ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ނެރޭ ނޫސްބަޔާން

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ އެންމެހައި އަންހެނުންނަށް އަރިސްކުރަމެވެ.

މިދުވަހަކީ، އަންހެނުންގެ ދައުރާއި ކާމިޔާބީތައް ދެނެގަނެ އެކަންކަން ފާހަގަކޮށް، މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށްޓަކައި އިޖުތިމާޢީ، އިޤްތިޞާދީ އަދި ސިޔާސީ ގޮތުން ހުރި ގޮންޖެހުންތަކާއި މިންތީގެ ފަރަޤު ކުޑަކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލުމަށް ފާހަގަކުރާ ދުވަހެކެވެ. މި ދުވަހުގެ މުނާސަބަތުގައި، އެކި ދާއިރާތަކުގައި އަންހެނުންގެ އަގު ވަޒަންކުރުމަށާއި މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް ހުރި ގޮންޖެހުންތަކާއި ކުރަންހުރި މަސައްކަތްތައް ފާހަގަކުރުމަށް، ކޮންމެ އަހަރަކު ވެސް އ.ދ. އިން ޚާއްސަ ޝިޢާރެއް ކަނޑައަޅައެވެ.

މިއަހަރުގެ ޝިޢާރަކީ  “DigitALL: Innovation and technology for gender equality” މިއެވެ. މި ޝިޢާރުގެ ބޭނުމަކީ، އީޖާދީ ޓެކްނޮލޮޖީ އަދި ޑިޖިޓަލް އެޑިއުކޭޝަން ކުރިއެރުވުމުގައި ކާމިޔާބު ހޯދަމުންގެންދާ އަންހެނުންނާއި އަންހެންކުދިންގެ އަގުވަޒަންކޮށް ހިތްވަރު ދިނުމަށާއި، މިންތީގެ ފަރަގުތައް ކުޑަކުރުމަށާއި މިންތީގެ ހަމަހަމަކަމަށް ވާސިލުވުމަށްޓަކައި ހުރި ހުރަސްތައް ހައްލުކުރުމަށް ޓެކްނޮލޮޖީ މެދުވެރިކޮށް ކުރެވިދާނެ ކަންކަންކަމަށް އަލިއަޅުވާލުމެވެ.

މިގޮތުން، މިދުވަހަކީ ޑިޖިޓަލް މާހައުލުގައި މިންތީގެ ފަރަގުގެ ސަބަބުން ކުރިމަތިވާ އިޤްތިޞާދީ އަދި ޢިޖުތިމާއީ ތަފާތުތަކާއި ހަމަހަމަކަން ގެއްލިގެންދާދިއުމާއި އެކަމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ދެނެގަތުމަށް ބޭނުންކުރެވިދާނެ ފުރުޞަތެކެވެ. އަދި، ޑިޖިޓަލް މާހައުލުގައި އަންހެނުންނާއި އަންހެންކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ މުހިންމުކަމުގެ މައްޗަށް ހޭލުންތެރިކުރުމާއި، އޮންލައިން އަދި ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރުމަކީވެސް މިދުވަހުގެ އަމާޒެކެވެ.

އަންހެނުންނާއި ނާޒުކު ހާލަތްތަކުގައި ތިބޭ ފަރާތްތައް ޓެކްނޮލޮޖީގެ ވަސީލަތްތަކަށް އަހުލުވެރިކުރެވުމަކީ، އަންހެނުންގެ ބޭނުންތަކަށް ރިޢާޔަތްކޮށް އީޖާދީ ގިނަ ހައްލުތަކެއް ނެރެވި، މިންތީގެ ހަމަހަމަކަން ކުރިއެރުވުމަށް ލިބޭ އިތުރު ފުރުޞަތެކެވެ. ޓެކްނޮލޮޖީގެ ދާއިރާއިން ލިބިގެންދާ ކުރިއެރުންތަކަކީ އ.ދ. ގެ ‘ސަސްޓައިނަބަލް ޑިވެލޮޕްމަންޓް ގޯލްސް’ ނުވަތަ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް، ޚާއްސަކޮށް 5 ވަނަ ލަނޑުދަނޑި (ޖެންޑަރ އިކުއަލިޓީ ނުވަތަ މިންތީގެ ހަމަހަމަކަން)، ޙާސިލުކުރުމަށްޓަކައި އިތުރު މަގުތަކެއް ހުޅުވި ހަލުވިކަމާއެކު މަސައްކަތް ކުރުމަށް ފަހިކޮށްދޭނެ ކަންކަމެވެ. އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ އަންހެނުންނަށް އިތުރު ކުރިއެރުމާއި، ފުރުޞަތުތައް ފަހިވެފައިވާ ދެޖިންސަށްވެސް އޭގެ ފުރިހަމަ ޙިއްސާ ލިބި ތަރައްޤީގެ މަގުގައި ކުރިއަށްދާ ޤައުމަކަށް ހަދަމާތޯއެވެ.

“ޓެކްނޮލޮޖީއަށް އަހުލުވެރިވުމުގައި ފައިދާއާއި ގެއްލުމުގެ މައްޗަށް ރިޢާޔަތްކުރުމަށް ޅަ އުމުރުފުރައިން ފެށިގެން އަންހެންކުދިންނާއި ފިރިހެންކުދިންނަށް ދަސްކޮށްދިނުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެއް”

  • އާއިޝަތު މުޙައްމަދު ދީދީ، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް –
  • އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ އަންހެނުންނަށް އިތުރު ކުރިއެރުމާއި، ފުރުޞަތުތައް ފަހިވެފައިވާ ދެޖިންސަށްވެސް އޭގެ ފުރިހަމަ ޙިއްސާ ލިބި ތަރައްޤީގެ މަގުގައި ކުރިއަށްދާ ޤައުމަކަށް ހަދަމާތޯއެވެ.

 

16 ޝަޢުބާން 1444

08  މާރިޗު  2023