ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ސްރިލަންކާގެ 3 ޕެރަ-ސްވިމިން ޗެމްޕިއަނުން ރާއްޖެ ވަޑައިގެންފި.

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހާއި ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ފަރާތުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހާއްސަ ހަރަކާތްތަކުގައި ބައިވެރިވުމަށް ސްރިލާންކާގެ 3 ޕެރަ-ސްވިމިން ޗެމްޕިއަނުންނާއި 1 އޮފިޝަލަކު، ރާއްޖެ ވަޑައިގެންފިއެވެ.

މި ހަރަކާތުގައި ބައިވެރިވެވަޑައިގަންނަވާ ސްރިލާންކާގެ ޕެރަ-ސްވިމިން ޗެމްޕިއަނުންނަކީ ސްރީލަންކާގެ ސިފައިންގެ ހިދުމަތުގައި އުޅުއްވަނިކޮށް، އެކި ސަބަބުތަކާހުރެ ލިބިފައިވާ ޒަހަމްތަކާ ގުޅިގެން ނުކުޅެދުންތެރިކަން ކުރިމަތިވެފައިވާ 3 ބޭފުޅުންނެވެ. މި ހާދިސާތަކަށްފަހުވެސް، މި ބޭފުޅުންނަކީ ސްރީލަންކާގައި ގައުމީ ފެންވަރުގައި އަދި ބައިނަލްއަގްވާމީ މުބާރާތްތަކުގައި ބައިވެރިވެ، ފާހަގަކޮށްލެވޭ ވަނަތަކެއް ހޯއްދަވާފައިވާ 3 ބޭފުޅުންނެވެ.

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހާއި ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ފަރާތުން މާދަމާ ހަވީރު 15:45 ގައި އާޓިފިޝަލް ބީޗްގައި ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތްތަކުގައި ސްރިލާންކާގެ 3 ޕެރަ-ސްވިމިން ޗެމްޕިއަނުންގެ އިތުރުން، ދިވެހިރާއްޖޭގެ ޤައުމީ ޓީމްގެ ފެތުންތެރިން ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި އާއިލާތަކަށްވެސް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި އާއްމު ފަރާތްތަކަށް ހުޅުވާލާފައިވާ މި ހަރަކާތްތަކުގައި ވީހާވެސް ގިނަ ކުދިންނާއި މީހުން ބައިވެރިވުމަށް ޖެންޑަރ މިނިސްޓްރީން ދައުވަތު އަރުވައެވެ.

02 ޑިސެންބަރު 2016

Leave a Reply

Your email address will not be published. Required fields are marked *