އައްޑޫ ސިޓީގައި ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފި

އައްޑޫ ސިޓީ މޮނިޓަރިންގ ޙާލަތަށް ގެނައުމާ ގުޅިގެން އެ ސިޓީގައި ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން މި މަހުގެ 11ގައި ފަށައިފިއެވެ. އެ ގޮތުން ކަމާގުޅޭ އިދާރާތަކާ ގުޅިގެން އައްޑޫ ސިޓީގެ ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މަޢުލޫމާތު އެއްކޮށް، އެ ފަރާތްތަކަށް ގުޅައި، ބޭނުންވާ އެހީތެރިކަން ދެނެގަނެ، “ކެއަރ ޕެކޭޖަސް” ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ އައްޑޫ ސިޓީގައި މިހާރު އޮތް މޮނިޓަރިންގ ޙާލަތާ ގުޅިގެން އަޅައިފައިވާ ފިޔަވަޅުތަކުގެ ސަބަބުން ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންގެންދާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދީ، އެ ފަރާތްތަކުގެ އަސާސީ ބޭނުންތައް ދެނެގަނެ، މި ފަދަ ޞިއްޙީ ޙާލަތްތަކުގައި އެ ފަރާތްތަކަށް ބޭނުންވާ ނަފުސާނީ އަދި އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މި މަސައްކަތުގެ ތެރެއިން ކާބޯތަކެއްޗާއި ބޯފެނުގެ އިތުރުން ސެނިޓައިޒަރ، މާސްކް، އަންގި ފަދަ ތަކެތި ދަނީ ފޯރުކޮށްދެމުންނެވެ. އެ ގޮތުން ގާތްގަނޑަކަށް 50 ކެއަރ ޕެކޭޖަސް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތުގައި އައްޑޫ ސިޓީގެ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ މުވައްޒަފުންނާއި ދިވެހި ރެޑް ކްރެސެންޓްގެ އައްޑޫ ސިޓީ ގޮފީގެ މުވައްޒަފުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ފުވައްމުލައް ސިޓީ މޮނިޓަރިންގ ޙާލަތަށް ގެނައުމާ ގުޅިގެން އެ ސިޓީގައި ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކުރުމަށް ވަނީ ގަސްދުކުރެވިފައެވެ.

02  ރަޖަބް   1442

14 ފެބުރުވަރީ 2021

Leave a Reply

Your email address will not be published. Required fields are marked *