ނޫސް ބަޔާން

30 ސެޕްޓެމްބަރ 2020 ވަނަ ދުވަހު މި ސަރވިސްގެ ފިޔަވަތީގައި މަސައްކަތްކުރައްވަމުން ގެންދަވާ މުވައްޒަފެއް، ރޯގާގެ އަލާމާތްތައް ހުރުމާއި ގުޅިގެން ފްލޫ ކްލިނިކްއަށް ދައްކާ ޓެސްޓްކުރުމުން ވަނީ ކޮވިޑް 19 އަށް ފައްސިވެފައެވެ. މި ފަރާތަކީ 10 އަހަރާއި 13 އަހަރުގެ ފިރިހެން ކުދިން ބަހައްޓާފައިވާ ފަންގިފިލާގައި މަސައްކަތްކުރައްވަމުން ގެންދެވި މުވައްޒަފެއްކަމުން އެ ފަންގިފިލާގެ ކުދިންވަނީ ކަރަންޓީން ކުރެވިފައެވެ. މި ކުދިންގެ ޓެސްޓް ކުރެވި އިތުރު 8 ކުދިން ވަނީ ފައްސިވެފައެވެ. މި ފައްސިވި ކުދިންގެ ތެރޭގައި ރިސްކް ކެޓަގަރީގައި ހިމެނޭ ކުއްޖެއްވުމުން، މި ކުއްޖާ ކެއަރވޯކަރާއިއެކުވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ބަދަލުކޮށްފައެވެ. އަދި ކުއްޖާގެ ޙާލަތު މޮނިޓަރކުރެވި އެދެވޭ ފަރުވާ ދެމުންދާކަމާއި ހާލު ރަނގަޅުކަން ދަންނަވަމެވެ. ހަމަ މިއާއި އެކު ފައްސިވި އެހެނިހެން ކުދިންވަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އަދި ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރގެ އިރުޝާދުގެ ދަށުން ފެސިލިޓީއަކަށް ބަދަލުކުރެވިފައެވެ. އަދި މިކުދިންގެ ޙާލުވެސް ރަނގަޅުކަން ދަންނަވަމެވެ.

ފިޔަވަތި އަކީ ގިނަ ކުދިން އެތަނެއްގައި ތިބޭ ޖާގައިގެ ދަތިކަން ހުރިތަނެއް ކަމުގައިވުމުން، އެޗް.ޕީ.އޭ އަދި އެޗް.އޯ.އީ.ސީ އިން ވަނީ ކުދިންގެ ސިއްޚީ ރައްކާތެރިކަން ކަށަވަރުކުރުމަށް މި ސަރވިސްއަށް އިރުޝާދު ދެއްވާފައެވެ. އަދި މި އިރުޝާދުގެ ދަށުން މި ސަރވިސްއިން ވަނީ ކަމާއި ގުޅުން ހުރި އިދާރާތަކާއި މޮނިޓަރކުރުމުގެ ޒިންމާ އަދާކުރާ ފަރާތްތަކަށް އެންގުމަށްފަހު، ކަރަންޓީން ކުރެވުނު ފަންގިފިލާގައި ހިމެނޭ 26 ކުދިން ކެއަރވޯކަރުންނާއި އެކު އިތުރު ތަނަކަށް ބަދަލުކުރުމަށް ނިންމާފައެވެ. މިތަނަކީ 3 ފަންގިފިލާއަށް ހުރި 12 ކޮޓަރި ހިމެނޭ ތަނަކަށް ވެފައި، ކުދިންނަށް ބޭނުންވާ ރައްކާތެރިކަން ލިބޭނެކަން މި ސަރވިސްއިން ޔަޤީންކޮށްއަރުވަމެވެ. އަދި ކުދިންގެ ތަޢުލީމީކަންކަން ވެސް މި ތަނުގައި ކަށަވަރުކުރެވޭނެކަންވެސް ދަންނަވަމެވެ. މި ފުރުޞަތުގައި ފިޔަވަތީގައި ތިބި ކުދިންގެ ބެލެނިވެރިންނަށް އެކުދިންގެ މަޢުލޫމާތު ދެމުން ގެންދާނެކަމާއި ކަމުގެ ސައްޚަ މަޢުލޫމާތު އަޅުގަނޑުމެންނާއި ގުޅިގެން ހޯދުމަށް އެންމެހާ ފަރާތްތަކަށް ވެސް އިލްތިމާސްކުރަމެވެ. އަދި އަޅުގަނޑުމެންނަށް ދެއްވާ އެހީތެރިކަމަށް އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވަމެވެ.

20 ޞަފަރު  1442

07 އޮކްޓޫބަރު 2020

Leave a Reply

Your email address will not be published. Required fields are marked *