ހއ. ފިއްލަދޫގައި ގެވެށި އަނިޔާ ހުއްޓުވުމާއި ގެވެށި ގުޅުމުގެ މުހިންމު ކަމާއި ބެހޭގޮތުން ހޭލުންތެރިކުރުމުގެ ބައްދަލުވުންތަކެއް ފަށައިފި

ގެވެށި އަނިޔާ ހުއްޓުވުމާއި ގެވެށި ގުޅުމުގެ މުހިންމު ކަމާއި އަދި ކުދިން ބެލެހެއްޓުމުގައި ސަމާލުކަންކަން ދޭންވީކަންކަމާއި ބެހޭގޮތުން ހޭލުންތެރިކުރުމުގެ ބައްދަލުވުންތަކެއް ހއ.ފިއްލަދޫގައި ކުރިއަށް ގެންދަން ވަނީ ފަށާފައެވެ.  ބައްދަލުވުންތައް ކުރިއަށް ގެންދިނުމަށް ހަމަޖެހިފައިވަނީ 27 ނޮވެމްބަރު 2021 އިން 29 ނޮވެމްބަރު 2021 ގެ ނިޔަލަށެވެ.

މިބައްދަލުވުންތަކުގައި އެ ރަށުގައި ގެވެށިއަނިޔާގެ މައްސަލަތައް އޮތް މިންވަރާއި، ގެވެށި އަނިޔާ ހުއްޓުވުމާއި އެމައްސަލަތަކަށް ހޭލުންތެރިކުރުވުމާއި ގެވެށި އަނިޔާއިން އަރައިގަންނަން މަސައްކަތްކުރާ ފަރާތްތަކަށް ލިބެން ހުރި ތަފާތު ޚިދުމަތްތަކާބެހޭ ގޮތުން މަޢުލޫމާތު ދިނުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި، މުއައްސަސާތައް ގުޅިގެން އަދާކުރެވިދާނެ ދައުރާބެހޭގޮތުން މަޝްވަރާކުރެވިގެން ދާނެއެވެ. އަދި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ލިބެންހުރި ޚިދުމަތްތަކާބެހޭގޮތުން ކަމާއި ބެހޭ ފަރާތްތަށް ހޭލުންތެރި ކުރުވުމުގެ ގޮތުން މަޢުލޫމާތު ފޯރުކޮށްދެވިގެން ދާނެއެވެ. މީގެ އިތުރުން، މިހާރު ފެންމަތި ވަމުން އަންނަ ތަފާތު އިޖުތިމާޢީ މައްސަލަތަކާ ބެހޭ ގޮތުން މަޢުލޫމާތު ފޯރުކޮށްދެވިގެން ދާނެއެވެ. މިގޮތުން ކުޑަކުދިންނަށް ކުރެވޭ ތަފާތު އަނިޔާތައް, ރިލިޖަސް އެކްސްޓްރީމިޒަމް, މުޖުތަމަޢުގައި ހުރި ސްޓީރިއޯޓިޕިކަލް ބިލީފްސް ހިމެނެއެވެ. ހަމަ އެއާއެކު މަޢުލޫމާތު ސެޝަންތަކަށް ފަހު ބައިވެރިންނަށް ލިބުނު މަޢުލޫމާތުގެ އަލީގައި ރަށު ފެންވަރުގައި ކުރެވޭނެ ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާކުރެވިގެން ދާނެއެވެ. މި ސެޝަންތައް ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ ބެލެނިވެރިންނާއި ފުރާވަރުގެ ކުދިންނަށް އަދި ކަމާބެހޭ ފަރާތްތަކަށެވެ.

މި ބައްދަލުވުންތައް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ގެވެށި އަނިޔާއަށް މުޖުތަމައު ހޭލުންތެރި ކުރުވައި ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމާއި ގެވެށި އަނިޔާގެ ޤާނޫނު ތަންފީޒުކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކާމެދު މަޝްވަރާކުރުމުގެ އިތުރުން ގެވެށި އަނިޔާ ހުއްޓުވުމަށާއި ގެވެށި އަނިޔާ ލިބެމުންދާ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ކަމާބެހޭ މުއައްސަސާތަކުގެ ޒިންމާއާމެދު ބައިވެރިން ހޭލުންތެރި ކުރުވައި ގެވެށި ގުޅުން ހަރުދަނާކޮށް ކުރިއެރުވުމަށް ކަމާބެހޭ މުއައްސަސާތަކުން ކުރެވިދާނެ ކަންތައްތަކާމެދު މަޝްވަރާކުރުމެވެ.

މިއީ ގެވެށި ގުޅުމުގެ މުހިއްމު ކަމާއި ގުޅޭގޮތުން މުޖުތަމަޢު ހޭލުންތެރިކުރުވައި، އިޖްތިމާޢީ ގޮތުންނާއި ނަފްސާނީ ގޮތުން ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް ބާރުއެޅުވުމުގެ މަޤްސަދުގައި 15 ޖުލައި 2020 ގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން ފަށާފައިވާ ގައުމީ ކެމްޕެއިން “ގެވެށި ގުޅުން” ގެ ޙަރަކާތްތައް އަތޮޅު ތެރޭގައި ހިންގުމަށްޓަކައި ރޭވިފައިވާ ގޮތުގެ މަތިން ފިއްލަދޫ އަދި އިހަވަންދޫގެ ކަމާބެހޭ ފަރާތްތަކަށާއި، ބެލެނިވެރިންނަށާއި، ފުރާވަރު އުމުރުގެ ކުދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މައުލޫމާތު ދިނުމުގެ ބައްދަލުވުންތަކެކެވެ.

25 ރަބީޢުލްއާޙިރު 1443

30 ނޮވެންބަރު   2021

Leave a Reply

Your email address will not be published. Required fields are marked *