ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތަކާ ދެކޮޅަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން ބާއްވާ ތިން ދުވަހުގެ ޤައުމީ މަހާސިންތާ ފަށައިފި

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތައް ހުއްޓުވުމަށް ކަމާބެހޭ އިދާރާތަކުގެ ބައިވެރިވުން ހޯދައިގެން އެކްޝަން ޕްލޭނެއް އެކުލަވާލުމުގެ މަޤްޞަދުގައި، ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ޤައުމީ މަހާސިންތާއެއް މިއަދު ފަށައިފިއެވެ.

މި މަހާސިންތާ ހުޅުވުމަށް މިއަދު ހެނދުނު ކުރުނބާ މޯލްޑިވްސްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ، އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ، މި ޖަލްސާގެ މައިގަނޑު އަމާޒަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ ހުރިހާ ފަރާތްތަކެއް އެއް ޕްލެޓްފޯމެއްގައި މަޝްވަރާކޮށް، ރާއްޖޭގެ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ނިޒާމުގައި ހުރި ގޮންޖެހުންތައް ފާހަގަކޮށް އެކަންކަން ހައްލުކުރުމަށްޓަކައި މުއައްސަސާތައް ގުޅިގެން ހަރުދަނާގޮތެއްގައި މަސައްކަތްތައް ވިލަރެސްކުރުމަށް ކުރެވިދާނެ ކަންކަން ހޯދުމެވެ. އަދި ޖަލްސާގެ މަޝްވަރާތަކަށް ރިޢާޔަތްކޮށް، ދެ އަހަރު ދުވަހުގެ މުއްދަތަށް ޤައުމީ ފެންވަރުގެ ޚާއްޞަ އެކްޝަން ޕްލޭނެއް ތައްޔާރުކުރަމުންދާއިރު، “ކަނޑައަޅާ ލަނޑުދަނޑިތައް ހާސިލުކުރެވޭނެ މިންވަރު ބެލޭނެ ރިއަލިސްޓިކް ޕްލޭނެއް އެކުލަވާލުމުގެ ވިސްނުމުގައި މަހާސިންތާގެ މަޝްވަރާތައް ކުރިއަށް ގެންގޮސްދެއްވުމަށް” ޖަލްސާގެ ބައިވެރިންގެ ފަރާތުން އެދިވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ޔުނިސެފުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ ކަންޓްރީ ރެޕްރެޒެންޓެޓިވް ޑރ. އެލިސް އަކުންގާ ދެއްކެވި ވާހަކަފުޅުގައި، ކުޑަކުއްޖަކަށް އަނިޔާއެއް ލިބުމަށްފަހު އެކުދިން އަނިޔާއިން ސަލާމަތްކުރުމަކީ، އެކުދިންނަށް ރައްކާތެރި މާޙައުލެއް ޤާއިމްކުރުމަށް ކުރާ މަސައްކަތަށްވުރެ ޚަރަދު ބޮޑު މަސައްކަތަކަށްވާނެކަމަށް ފާހަގަކުރައްވަމުން، ކުޑަކުދިން ދިރުއުޅޭ މާޙައުލަކީ އެކުދިންނަށް އަމާން އަދި ރައްކާތެރި މާޙައުލަކަށް ހެދުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކުން މަސައްކަތްކުރަންވާނެކަމުގައި ވިދާޅުވެފައިވެއެވެ.

ތިން ދުވަހުގެ މުއްދަތަށް ދެމިގެންދާ މި މަހާސިންތާ ފެށުމުގެ ރަސްމިއްޔާތު ފާހަގަކުރުމުގެ ގޮތުން ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ބާއްވާ ޤައުމީ މަހާސިންތާގެ ސްޓިއަރިންގ ކޮމިޓީ މެންބަރުން ދެއްވި ޚާއްޞަ މެސެޖެއްވެސްވަނީ ވީޑިއޯ ޕްރެޒެންޓޭޝަނެއްގެ ގޮތުގައި ހުށަހަޅާފައެވެ. މި ވީޑިއޯގައި ސްޓިއަރިންގ ކޮމިޓީގެ ފަރާތުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ، މޯލްޑިވްސް ޕޮލިސް ސަރވިސަސް، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ، މިނިސްޓްރީ އޮފް ހެލްތު، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ޔުނިސެފް މޯލްޑިވްސް އަދި ސިވިލް ސޮސައިޓީގެ ފަރާތުން ސޮސައިޓީ ފޮރ ހެލްތު އެޑިޔުކޭޝަން އަދި އެޑްވޮކޭޓިން ރައިޓްސް އޮފް ޗިލްޑރަންއިން ވަނީ މި މެސެޖުގައި ބައިވެރިވެވަޑައިގެންފައެވެ.

މިމަހު 15 އިން 17 އަށް ހިނގާ މި މަހާސިންތާގައި މި ދާއިރާގައި މަސައްކަތްކުރާ ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކާއި މަދަނީ ޖަމްޢިއްޔާތަކާއި ރާއްޖޭން ބޭރުގެ ބައެއް ފަރާތްތައް ހިމެނޭގޮތަށް ޖުމްލަ 59 ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

23 ޛުލްޤައިދާ 1438

15 އޮގަސްޓް 2017

Leave a Reply

Your email address will not be published. Required fields are marked *