އިންޑިއާގައި ކުރިއަށް ދިޔަ “ރީޖަނަލް ވިމެން ލީޑަރސް ޑައިލޮގް”ގައި މިނިސްޓަރ ޝިދާތާ ބައިވެރިވެވަޑައިގެންފި

ކެނެޑާގެ ސަރުކާރުން މި މަހުގެ 21ން 22ށް އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އިންތިޒާމުކުރި “ރީޖަނަލް ވިމެން ލީޑަރސް ޑައިލޮގް، ފެމްޕަރލް4: ބްރޭކިންގ ބެރިއާސް”ގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފް ބައިވެރިވެވަޑައިގެންފިއެވެ.

އެ ކަމަނާ މި ޑައިލޮގްގައި ބައިވެރިވެވަޑައިގެންނެވީ ކެނެޑާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ ޑޭވިޑް މެކްކިނަން ދެއްވި ޚާއްޞަ ދަޢުވަތަކަށެވެ.

މި ގައިލޮގްގައި 14 ޤައުމެއްގެ އަންހެން 20 ލީޑަރުން ބައިވެރިވެ، މި ސަރަޙައްދުގެ އަންހެނުންނަށް ބޭނުންވާ ލީޑަރޝިޕް ޓްރޭނިންގ ކެޕޭސިޓީ ބިލްޑިންގ އަދި ނެޓްވޯކިންގއާ ގުޅޭ ބްސްޓް ޕްރެކްޓިސްތަކާ ގުޅޭ ގޮތުން ޚިޔާލު ބަދަލުކުރައްވައިފައިވެއެވެ. އަދި މުޖުތަމަޢުގައި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތައް ނައްތައިލުމަށް ބޭނުންވާ ސިޔާސަތުތަކާ ގުޅޭ ގޮތުން ބައިވެރިންގެ މެދުގައި މަޝްވަރާކުރައްވައިފައިވެއެވެ.

މި ޑައިލޮގްގައި މިނިސްޓަރ ޝިދާތާ ވަނީ އަންހެނުން ބާރުވެރިކުރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ކުރިމަތިވާ ގޮންޖެހުންތައް ބައިވެރިންނާ ޙިއްޞާކުރައްވައިފައެވެ. އެ ގޮތުން ޖެންޑަރ އިކުއަލިޓީގެ ޤާނޫނުގައި ލިބިދެވޭ ޙައްޤުތައް ތަންފީޛުކުރުމަށް ސަރުކާރުން އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، ސިޔާސީ ދާއިރާގެ އިސް މަޤާމުތަކާއި ނިންމުން ނިންމާ ފެންވަރުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ވެސް އެ ކަމަނާ އޮޅުންފިލުއްވައި ދެއްވިއެވެ.

އެ ކަމަނާގެ މި ދަތުރުފުޅުގައި ކެނެޑާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރާ ވެސް ބައްދަލުކުރައްވައިފައިވެއެވެ. މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙް ބަޔާންކޮށްދެއްވައި، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަންހެނުންނަށް އޮތް ފުރުޞަތުތަކާއި، އަންހެން ކެނޑިޑޭޓުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި، ހުރި ކަންބޮޑުވުންތައް އެ ކަމަނާ ޚިއްޞާކުރައްވައިފައިވެއެވެ.

18 ޖުމާދަލްއާޚިރާ 1440

23  ފެބުރުވަރީ  2019

Leave a Reply

Your email address will not be published. Required fields are marked *