އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރުވުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ވޯކްޝޮޕެއް ހިންގައިފި

އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރުވުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން 9 ދުވަހުގެ މުއްދަތަށް ވޯކްޝޮޕެއް ހިންގައިފިއެވެ.

އެމެރިކަން ސެންޓަރުގައި ކުރިއަށް ގެންދިޔަ މި ވޯކްޝޮޕްގެ މަޤްޞަދަކީ އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުރިމަތިވާ އެކި ބާވަތުގެ އަނިޔާތަކާ ދެކޮޅަށް ބާރުވެރިކުރުވުމާއި، އެ ފަދަ ކަމެއް ކުރިމަތިވެއްޖެ ނަމަ ޢަމަލުކުރާނެ އުސޫލުތައް ބާޔާންކޮށްދީ، ހޭލުންތެރިކަން އިތުރުކުރުމެވެ. ޖުމުލަ 22 މީހުން ބައިވެރިވި މި ޕްރޮގްރާމްގައި، ޖިންސީ ފުރައްސާރައާއި، ގެވެށި އަނިޔާއާއި، ޖެންޑަރ އަދި ސޯޝަލައިޒޭޝަންގެ އިތުރުން ބައެއް ޤާނޫނުތަކުގެ މަޢުލޫމާތު ބައިވެރިންނާ ޙިއްޞާކުރެވިފައިވެއެވެ. އޭގެ ތެރޭގައި، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި ޖިންސީ ފުރައްސާރަ ހުއްޓުވުމުގެ ޤާނޫނު ހިމެނެއެވެ. މިއީ އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްޞަކުރެވިގެން ރާއްޖޭގައި ހިންގުނު މި ފަދަ ފުރަތަމަ ވޯކްޝޮޕެވެ.

މި ވޯކްޝޮޕް ނިންމުމުގެ ގޮތުން މިނިސްޓްރީގައި އާދީއްތަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލާ ލީޝާ މުޙައްމަދު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، ޢާއިލާއާއި މުޖުތަމަޢުގެ ތެރެއިން ކުރިމަތިވާ ތަފާތުކުރުންތަކާއި އިހުމާލުގެ މައްސަލަތައް ކޮންމެ މަހަކު ވެސް މިނިސްޓްރީއަށް ހުށަހެޅޭކަމަށެވެ. އަދި އެ ފަރާތްތައް ހިމާޔަތްކޮށް، މި ފަދަ ޢަމަލުތައް ހުއްޓުވުމަށް މުޅި މުޖުތަމަޢުގެ އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވައި، މި ފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވެސް އެ ފަރާތްތަކުގެ އަމިއްލަ ދިފާއުގައްޔާއި ރައްކައުތެރިކަމަށް ތެދުވުމަށް ހިތްވަރު ލިބި، ބާރުވެރި ބައެއްގެ ގޮތުގައި ވެގެންދާނެކަމަށް ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ.

މި ވޯކްޝޮޕް އިންތިޒާމުކުރެވުނީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއާ ގުޅިގެންނެވެ. އަދި ސެޝަންތައް ކުރިއަށް ގެންދެވިފައިވަނީ ސޮސައިޓީ ފޮރ ހެލްތު އެޑިއުކޭޝަން (ޝީ)، ފެމިލީ ލީގަލް ކްލިނިކް އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެހީތެރިކަމާއެކުގައެވެ.

16 ޞަފަރު  1440

25 އޮކްޓޫބަރު 2018

Leave a Reply

Your email address will not be published. Required fields are marked *