ބައިނަލްއަޤުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ ހަފްލާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު ޝަރަފުވެރިކޮށް ދެއްވައިފި

ބައިނަލްއަޤުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ ހަފްލާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު ޝަރަފުވެރިކޮށް ދެއްވައިފިއެވެ. ކޮންމެއަހަރެއްގެ 1 އޮކްޓޫބަރުގައި ފާހަގަކުރާ ބައިނަލްއަޤުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހަށް އ.ދ. އިން މިއަހަރު ކަނޑައަޅާފައިވާ ޝިއާރަކީ “ރެޒިލިއެންސް އޮފް އޯލްޑަރ ޕަރސަންސް އިން އަ ޗޭންޖިންގ ވަރލްޑް” އެވެ

ޖެންޑަރ މިނިސްޓްރީގެ ދަށުން ހިނގަމުންދާ 19 އަތޮޅުގެ އެފް.ސީ.އެސް.ސީތަކުގައި މިދުވަސް ކުލަ ގަދަކޮށް ފާހަގަކުރަމުން ދާއިރު، ރަސްމީ ހަރަކާތްތައް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކު ސިޓީގައެވެ.

މިގޮތުން، މިއަދު ފުވައްމުލަކު ސިޓީގައި އުޅޭ އުމުރުން ދުވަސްވީ ފަރާތްތަކަށް ޚާއްސަކޮށްގެން ހަފްލާއެއް ވަނީ ޙާފިޒް އަޙްމަދު ސްކޫލްގައި ބާއްވާފައެވެ. މި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދުގެ އަރިހުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ޢާއިޝަތު މުހައްމަދުދީދީ ބައިވެރިވެވަޑައިގަންނެވިއެވެ. އަދި ޖަޕާނުސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ ތަކެއުޗި މިދޯރި ބައިވެރިވެވަޑައިގެންނެވިއެވެ.

ފުވައްމުލައް ސިޓީގެ އިސްރަށްވެހިންގެ ޝަރަފުގައި ބޭއްވި މި ޖަލްސާގައި އެންމެހާ މެހުމާނުންނަށް ހެނދުނުގެ ނާސްތާ އަދި މަޢުލޫމާތު ދިނުމުގެ ފޯރަމެއްވެސް ކުރިއަށްގެންދަވާފައިވެއެވެ. މި ފޯރަމްގައި ދެވުނު މަޢުލޫމާތުގެ ތެރޭގައި ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށްޓަކައި ބޭނުންވާ ކާނާއާއި، ނަފްސާނީ ސިއްޙަތާއި، މަކަރާއިހީލަތުން ރައްކާތެރިވެތިބުން އަދި މާލީ ތަނަވަސްކަމުގެ މައްޗަށް މަޢުލޫމާތު ދިނުން ހިމެނެއެވެ.

މިދުވަހާއި ގުޅިގެން ގްރައުންޑް ގޮލްފް މުބާރާތެއް 11 – 13 އޮކްޓޫބަރަށް ކުރިޔަށް ގެންދެވުނު އިރު މުބާރާތުގެ ވަނަ ލިބުނު ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދެވެ.

ބައިނަލްއަޤުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ މިއަހަރުގެ ހަރަކާތްތައް ކުރިޔަށް ގެންދަނީ މިނިސްޓްރީއާއި ފުވައްމުލަކު ސިޓީ ކައުންސިލާއި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް  މޯލްޑިވްސް ޕޮލިސް ސާރވިސް އާއި ގުޅިގެނެވެ.

17 ރަބީޢުލް އައްވަލް 1444

13 އޮކްޓޫބަރު 2022

Leave a Reply

Your email address will not be published. Required fields are marked *