ހުޅުމާލޭގައި ހިންގާ ކުޑަކުދިން ބަލަހައްޓާ މަރުކަޒު ފިޔަވަތީގައި ސެންސަރީ ރޫމެއް ގާއިމުކޮށްފި

ހުޅުމާލޭގައި ހިންގާ ކުޑަކުދިން ބަލަހައްޓާ މަރުކަޒު ފިޔަވަތީގައި ސެންސަރީ ރޫމެއް ގާއިމުކޮށްފިއެވެ. މި ސެންސަރީ ރޫމް ރަސްމީކޮށް ހުޅުވައިދެއްވީ ފިޔަވަތީގައި މިއަދު ކުރިއަށް ދިޔަ ކުޑަ ރަސްމިއްޔާތެއްގައި ދިވެހިރާއްޖޭގައި ހުންނަވާ ޔުނިސެފްގެ ރެޕްރެޒެންޓޭޓިވް މިސްޓަރ މުނީރު އ. ސަފީލްދީނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ މި ސެންސަރީ ރޫމް ޚާއްޞަކުރެވިފައިވަނީ ދައުލަތުގެ ބެލުމުގެދަށުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށާއި، ނަފްސާނީ ގޮތުން އެހީތެރިކަން ބޭނުންވާ ކުދިންގެ އިތުރުން ހެދިބޮޑުވުމުގެ މަރުޙަލާތަކުގައި ލަސްތަކެއް އުޅޭކަމަށް ފާހަގަކުރެވޭ ކުދިންނަށްކަމަށެވެ. އަދި ސެންސަރީ ރޫމް އިން ހިންގޭ ހަރާކާތްތަކުގެ ސަބަބުން ކުދިންގެ ތަފާތު ހުނަރު ތައް ތަރައްޤީކޮށް، އިހުސާސްތައް ދެނެގަނެ، ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްވެގެންދާނެކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

މި ސެންސަރީ ރޫމްގައި ތެރެޕިއުޓިކް ހަރަކާތްތައް ކުރިއަށް ގެންދެވޭ ގޮތަށް، ހިއްސުތަކުގެ (ފެނުން/ އަޑުއެހުން) ހުނަރުތައް ތަރައްޤީކުރުމަށް ކުޅޭތަކެއްޗާއި، ސެންސަރީ ޓެކްޓައިލް މެޓްތަކާއި، ތަފާތު ކުލަތަކާއި، އެކި ޓެކްސްޗަރގެ ތަކެތި ބޭނުންކުރުމުގެ އިތުރުން ތަފާތު ރާގު ނުވަތަ އަޑުތައް އިވޭނެގޮތަށް އެކި ވަސީލަތްތައް ގާއިމުކުރެވިފައިވެއެވެ. މި ޚިދުމަތް ގާއިމުކުރެވިފައިވަނީ ޒަރލީނާ ސްޓޫޑިއޯގެ އެހީތެރިކަމާއެކުގައެވެ.

ފިޔަވަތީގައި ދިރިއުޅޭ ޚާއްޞަ އެހީތެރިކަން ބޭނުންވާ ކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއެކު ސްޕެޝަލް ނީޑްސް ކޮންސަލްޓަންޓެއް މަސައްކަތްކުރަމުން ގެންދެއެވެ. އަދި މި ކުދިންގެ ހުނަރުތައް ތަރައްޤީކުރުމަށް ކުރާ މަސައްކަތްތަކުގައި މި ސެންސަރީ ރޫމް ގާއިމުކުރުމާއެކު ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

ފިޔަވަތީގައި މި ވަގުތު 12 އަހަރުން ދަށުގެ 98 ކުދިން ދިރިއުޅެމުންދެއެވެ.

29  ޞަފަރު  1440

07 ނޮވެންބަރު 2018

Leave a Reply

Your email address will not be published. Required fields are marked *