އުމުރުންދުވަސްވީ މީހުންނަށް އަމާޒުކޮށް “ރަންވޭލާ” ކެމްޕޭން މިނިސްޓަރ ޒެނީޝާ އިފްތިތާޙްކޮށްދެއްވައިފި

އުމުރުންދުވަސްވީ މީހުންނަށް އަމާޒުކޮށް “ރަންވޭލާ” ގެ ނަމުގައި ހޭލުންތެރިކުރުމުގެ ކެމްޕޭނެއް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ  ޒެނީޝާ ޝަހީދު ޒަކީ ބ. އަތޮޅު އޭދަފުށީގައި މިއަދު އިފްތިތާޙްކޮށްދެއްވައިފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މި ކެމްޕޭންގެ މައިގަނޑު މަޤްޞަދަކީ، “މުޖުތަމަޢު އާއި އާއިލާގެ ތެރޭގައި އުމުރުންދުވަސްވީ މީހުންގެ ބައިވެރިވުން އިތުރުކުރުމާއި، އެ މީހުންނަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ލިބޭނެ ގޮތްތައް މަގުފަހިކޮށްދިނުމާއި، އެ މީހުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރަން މަސައްކަތްކުރުން” ކަމަށް މިނިސްޓަރ ޒެނީޝާ ވިދާޅުވިއެވެ.

މިއަދު އިފްތިތާޙްކުރި “ރަންވޭލާ” ކެމްޕޭންގެ ދަށުން، ސޯޝަލް ސަރވިސް ވަރކަރުންނާއި ހެލްތް އޮފިސަރުންނަށް އަމާޒުކޮށްގެން ތަމްރީން ޕޮރޮގްރާމެއް ބ. އަތޮޅު އޭދަފުށީގައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އަދި އުމުރުންދުވަސްވީ މީހުންނަށް ޚާއްސަ ހެލްތް ސްކްރީނިންގ ޕްރޮގްރާމްއެއް، ބ. އަތޮޅުގެ އޭދަފުށި، ދޮންފަނު، މާޅޮސް އަދި ދަރަވަންދޫގައި، ބ. އަތޮޅު އޭދަފުށީގެ ހޮސްޕިޓަލް އާއި އެ ރަށްތަކުގެ ހެލްތް ސެންޓަރުތަކާ ގުޅިގެން، ކުރިއަށް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މިނިސްޓަރ ޒެނީޝާގެ މިދަތުރުފުޅުގައި ބ. އޭދަފުށީގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރުގެ މުވައްޒަފުންނާ ބައްދަލްކުރައްވާ މިހާރު އެސެންޓަރުން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމާއި ބެހޭގޮތުންވަނީ މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން ބ. އަތޮޅުގެ އަތޮޅު ކައުންސިލާއި ރަށު ކައުންސިލް، ޕޮލިސް ސްޓޭޝަން، ހެލްތް ސެންޓަރ އަދި ސްކޫލްގެ އިސްވެރިންނާއި ބައްދަލްކުރައްވާ މިނިސްޓްރީގެ މަސައްކަތްތަކާއިގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރައްވައި އެ މުއައްސާތަކާ ގުޅިގެން ކުރެވޭނެ މަސައްކަތްތަކާބެހޭ ގޮތުން މަޝްވަރާ ކުރައްވާފަވެއެވެ. 

މިއަދު އިފްތިތާޙްކުރެވުނު “ރަންވޭލާ” ކެމްޕެއިންގައި އުމުރުންދުވަސްވީ މީހުންގެ “ބައިވެރިވުން”، “އަޅާލުން”، އަދި “ދުޅަހޮޔޮކަން” އިތުރުކުރުމަށްޓަކައި މި ތިން ދާއިރާއަށް ޚާއްސަ ސަމާލުކަމެއް ދީގެން، މުޖުތަމަޢުގެ އެކި ފަރާތްތަކަށް އަމާޒުކޮށް ހޭލުންތެރިކުރުމުގެ ސެޝަންތަކާއި ތަމްރީން ޕްރޮގްރާމްތައް އަދި ވަރކްޝޮޕްތައް މާލެއާއި އަތޮޅުތަކުގައި ކުރިއަށްގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

                             14 އޯގަސްޓް 2016

Leave a Reply

Your email address will not be published. Required fields are marked *