ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް “އެކްސެސިބިލިޓީ” އާއި “އިންކްލޫސިވިޓީ” ކަށަވަރުކޮށްދިނުމަށް އެންމެ ބޭނުން އެއް ވަސީލަތަކީ ސްމާޓް ސިޓީތަކެއް – މިނިސްޓަރ ޒެނީޝާ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް “އެކްސެސިބިލިޓީ”އާއި “އިންކްލޫސިވިޓީ” ކަށަވަރުކޮށްދިނުމަށް އެންމެ ބޭނުން އެއް ވަސީލަތަކީ ސްމާޓް ސިޓީތަކެއް ކަމަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެއެވެ.

ހޮޓެލް ޖެންގައި މިއަދު ފެށުނު “ޕްރޮމޯޓިންގ ޑިސްއެބިލިޓީ އިންކްލޫސިވް ޑިވޮލޮޕްމަންޓް ފޯރަމް”ގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޒެނީޝާ ވިދާޅުވީ ސައިންސާއި ޓެކްނޮލޮޖީގެ ސަބަބުން ދިވެހިންގެ ޢާންމު ދިރިއުޅުމަށް މިއަދު ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށާއި، ދިވެހިންނަކީ ޒަމާނީ ވަސީލަތްތަކުގެ ބޭނުން ފުޅާ ދާއިރާއެއްގައި ހިފާ ބައެއްކަމަށެވެ.  މި ގޮތުން، މި ފަދަ ޚިދުމަތްތައް ފުރިހަމަވެފައިވާ ސިޓީތަކެއް ނުވަތަ ރަށްތަކެއް އުފެއްދުމަށް ސަރުކާރުން ފުޅާ ދާއިރާއެއްގައި އެކި ފަރާތްތަކާ މަޝްވަރާކޮށްފައިވާކަމަށާއި، ސްމާޓް ސިޓީގެ ސިޔާސަތަކީ ހަމައެކަނި އިންފޮރމޭޝަން ޓެކްނޮލޮޖީގެ ވަސީލަތްތައް ފަސޭހައިން ލިބޭނެ މަގު ފަހިކުރުން ކަމުގައި ނުވާތީ، ހުޅުމާލެއަކީ ހުރިހާ ފަރާތްތަކަށް އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮތުން އެކްސެސްވެވޭނެ ތަނަކަށް ހެދުމަށް ސަރުކާރުން އިސްކަން ދެއްވާ ކަމުގައި މިނިސްޓަރ ޒެނީޝާ ވިދާޅުވިއެވެ.

މުޖުތަމަޢުގައި ތިބޭ ހުރިހާ ފަރާތްތައް ޚިދުމަތް ދެވޭ ގޮތަށް ތަރައްޤީކުރާ މި ސްމާޓް ސިޓީ ޕްރޮޖެކްޓް ފަރުމާކޮށްފައިވަނީ ޔުނިވަރސަލް ޑިޒައިނަކަށް ކަމަށާއި، ޔުނިވަރސަލް ޑިޒައިނެއްގެ އެންމެ މުހިންމު އެއް ބޭނުމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމިއްލައަށް އުޅެވޭ ފަދަ ގޮތަކަށް ސިޓީތައް ބައްޓަންކުރުންކަމުގައި މިނިސްޓަރ ޒެނީޝާ ވިދާޅުވިއެވެ. އެހެން ކަމުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެންމެ ފުރިހަމައަށް ބޭނުން ހިފޭގޮތަށް ހުޅުމާލެ ތަރައްޤީކުރެވިގެން ދިޔުމަކީ އެ ފަރާތްތަކުގެ ޙައްޤުގައި ކޮށްދެވޭ ވަރަށް ބޮޑު މަސައްކަތެއްކަމަށާއި، މުޖުތަމަޢުގެ އެކި ދާއިރާތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިވެރިވުން އޮތުމަކީ މުޅި ގައުމުގެ ތަރައްޤީއަށް ލިބޭ ކުރިއެރުމެއްކަމުގައި މިނިސްޓަރ ޒެނީޝާ ވިދާޅުވިއެވެ.

ޔޫ.އެން.ޑީ.ޕީ މޯލްޑިވްސްގެ ފަރާތުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އެއް ދުވަހުގެ މި ފޯރަމްގައި ނުކުޅެދުންތެރިކަން ހުރި ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކުރުމަށް އެކުލަވައިލައިފައިވާ ޤާނޫނުތަކާއި ސިޔާސަތުތަކާބެހޭ ޕްރެޒެންޓޭޝަނެއް މިނިސްޓްރީގެ ފަރާތުން ހުށަހަޅައި ދީފައިވެއެވެ.  

10 ޝައްވާލް 1439   

23   ޖޫން  2018

Leave a Reply

Your email address will not be published. Required fields are marked *