ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ނާޖާއިޒު ފައިދާ ނަގަމުންގެންދާތީ، މިފަދަ ޢަމަލުތައް މިނިސްޓަރ ޒެނީޝާ ކުށްވެރިކުރައްވައިފި

ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންގެ ނާޖާއިޒު ފައިދާ ދިވެހި މުޖުތަމަޢުގައި މަދުން ނަމަވެސް ނަގަމުންގެންދާކަން ފާހަގަކުރައްވައި، އެ ފަދަ ޢަމަލުތައް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ ހަރުކަށި ޢިބާރާތުން މިއަދު ކުށްވެރިކުރައްވައިފިއެވެ.

ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހޮޓެލް ޖެންގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން “ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ގެއްލެމުންދާ ހާލަތްތަކާއި އިހުމާލުވުމާއި މިނޫންވެސް ޤަބޫލުކުރަން ދަތި ކަންކަން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަހައްމަލުކުރަމުންގެންދާކަމަށް” މިނިސްޓަރ ޒެނީޝާ ވިދާޅުވިއެވެ. އަދި ޚާއްޞަ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި މިހާރަށްވުރެ ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމަޢުގައި ހުރިހާ ދާއިރާއެއްގައި ފުރިހަމަ ގޮތެއްގައި ބައިވެރިވެވޭނެ ގޮތް ފަހިކޮށްދިނުމަކީ މުޅި ޤައުމުގެ ތަރައްޤީއަށް ލިބިގެންދާ ކުރިއެރުމެއްކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ކޮންމެ ކުއްޖަކު ވެސް އުފަލުގައި ހެދިބޮޑުވުމަށް ތަޢުލީމާއި ޞިއްޙީ ޚިދުމަތްތައް ފަސޭހައިން ލިބޭފަދަ މާހައުލެއް ގާއިމުކުރަންޖެހޭކަން މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި ހުރިހާ ކުދިން ޝާމިލުކޮށްގެން ކިޔަވައިދޭ ސިޔާސަތުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީތެރިވެދިނުމަށް 350 ށްވުރެ ގިނަ ޓީޗަރުން މިހާރު ތަމްރީންކޮށްފައވާ ކަމަށާއި ސިއްޙީ ދާއިރާގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ވަސީލަތްތަކާއި ޚިދުމަތްތައް ހޯދުމުގައި ސަރުކާރުން ފޯރުކޮށްދެމުންދާ އެހީތެރިކަމަށް މިނިސްޓަރގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުރުޞަތުތައް އިތުރުކޮށް، އިޤްތިޞާދީގޮތުން ބާރުވެރި ބަޔަކަށް ހެދުމަށްޓަކައި، ސަރުކާރުން ޚާއްޞަ މަސައްކަތްތަކެއް ކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މި ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ޚާއްޞަ އިސްނެންގެވުމުގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ 270 ފަރާތަކަށް ސަރުކާރު ޙިއްޞާވާ ކުންފުނިތަކުން މިހާތަނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާމެދު މުޖުތަމަޢުއިން ގެންގުޅޭ ނޭދެވޭ ތަފާތުކުރުންތައް ނައްތާލުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ. އަދި އެފަރާތްތައް މުޖުތަމަޢުގައި ހަރަކާތްތެރިވުމަށް ހުރި ގޮންޖެހުންތައް މަދުކުރުމަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ދިވެހި މުޖުތަމަޢުގައި ހަވާސާ ވެފައިވާ ބަޔަކަށް ނުހެދުމަށްޓަކައި ދިވެހި ކޮންމެ ރައްޔިތެއްގެ ދައުރު ވަރަށް މުހިންމު ކަމުގައި ފާހަގަކުރައްވައި، އެފަރާތްތަކަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ވީހާވެސް ގިނަ ފަރާތްތަކެއްގެ އެއްބާރުލުން ބޭނުންވާކަމަށްވެސް ވިދާޅުވިއެވެ.

15 ރަބީޢުލްއައްވަލް 1439

03 ޑިސެމްބަރ 2017

Leave a Reply

Your email address will not be published. Required fields are marked *