ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި މެލޭޝިޔާގެ ބޮޑުވަޒީރުގެ އަނބިކަނބަލުން، “ފިޔަވަތި”އަށް ޒިޔާރަތް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމާއި މެލޭޝިޔާގެ ބޮޑުވަޒީރުގެ އަނބިކަނބަލުން ދާތިން ޕަޑުކާ ސެރީ ރޮސްމާހް މަންސޫރު، ހުޅުމާލޭގައި ހުންނަ ކުޑަކުދިން ބަލަހައްޓާ މަރުކަޒު، “ފިޔަވަތި”އަށް މިއަދު ހެނދުނު ޒިޔާރަތް ކުރައްވައިފިއެވެ. އެ ދެ ކަނބަލުންނަށް ފިޔަވަތި މަރުކަޒުން މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީއެވެ.

ދެ ކަނބަލުންގެ މި ޒިޔާރަތުގައި ފިޔަވަތީގައި ދިރިއުޅޭ ކުދިންނާ ބައްދަލުކުރައްވައި، ކުދިންގެ ފަރާތުން ހުށަހަޅައިދިން އައިޓަމްތަކާއި، އެ ކުދިން ކުރަހާފައިވާ ކުރެހުންތައް ބައްލަވައިލެއްވިއެވެ. މީގެ އިތުރުން، ރާއްޖޭގެ ސަޤާފަތް ދައްކުވައިދޭ ގޮތަށް ތައްޔާރުކޮށްފައިވާ ތަކެއްޗާއި މަރުކަޒާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓެއް ވެސް ބައްލަވައިލެއްވެވިއެވެ. އަދި މި ޒިޔާރަތުގައި، ޕަރމާޓާއާއި މެލޭޝިޔާގެ އިންޓަނޭޝަނަލް ޔޫތު ސެންޓަރުގެ ފަރާތުން ފިޔަވަތި މަރުކަޒަށް އެހީއެއް ދެއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި މެލޭޝިޔާގެ ބޮޑުވަޒީރުގެ އަނބިކަނބަލުން ފިޔަވަތި މަރުކަޒަށް ޒިޔާރަތްކުރައްވައި، އެ ތަނުގައި ދިރިއުޅެމުންދާ ކުދިންނާ އެކު ވަގުތުކޮޅެއް ހޭދަކުރެއްވިކަމަށްޓަކައި މިނިސްޓަރ ޒެނީޝާ ޝުކުރު އަދާކުރެއްވިއެވެ. އަދި މެލޭޝިޔާގެ ޕަރމާޓާގެ ފަރާތުން ފިޔަވަތީގެ މުވައްޒަފުން ތަމްރީނުކުރުމަށް ވެދެއްވާފައިވާ އެހީތެރިކަން ވެސް މިނިސްޓަރ ޒެނީޝާ ފާހަގަކުރެއްވިއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި މި ވަގުތު ޖުމްލަ 149 ކުދިން ދިރިއުޅެމުންދާއިރު، މި ކުދިންގެ ތެރެއިން 12 އަހަރުން ދަށުގެ 94 ކުދިން ދިރިއުޅެމުންދަނީ 2016 ފެބުރުވަރީ މަހު ގާއިމުކުރެވުނު ފިޔަވަތީގައެވެ.

02 ރަބީޢުލްއާޚިރު 1439

20 ޑިސެންބަރު  2017

 

Leave a Reply

Your email address will not be published. Required fields are marked *