގައި ގާއިމުކުރެވި ޚިދުމަތްދޭން ފަށާފައިވާ ‘ފިޔަވަތި’ އަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ މިއަދު ހަވީރު ޒިޔާރަތްކުރައްވައިފިއެވެ. އެކަމަނާގެ އަރިހުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒް ޑރ އަޙްމަދު ޒިޔާދު މިޒިޔާރަތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިމަރުކަޒަށް އެކަމަނާ ޒިޔާރަތްކުރެއްވުމުގެ މަޤްޞަދަކީ، މަރުކަޒުގައި ތިބޭކުދިންނާއި މުވައްޒަފުންނާ ބައްދަލުކޮށްލައްވާ ތަނުގެ ހާލަތު ބައްލަވާލައްވައި، އެތަނަށް ބޭނުންވާ ވަޞީލަތްތަކާއި، ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް  ދެނެގަތުމަށްޓަކައެވެ.

މީގެ އިތުރުން މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީގެ މަޤާމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ އާއި އަމާންހިޔާއަށްވެސް ވޭތުވެދިޔަ ހަފްތާގެ ތެރޭގައި އެކަމަނާ ވަނީ ޒިޔާރަތްކުރައްވާފައެވެ.

ވިލިމާލެ ކުޑަކުދިންގެ ހިޔާއާއި، އަމާން ހިޔާ އަދި ފިޔަވަތީގައި މިވަގުތު ދަޢުލަތުގެ ބެލެމުގެ ދަށުގައި ޖުމްލަ 153 ކުދިން ބަލަހައްޓަމުން ގެންދެއެވެ. މީގެ ތެރޭގައި ވިލިމާލެ ކުޑަދިންގެ ހިޔާގައި 51 ކުދިން، އަމާން ހިޔާގައި 17 އަދި ފިޔަވަތީގައި 85 ކުދިން މިވަގުތުދަނީ ދިރިއުޅެމުންނެވެ.

 

3 ޖުލައި 2016

Leave a Reply

Your email address will not be published. Required fields are marked *