އިޖުތިމާޢީ ދާއިރާގައި ދިވެހިރާއްޖޭގެ އެންމެ މުހިންމު އެއް ބައިވެރިޔަކީ އިންޑިއާ – މިނިސްޓަރ ޝިދާތާ

ޒާމާނުއްސުރެ އިންޑިއާއިން ދިވެހިރާއްޖޭގެ އިޖުތިމާޢީ ތަރައްޤީއަށް މުހިންމު ޙިއްޞާއެއް ވާ ކަމަށާއި، އެހެން ކަމުން އިޖުތިމާޢީ ދާއިރާގައި ދިވެހިރާއްޖޭގެ އެންމެ މުޙިންމު އެއް ބައިވެރިޔަކީ އިންޑިއާ ކަމުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ވިވަކަންޑަނާ ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ވަށް މޭޒު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝިދާތާ ވިދާޅުވީ އިންޑިއާއާއި ދިވެހިރާއްޖޭގެ ގުޅުމަކީ ތާރީޚީ ގުޅުމެއް ކަމަށާއި، މި ގުޅުން ދެމިގެން ގޮސްފައިވަނީ އިންޑިއާ އަވަށްޓެރި ޤައުމަކަށްވުމުގެ އިތުރުން ދެ ޤައުމުގެ މެދުގައި އޮތް އެއްގޮތް ސަޤާފަތާއި ވައްޓަފާޅީގެ ސަބަބުން ކަމަށެވެ. އަދި ދެ ޤައުމުގެ ދެމެދުގައި މި އޮތް ގާތް ރަޙްމަތްތެރި ގުޅުމުގެ ސަބަބުން ދިވެހިރާއްޖެއަށް އެކި ދާއިރާތަކުން ފައިދާކުރާ ކަމަށާއި، އެ ގޮތުން އިޖުތިމާޢީ ދާއިރާގެ އިތުރުން އަންހެނުންގެ ތަރައްޤީއަށާއި އަންހެނުން ބާރުވެރިކުރުވުމަށް އިންޑިއާއިން ވަރަށް ބޮޑު އެހީތެރިކަމެއް ދެއްވާކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

މިނިސްޓަރ ޝިދާތާގެ މި ދަތުރުފުޅުގައި އަންހެނުންނާއި ކުޑަކުދިންނަށް ކުރިމަތިވާ ގޮންޖެހުންތައް ސަމާލުކަމަށް ގެންނަވައި، އެ ކަންކަން ޙައްލުކުރުމުގައި ގުޅިގެން ކުރެވިދާނެ މަސައްކަތްތައް ޙިއްޞާކުރައްވައިފައިވެއެވެ. އަދި އަންހެނުން ބާރުވެރިކުރުވުމަށާއި މިންތީގެ ހަމަހަމަ ކަން ގާއިމުކުރުމަށް ސަރުކާރުން އެކަށައަޅުއްވައިފައިވާ ސިޔާސަތުތަކުގެ މަޢުލޫމާތު ވެސް އެ ކަމަނާ ދެއްވައިފައިވެއެވެ.

24 ޖުމާދަލްއޫލާ 1440

30  ޖަނަވަރީ  2019

Leave a Reply

Your email address will not be published. Required fields are marked *