ނޫސް ބަޔާން

އުތުރުގެ ރަށެއްގައި އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ އަނިޔާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅޭގޮތުން ދަންނަވަމެވެ.

ދެންނެވިފައިވާ ފަދަ މައްސަލައެއް މާރިޗު 10ވަނަ ދުވަހު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށުން ހިންގަމުން އަންނަ އުތުރުގެ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރަކަށް ހުށަހެޅިފައިވެއެވެ. މި މައްސަލަ ހުށަހެޅުމާއެކު މި ސަރވިސްގެ ލަފައާއެކު އެ ސެންޓަރުން އައީ ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މިފަދަ ކޮންމެ މައްސަލައެއްގައި ވެސް މި ސަރވިސްގެ އެންމެ ބޮޑު އަމާޒަކީ ކުޑަކުދިންގެ ޙައްޤުތަކާ ގުޅުންހުރި ޤާނޫނުތަކާއި ބައިނަލްއަޤުވާމީ މުޢާހަދާތަކުގައި ބަޔާންކޮށްފައިވާގޮތަށް އަނިޔާ ލިބުނު ކުއްޖާއަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމެވެ. މި ގޮތުން މި މައްސަލަ މި ސަރވިސްގެ ސަމާލުކަމަށް އައުމާއެކު، މި ސަރވިސްއިން އެންމެ ބޮޑު އިސްކަމެއްދީފައިވާނީ ކުއްޖާއަށް ރައްކާތެރި މާޙައުލެއް ކަށަވަރުކޮށްދިނުމަށެވެ. މީގެއިތުރުން މި މައްސަލައިގައި ހުރި ކަންބޮޑުވުންތައް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަމާލުކަމަށް ގެނެސް، ގުޅުންހުރި މުއައްސަސާތަކާއެކު މި ސަރވިސްއިން މި ގެންދަނީ މަސައްކަތްކުރަމުންނެވެ. އަދި މި ސަރވިސްއިން މި އަންނަނީ މައްސަލަ ބެލުމުގައި ޝާމިލްވާ އެންމެހާ ފަރާތްތަކަށް ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާއެކު ކުއްޖާގެ ޙާލަތު ވަރަށް ގާތުން މޮނިޓަރކުރަމުންނެވެ.

ތުހުމަތުކުރެވިފައިވާ މައްސަލައަކީ ޙައްސާސީ މައްސަލައެއްކަމުން، މިފަދަ ހާދިސާތައް ތަޙުޤީޤުކޮށް، ކުށްކުރި ފަރާތްތައް އިންޞާފުގެ ކުރިމައްޗަށް ގެނައުމުގެ މަސައްކަތްކުރަމުންދާ މި ދަނޑިވަޅުގައި، ކުޑަކުދިންގެ ކަރާމަތަށް އުނިކަންލިބިދާފަދަ އެއްވެސް ޢަމަލެއް ނުކުރުމަށް ނަޞޭޙަތްތެރިވުމާއެކު، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ދައުލަތުގެ އިދާރާތަކާއި، ޚަބަރުފަތުރާ ވަސީލަތްތަކާއި، އަމިއްލަ ފަރުދުންގެ ވަރަށް ބޮޑު ޤާނޫނީ ޒިންމާއޮތްކަން ހަނދާންކޮށްދެމެވެ. އަދި މި ފުރުޞަތުގައި، ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު)ގެ 33ވަނަ މާއްދާގެ (ހ)ގައި ކުޑަކުދިންގެ ކަރާމާތައް އުނިކަން އަންނަ ގޮތަށް، ކުޑަކުދިންގެ ޒާތީ މަޢުލޫމާތު އެއްވެސް ފަރާތަކުން ޢާންމުކޮށްގެންނުވާނެކަމުގައި ބަޔާންކޮށްފައިވާތީ، އިސްވެ ދެންނެވުނު މާއްދާއާ ޚިލާފުވާނެފަދަ ގޮތަކަށް އެއްވެސް ފަރާތަކުން ޢަމަލު ނުކުރުމަށް އިލްތިމާސްކުރަމެވެ.

13 ޝައުބާން 1442

26  މާރިޗު  2021

Leave a Reply

Your email address will not be published. Required fields are marked *