”ކުރިމަގު” ކެމްޕެއިންގެ ދަށުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ހިންގުން ހަރުދަނާކުރުމުގެ ޕްރޮގްރާމްއެއް މިނިސްޓަރ ޒެނީޝާ ފުވައްމުލަކުގައި މިއަދު އިފްތިތާޙްކޮށްދެއްވައިފި

“ކުރިމަގު” ކެމްޕެއިންގެ ދަށުން، ޏ. ފުވައްމުލަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ޕްރޮގްރާމްއެއް މިނިސްޓަރ ޒެނީޝާ މިއަދު އިފްތިތާޙްކޮށްދެއްވައިފިއެވެ. މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި ޔޫ.އެން. ވިމެން އާ ގުޅިގެން މިމަހު 21 އިން 25 އަށް ފުވައްމުލަކުގެ ހާފިޒް އަޙްމަދު ސްކޫލްގައި ކުރިއަށް ގެންދާ ޕްރޮގްރާމްގައި ފުވައްމުލަކުގެ ރަށު ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންނަށް ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ.

 

މި ޕްރޮގްރާމުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، “ކުރިމަގު” ކެމްޕެއިންގެ ދަށުން ބާއްވާ މި ޕްރޮގްރާމްގެ މައިގަނޑު މަޤުޞަދަކީ، އަތޮޅު އަދި ރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި އަންހެނުންގެ ދައުރު ފުޅާކުރުމާއި އަންހެނުންގެ ބައިވެރިވުން އިތުރުކުރުންކަމަށް މިނިސްޓަރ ޒެނީޝާ ވިދާޅުވިއެވެ. އަދި، ދިވެހިރާއްޖޭގެ އިޤްތިޞާދީ މައިދާނުގައި އާއި ކަންކަން ނިންމާ ފެންވަރުގައި އަންހެނުންގެ ހިއްސާ އިތުރުކުރުން މުހިންމުކަން ފާހަގަކުރައްވައި، މި ޕްރޮގްރާމް މެދުވެރިކޮށް ޖެންޑަރ ރެސްޕޮންސިވް ބަޖެޓިންގ އާއި ރަށު ފެންވަރުގައި ހިންގަން ޤަސްދުކުރާ އެކި މަޝްރޫޢުތަކުގެ ޕްރޮޖެކްޓް ޕްރޮފޯސަލްތައް އެކުލަވާލުން ފަދަ ޚާއްސަ ދާއިރާތަކުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ޒެނީޝާ ވިދާޅުވިއެވެ.

 

މި އޮގަސްޓް މަހުގެ 9 ވަނަ ދުވަހު މިނިސްޓަރ ޒެނީޝާ އިފްތިތާޙްކޮށްދެއްވާފައިވާ “ކުރިމަގު” ކެމްޕެއިންއަކީ، ގެވެށި އަނިޔާއިން އަންހެނުން ރައްކާތެރިކުރުމާއި، އިޖްތިމާޢީ، އިޤްތިޞާދީ އަދި ސިޔާސީ ރޮނގުން އަންހެނުންގެ ބައިވެރިވުން އިތުރުކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕެއިންއެކެވެ. މި ކެމްޕެއިންގެ ދަށުން ޔޫ.އެން. ވިމެންއާ ގުޅިގެން، ސަރުކާރުގެ ވުޒާރާތަކުގައި ޤާއިމްކޮށްފައިވާ ޖެންޑަރ ފޯކަލް ޕޮއިންޓްތަކަށާއި މިނިސްޓްރީގެ މުވައްޒަފުންނަށް އަމާޒުކޮށް ޖެންޑަރ ރެސްޕޮންސިވް ބަޖެޓިންގެ ޓްރޭނިންގއެއް މިމަހު ވަނީ ބާއްވާފައެވެ.

 

21 އޯގަސްޓް 2016

Leave a Reply

Your email address will not be published. Required fields are marked *